ރާއްޖޭގެ އެންމެ ވާދަވެރި، އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް، ޖެހިޖެހިގެން ދެ އަހަރު ނުކުތުމަކީ އެއްވެސް ހާލެއްގައި ފަސޭހަކަމަކަށް ނުވާނެއެވެ. ނަސީބަށް ބަރޯސާވެފައި އޮތް ކަމަކަށްވެސް ނުވާނެއެވެ. އެއީ ބުރަ މަސައްކަތެވެ. އެއީ ތަފާތު ޖޯޝެއްގައި، ތަފާތު ރޫހެއްގައ އެކަނި ކުރެވޭނެ ކަމެކެވެ. އެއީ ފުޓްސަލްގެ ސަގާފަތެއް އަށަގެންފައިވާ ރަށަކަށް ނޫނީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. ޔަގީނުންވެސް ލ. ގަމުން ރާއްޖޭގެ ފުޓްސަލް ރަސްކަމާ ހަމައަށް ގޮސް، އެ ތަށި ދިފާއުކުރަން ނުކުންނަނީ އެތައް ގުރުބާނީއެއް ވެ، އެތައް ބައެއް އެކަމުގައި ޝާމިލްވެގެންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް މޫނަކީ ކޯޗު އިސްމާއީލް ޝަރީފް (އިއްސެ) އެވެ. އެއީ ޓީމުގެ ސިކުނޑިއެވެ.

އިއްސެ ކޯޗުގެ ގުޅުން ފުޓްސަލްއާ އޮތީ ގަމު ޓީމާ ހަމައަކުންވެސް ނޫނެވެ. އަދި ގަމު ޓީމާއި އޭނާއާ އޮތް ގުޅުމަކީވެސް މިދިޔަ އަހަރަކު، މިއަހަރަކު އުފެދިފައިވާ ގުޅުމެއްވެސް ނޫނެވެ. އެއީ މާ ކުރިން ފެށިގެންވެސް އުފެދިފައިވާ ލޯތްބެކެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ފުޓުބޯޅަ ކުޅެން މަސައްކަތް ފެށި އިއްސެގެ ކެރިއަރުގެ ފެށުން ސިކްސް އެ ސައިޑުން ގޮސް، ފުޓްސަލްއަށް ބަދަލުވެ، މިހާރު އެހުރީ ރާއްޖޭގެ އެންމެ އުހުގައެވެ.

"2003 ވަނަ އަހަރު ހިސާބު ވިކްޓަރީއަށްވެސް ކުޅުނިން. ދެން ހަމަ ރަނގަޅަށް ކުޅެފަ ދެވަނަ ސީޒަނުގައި އަނިޔާވެ ފުރަތަމަ ޑިވިޝަނުން ދުރަށް ޖެހިލައިގެން ހުރީ. އެ ދުވަސްކޮޅު ދެން ސިކް އެ ސައިޑް ރާއްޖެއަށް އައި ހިސާބު އެއީ. އޭރު އަދި ފުޓްސަލް ނުވެސް އާދޭ. ދެން އެހެން އުޅެފަ އޭރު މާލޭގައި އޮންނަ އެންމެ ބޮޑު ސިކް އެ ސައިޑް މުބާރާތް، ޓައިމް ސްޕްރިންޓް ކަޕްގައި 2006 ވަނަ އަހަރު ރޯދަމަހުގައި ކުޅެ، އަންޑަ ޑޯގެއް ގޮތަށް ޓީމަށް ތަށި ނަގައިދިނީ. އެ މުބާރާތުގައި ޓީމު ލީޑުކޮށް ގޮތް ނިންމައި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ނެގި ފުރަތަމަ ތަށްޓަކީ އެއީ. އެހިސާބުން ފެށިގެން 2008 ވަނަ އަހަރު ތަށި ނެގިން އަނެއްކާވެސް،" އިއްސެގެ ކެރިއަރުގެ ފެށުން ކިޔައިދެމުން ބުންޏެވެ.

އިއްސެ އޭގެ ފަހުން ކްލަބު މޯލްޑިވްސްއަށް ނުކުތެވެ. އެގޮތުން ޓީވީއެމް ޓީމަށާއި އެލައިޑް ޓީމަށްވެސް ކޯޗުކަން ކޮށްދިނެވެ. އޭގެ ތެރެއިން ހާއްސަވީ އެލައިޑް ޓީމުންނެވެ. އެޓީމާއެކު އިއްސެ ވަނީ ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އެއީ އިއްސެގެ އަމިއްލަ ކެރިއަރުގެ ބިންގަލެވެ. ގަމަށް އުފަން ކޯޗު، ރަށު ޓީމާއެކު ކުރި ދަތުރު އަދި މާ ހާއްސައެވެ. އިއްސެއަކީ ގަމުގެ ފުޓްސަލްއަށް ހިދުމަތްތެރިއެކެވެ. ރަން ޖީލެއް އުފެއްދުމުގައި އަމިއްލަ އިސްނެގުމެއް ގެންގުޅުނު ކޯޗެކެވެ.

