ޖިނާއީ ކުށެއް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހުން، އެ ހުކުމުގެ އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ.

ސަރުކާރުގެ ފަރާތުން އެގޮތަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. އޭނާ އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ މިދިޔަ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައެވެ.

ހަސަންޓޭ ހުށަހެޅުއްވި އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ދަށު ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމައި، ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު، އެ ހުކުމް އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފު ކުރާ އިރު، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލަށް ދިނުމަށް ދެ ހާލަތެއްގައި އެ ދެވިދާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ހާލަތެއްގައި ގޮތުގައި ބަޔާންކޮށްފައިވަނީ "އޭނާގެ މައްޗަށް ކުށް ސާބިތުވެ، އެ ކުށަށް އޭނާގެ މައްޗަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ކަނޑައެޅިފައިވުން" ކަމަށެވެ. ދެވަނަ ހާލަތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ނުވަތަ އެ ކުށަށް ކަނޑައަޅާފައިވާ އަދަބު އޭނާ އިސްތިއުނާފުކޮށްފައިވުން" ކަމަށެވެ.

ނަމަވެސް ޖިނާއީ އިޖުރާއަތުގައި ގާނޫނުގައި ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކުށެއް ސާބިތުވެ ޖަލަށް ލައިފައިވާ މީހަކު، އެގޮތަށް އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން ބަންދުން ދޫނުކުރެވޭނެ ކަމަށް އިސްލާހުގައިވެއެވެ.

  • ގަސްދުގައި މީހަކު މެރިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް
  • މީހަކު މަރާލެވިދާ ފަދަ ހަތިޔާރަކުން މީހަކަށް ހަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް
  • ޓެރަރިޒަމްގެ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް
  • ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް
  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލަތައް
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލަތައް
  • ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް

އިސްލާހުގައިވާ ގޮތުން އިސްތިއުނާފީ ކޯޓެއްގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލައިދިނުމަށް އެދޭއިރު ކޯޓަށް ބައެއް ކަންކަން ސާބިތުކޮށްދޭން ޖެހެއެވެ. އެ ކަންކަމުގެ ތެރޭގައި ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކޮށްފައިވަނީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށްފައިވުމާއި، ކަފާލާތުގެ ދަށުން ދޫކުރާއިރު ކަނޑައަޅާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރާނެކަން ހިމެނެއެވެ.

އަދި ކަފާލާތަށް އެދޭ މީހާ އިތުރަށް ބަންދުގައި ބަހައްޓައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް ނެތްކަން ކޯޓަށް ސާބިތު ކޮށްދިނުމެވެ.