މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލްގެ ފުރަތަމަ ޖާގަ، އެންމެފަހުގެ ޗެމްޕިއަން ގަމުން ހޯދައިފިއެވެ.
މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މިރޭ އެންމެފަހުގެ ޗެމްޕިއަން ގަމުން ނުކުތީ، އަލަށް ސެމީގައި ވާދަކުރި ވިލިމާލެއާ ދެކޮޅަށެވެ. މެޗު 5-3 އިން ގަމުން ކާމިޔާބު ކުރި އިރު، އެޓީމުގެ ފަސް ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. އަދި ދެވަނަ ހާފުގައި ހުސައިން ޝަރީފް (އޮންލީ) ހެޓްރިކް ހެދިއެވެ.
ގަމުން މިފަހަރުގެ މުބާރާތަށް ތަށި ދިފާއުކުރަން ނުކުމެފައިވާ އިރު، ސެމީ ފައިނަލާ ހަމައަށް ދިޔައީ ޓަފް މެޗުތަކަކަށްފަހުގައެވެ. ހާއްސަކޮށް ގަދަ 16 ގެ އިތުރުން ކުއާޓާ ފައިނަލްގައިވެސް އެޓީމުން މެޗު ކާމިޔާބުކުރީ ޕެނަލްޓީއަށް ގޮސްގެންނެވެ. އަނެއްކޮޅުން ނުކުތް ވިލިމާލެއަށް ޒޯން ޗެމްޕިއަންކަން ގެއްލުނު ނަމަވެސް، އޭގެފަހުން އެޓީމު ފެނުނީ ރަނގަޅު ފޯމެއްގައެވެ. ކުއާޓާ ފައިނަލުގައި ހިތަދޫ ބަލިކޮށް ސެމީއަށް ނުކުތް ވިލިމާލެއިން ސެމީގެ ފެށުންވެސް ރަނގަޅުކުރިއެވެ.
ރަނގަޅު އެޓޭކިން ކުޅުމަކާއެކު ފަށައި، ގަމުގެ ފަހަތުން ލިބުނު ޖާގަތަކުގެ ބޭނުން ހިފައި، ވިލިމާލެއިން ވަނީ އަވަސް ލީޑެއްވެސް ނަގައިފައެވެ. އެޓީމަށް ކުރީކޮޅުގައި އަބްދުﷲ ޝައްފާން (ޝާކާ) އެ ގޯލު ޖެހި އިރު، ދެންވެސް ވަރުގަދަކޮށް ފެނުނީ ވިލިމާލެއެވެ. އިސްމާއީލް ވަޖީހު (ވައްޖެ) ގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، ހާފު ނިމެން ދަނިކޮށް ޝާކާ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާވެސް ކޮށްފައެވެ.
އެ ހިސާބުން ވިލިމާލެއިން ބޮޑު ހިތްވަރެއްގައި އޮވެ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން 22 ސިކުންތު ހިނގިތަނާ ގަމުން ފުރަތަމަ ގޯލެއް ޖެހިއެވެ. ހުސައިން ޝަރީފް (އޮންލީ) ޖެހި ގޯލުން ގަމުން ހިތްވަރު ހޯދި އިރު، އޭގެ އިރުކޮޅެއްފަހުން ކޯނަރެއްގައި އޮންލީ ދެވަނަ ގޯލެއް ޖަހައި މެޗު އެއްވަރުކުރިއެވެ.
ދެން ފެނުނީ ގަމުން ޖޯޝުގައި މެޗުން މޮޅުވާން މަސައްކަތްކޮށް އެޓީމުން ނަތީޖާ އަނބުރާލިތަނެވެ. އޮންލީގެ ތިންވަނަ ގޯލަކާއެކު ގަމުން މެޗުގައި ލީޑު ނެގި އިރު، އޭގެ ފަހުން އެޓީމުން ހަތަރުވަނަ ގޯލެއް ޖެހީވެސް ހިލޭ ޖެހުމެއްގައި ރަނގަޅު ކޮމްބިނޭޝަން ކުޅުމެއްގައެވެ. އެ ގޯލު ޖެހީ އަބްދުﷲ ޖުނައިދު (ޖޭއްނޭ) އެވެ.
ގަމުން ހަތަރު ގޯލު ޖެހިތަނާ އެޓީމުގެ ފައުލް ހަމަވެ، ވިލިމާލެއަށް ދުރު ޕެނަލްޓީތައް ލިބިފައިވާ އިރު، ޝާކާ ވަނީ އެޓީމަށް ދުރު ޕެނަލްޓީއެއް ކާމިޔާބުވެސް ކޮށްފައެވެ. އެ ޕެނަލްޓީއާއެކު ނަތީޖާގެ ފަރަގު ކުޑަވި ނަމަވެސް، ގަމުގެ ހުސައިން ނާޝިދު ގޯލު ޖަހައި އެޓީމަށް މޮޅު ޔަގީން ކޮށްދިނެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް