މިއީ ބ. އޭދަފުށިން 2019 ވަނަ އަހަރަށްފަހު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އެފަހަރު މާފަންނު ކައިރިން ޕެނަލްޓީ ޖަހައިގެން ބަލިވި ހިތްދަތި ހަނދާން އޭދަފުށީގައި އެބައޮތެވެ. އޭގެ ފަހުންވެސް ހިތްދަތި ގޮތްތަކަށް މުބާރާތުން ކަޓައިގެން ދިޔަ ދިޔުމުގެ ހަނދާނާވެސް އެކުގައެވެ. އެހެން ނަމަވެސް، އެ ހަނދާންތަކަކީ ޓީމަށް މާޔޫސީ ހަނދާންތަކަކަށް ހެދުމަށް އެޓީމުގެ ވިސްނުމެއް ނެތެވެ. އޭދަފުށީގެ ވިސްނުން ހުރީ، އެ ހިތްދަތިކަން ހިތްވަރަށް ބަދަލުކޮށް، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމަށް ރަށް ގެންދިއުމެވެ. "ތަށި ރަށަށް ގެންދިޔުމެވެ."
"ވަރަށް ފިޓްކޮށް ޓީމު އޮތީ. ވަރަށް ކިކްކޮށް މިހާރު އޮތީ. އެކަމަކު ތަށި ދިފާއުކުރަން ނުކުންނަ ޓީމެއް އިދިކޮޅުން މިއޮތީ އެކަމަށް ވިސްނަން ޖެހޭ. ގަމަކީ މިދިޔަ އަހަރުގެ ފައިނަލްގައި ކުޅެފަ އޮތް ޓީމެއް. އެހެންވީމަ އެތަޖުރިބާ އެ ޓީމުގަ ހުންނާނެ. އެ ތަޖުރިބާ ނިއުޓްރަލައިޒް ކުރަން އަޅުގަނޑުމެން ބޭނުންކުރަނީ ކުޅުންތެރިންގެ ތަޖުރިބާ. އޭދަފުށީގައި މިތިބީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގައިވެސް ކުޅެފަ ތިބި، މިހާރުވެސް ކުޅެމުން އަންނަ ކުޅުންތެރިން. އެހެންވީމަ އެއީ ފައިދާއެއް،" އޭދަފުށީ ޓީމުގެ ކޯޗެއްގެ ގޮތުގައި ތިންވަނަ އަހަރަކަށް ހަރަކާތްތެރިވާ ފައުޒާން ހަބީބު (ފައު) "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ފައުޒާން ގަބޫލުކުރާ ގޮތުގައި އޭދަފުއްޓަށް އޮތް އެއް ފައިދާއަކީ ސްކޮޑުގެ ވަރުގަދަ ކަމެވެ. ހާއްސަކޮށް ގަޑި ހުއްޓައިގެން ކުޅެމުން އަންނައިރު، ވަރުބަލިކަން އިތުރުވުމުން، އެކަމަށް ހައްލު ގެންނަން އޮތީ ރަނގަޅު ރޮޓޭޝަނެއްގައި ކުޅުންތެރިން ބޭނުންކޮށްގެން ކަމަށް އޭނާ ފާހަގަކުރިއެވެ. އެކަމަށް ސްކޮޑުގެ ކޮލިޓީ ރަނގަޅު ކަމަށް ފައުޒާން ފާހަގަކުރިއެވެ.
އޭދަފުށިން މިފަހަރުގެ ފައިނަލަށް ނުކުތީ ޕެނަލްޓީ ޝޫޓްއައުޓްތަކެއްވެސް ކާމިޔާބު ކޮށްގެންނެވެ. ހާއްސަކޮށް، ކ. ގާފަރާއި ތ. ތިމަރަފުށި ކައިރިންވެސް ޕެނަލްޓީއަށް ގޮސްގެން އޭދަފުށިން ވަނީ ތަފާތު ދައްކައިފައެވެ. މީގެ ކުރިން އެޓީމަށް ޕެނަލްޓީގެ މާޔޫސްކަމާ ތަކުރާރުކޮށް ކުރިމަތިލާން ޖެހިފައިވާ އިރު، މިފަހަރު އޮތް ފޯމުގައި ޕެނަލްޓީވެސް ކާމިޔާބުކުރެވުމަކީ ފައުޒާނަށް ހިތްވަރެކެވެ. އެކަމުގައި ޓީމުގެ ދެ ކީޕަރުންގެ ދައުރު ބޮޑެވެ. މެޗު ތެރޭގައި އަބްދުﷲ ނާސިހުގެ މޮޅެތި ސޭވްތައް ފެނިގެންދާ އިރު، ޕެނަލްޓީގައި ކީޕަރު އަފްޒަލް އިބްރާހީމްގެ ތަފާތުވެސް ފެނިގެން ގޮސްފިއެވެ.