"ގަމަކީ އަބަދުވެސް ސިކްސް އެ ސައިޑްވެސް އޮންނަ ތަނެއް. ދެން އޭރު އެގްރެސިވްކޮށް ސިކްސް އެ ސައިޑް ކުޅެމުން ދިޔައީ. އޭރު ރަނގަޅު ރެފްރީންވެސް ނުލިބޭތީއާއެކު، އާންމުކޮށް ވެސް މުބާރާތްތައް ހަމަނުޖެހުންތަކަށް ދާނެ. އެހެން އެކަން ދަނިކޮށް، ސްޓާ ޖަމިއްޔާއާއެކު ގަމުގައި ފުރަތަމަ ފުޓްސަލް މުބާރާތެއް ބޭއްވީ އަޅުގަނޑު އިސްނަގައިގެން. އެހިސާބުން ފުޓްސަލް ލާމުގައި މަޑުމަޑުން، ގަމުގައި ހާއްސަކޮށް ވައިގަ ހިފައިގެން ދިޔައީ. ދެން އެކަމަށް ކްލަބު ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންވެސް މަސައްކަތްކޮށް، މުބާރާތްތައްވެސް ބޭއްވި. އޭރު ކުރި މަސައްކަތް މިހާރު މިފެނިގެން ދަނީ. އޭރު ނުކުތް ކުޅުންތެރިން މިހާރު ޕީކްގައި ކުޅެމުން މިދަނީ. 10 ވަރަކަށް އަހަރުން ކުރި މަސައްކަތް މިހާރު މި ފެންނަނީ،" ގަމުގެ ފުޓްސަލްއާ ގުޅޭގޮތުން އިއްސެ ބުންޏެވެ.

ގަން ދެވަނަ ފައިނަލަކާ ހަމައަށް ގެންދިޔުމުގައި އިއްސެއަށް އެންމެ ފަސޭހަވި ކަމަކީ ގާތުން ކުޅުންތެރިން އެނގުމެވެ. އިއްސެ ދެކޭ ގޮތުގައި ދިމާވާ ކޮންމެ ހާލަތަކަށް ތައްޔާރުވާން ކުޅުންތެރިންނާ ގުޅުން ބަދަހިކޮށް ބޭއްވުން މުހިއްމެވެ. ހާއްސަކޮށް އެ ގުޅުމާއެކު ކުޅުންތެރިންނާ ދޭތެރޭ އިތުބާރެއް ގާއިމުވެފައި އޮތް ކަމަށްވެސް އިއްސެ ބުންޏެވެ.

"ކެރިއަރު އެންމެ ހާއްސަކަމަކީ ރަށަށް ތަށި ހޯދައިދެވުން. އޭގެ ކުރިން އެގޮތަށް ރަށަކަށް ތަށި ހޯދައިދެވިފައި އޮތީ 2015 ވަނަ އަހަރު. އޭރު އައިޑިއާސް ކަޕް ހިތާދުއަށް ހޯދައިދީފަ އޮންނާނެ. އެފަހުން ދެން މިދިޔަ އަހަރު ގަމަށް ހޯދި ތަށްޓަކީ ހަނދާން ނުނެތޭނެ ތަށްޓެއް. މިދިޔަ އަހަރުގެ އުފާވެރި ވަގުތުކޮޅު އިއްޔެ ވީ ކަމެއްހެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެ ހަނދާންތައް އާކޮށްލަން ބޭނުންވަނީ. ސަޕޯޓަރުންގެ އެ ޖޯޝު، އެ އިހުސާސް އަނބުރާ ހޯދަން ބޭނުންވަނީ،" އިއްސެ މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބީތަކުގެ ހަނދާން އާކުރަމުން ބުންޏެވެ.

ކެރިއަރުގައި މުއިވެޔޮ ރަހުމަތްތެރިންނާއި އޮފީސް މޭޓުންގެ އިތުރުން މުޅި ގަމު ޓީމަށްވެސް ހާއްސަ ޝުކުރެއް އަދާކުރާ އިއްސެގެ ކެރިއަރުގައި މިއަދު ހުރީ ގަމު ރައްޔިތުންގެ އުފަލަށް، ލާމު އަތޮޅުގެ އުފަލަށް ތައްޔާރަށެވެ. އިއްސެގެ ޝުކުރުގެ ލިސްޓުގައި "ތުއްތުބޭ" ގެ ނަން ހާއްސަކޮށް ފާހަގަކުރި އިރު، ގަމު ރަމަޟާން ކަޕްގެ ތަށި ތިން ފަހަރަށް އޭނާއާއެކު ހޯދި ގޯޅި ޓީމަށްވެސް އޭނާ ޝުކުރު އަދާކުރެއެވެ. އެ ޝުކުރާއެކު އިއްސެ ގަމު ސަޕޯޓަރުންނަށް ދިނީ ހާއްސަ މެސެޖެކެވެ.

"ސަޕޯޓަރުންނަށް ދޭން ބޭނުންވާ މެސެޖަކީ އެންމެ ތަންކޮޅެއްވެސް ދޫކޮށް ނުލައި ޖައްސާށޭ. ޓީމުގެ މަސައްކަތް ދައްކާލަދޭނަމޭ. އެންމެ ވަރުގަދަ އެއްޗަކީ ގަމު ޓީމުގެ އެއްބައިވަންތަކަން، އަދި ރޫހު. ގަމު ޓީމު މެޗު ނިމުމާއި ހަމަޔަށްވެސް ގިވަޕެއް ނުކުރާނެ. ސަޕޯޓަރުންނާއި މުޅި ރަށުގެ މަސައްކަތް މިއީ. މި ޓީމަށް މުޅި ގަން އެކުވާނެ. އެ އެކުވެރިކަމުގައި ތިބޭށޭ ބުނެލަން ބޭނުންވަނީ. އިރާދަކުރެއްވިއްޔާ ގަމަށް ތަށި ގެންގޮސް، އެންމެން އުފާފާޅުކުރާނެ،" އިއްސެ ބުންޏެވެ.

އިއްސެއާއި ގަމަށް މިރޭ އޮތް ޗެލެންޖަކީ ބ. އޭދަފުއްޓެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މިރޭ 9:00 ގައި އޮންނަ އިރު، ގަމަށް އޮތީ ތަށި ދިފާއުކުރުމެވެ.