ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިން ކަމުގެ ތުހުމަތަށް މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ ހަތް މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.

"ކޯޓު އަމުރެއްގެ ދަށުން އެކި ދުވަސްމަތިން އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ،" ފުލުހުން ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހެކެވެ. މަރުތޭލަކުން ޝަމީމަށް ދިން ހަމަލާގައި އޭނާގެ ވައަތުގައި ރެނދެއްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ހަމަލާ ދިނީ ދުރާލާ ރޭވިގެންނެވެ. އަދި ހަމަލާދިން މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.