"ދެ ކީޕަރުންނަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ. ދެން ނާސިހު އެއީ ގައުމީ ފުޓްސަލް ޓީމުގައިވެސް ކުޅެމުން އަންނަ ކީޕަރެއް. އެންމެފަހުން މުބާރާތް ނިންމާފަ އައިއިރު، ނާސިހު ހުރީ ތަފާތު ލެވެލެއްގަ. އޭނާގެ ފަރާތުން އެފޯމު އެބަ ފެނޭ. ދެން އަފޫއަކީ ރަށު ލެވެލްގަ އެންމެ ކާމިޔާބު އެއް ކީޕަރު. އަދި ނާސިހާއެކު އެއް ޓީމަކަށް ކުޅެމުން އަންނަނީ. ދެ ކީޕަރުގެ ކެމިސްޓްރީއެއްވެސް އޮންނާނެ. ކީޕަރުންގެ އިތުރުން ދެން މިއީ ރާއްޖޭގަ ނެގޭނެ އެންމެ ވަރުގަދަ އެއް ސްކޮޑު މިއޮތީ ޓީމުގަ. އެހެންވީމަ ވަކި ކުޅުންތެރިޔަކަށް ބަރޯސާވުމުގެ ބަދަލުގަ ޓީމު އެއްކޮށް ބޭނުންކުރެވޭނެ،" ފައުޒާން ބުންޏެވެ.
އޭދަފުށި އެއްކޮށް މިރޭގެ ފައިނަލަށް ތައްޔާރެވެ. ޓީމުން ހީކުރިވަރަށްވުރެވެސް ތައްޔާރީ ބޮޑެވެ. އެތައް ބަޔަކު ރަށުން މާލެވެސް އައިސް، މިރޭގެ މެޗަށް ތައްޔާރުވެއްޖެއެވެ. ކޯޗު ފައުޒާން ގަބޫލުކުރާ ގޮތުގައި މިރޭގެ ފައިނަލުން ތަށި ނެގުން އެއީ ރަށުގެ ކުރިއަށް އޮތް ޖީލަށްޓަކައި ވެސް މުހިއްމު ކަމެކެވެ.
"ރަށުގެ ފުޓުބޯޅައިގެ ނަން އަބަދުވެސް އޮންނާނެ. އެއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އެތައް ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދާތީ. އެހެން ނަމަވެސް، ރަށު ލެވެލްގައި ތަށި ނެގުން އެއީ ޗެލެންޖަކަށްވެފަ މި އޮންނަނީ. ދެން އެހެން އައިސް ފުޓްސަލްގައި އައިލެންޑާސް ކަޕް ކުޅުނު އިރު ތަށި ނެގިން. އޭގެ ފަހުން ފުޓްސަލްގެ ތަށްޓެއް ނެގިފައެއް ނެތް. އެހެންވީމަ މި ތަށި ހޯދުމަކީ ރަށަށް ވަރަށް މުހިއްމު ކަމެއް. މުސްތަގުބަލުގައި އަންނަނަން ތިބި ކުޅުންތެރިންނަށް ވަރަށް މި ތަށި ވަރަށް މުހިއްމުވާނެ. އެއީ ރަށަށް ތަށްޓެއް ނުލިބޭތާ ދުވަސްވެފައިވެސް އޮތުމާއެކު. އަންނަން އޮތް ޖީލަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނީ ރާއްޖޭގެ ފުޓްސަލް ތަށި ނެގިގެން، އެ ނަން ތާރީހުގައި ލިޔެލެވިއްޖެ ނަމަ. އެހެންވީމަ މިއީ ވަރަށް މުހިއްމު ތަށްޓެއް،" ފައުޒާން ބުންޏެވެ.
އޭދަފުށީގެ ނަން ފުޓްސަލް ތާރީހުގައި ލިޔެލަން މިރޭ އެޓީމުން ލ. ގަމާ ދެކޮޅަށް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ނުކުންނާނީ 9:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް