މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު މިމަހުގެ ހަތްވަނަ ދުވަހުގެ ފަހުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި މަގުމަތީގައި އުޅަނދު ދުއްވާ މީހުންގެ އިތުރުން ޕަބްލިކް ޓްރާސްޕޯޓަށް އަދި އެމެޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ބައެއް ފަރާތްތަަކުން އުޅަނދުތައް ޕާކު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އުޅަނދުތައް ޕާކިން ޒޯނެއް ކަމަށް ކަނޑައަޅާފައިވާ ތަނެއްގައި ޕާކު ކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.

"މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު 2024 މާޗު ހަތްވަނަ ދުވަހުގެ ފަހުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ)ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުންޏެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ "އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން، މި މާއްދާގެ (ށ) ގެ ދަށުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) ގައި  ބަޔާންކޮށްފައިވާ ފަރާތްތަކުގެ ހާއްސަ އުޅަނދުފަހަރު ފިޔަވައި އެނޫން އުޅަނދުފަހަރު، އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބިގެންވެއެވެ" ކަމަށެވެ.

އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައިވަނީ "މި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ" ކަމަށެވެ.