ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފައިސާގެ 2022 ވަނަ އަހަރުގެ ތެރޭގައި ވަނީ އެއިރުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި އެ މީހުންނާ ގުޅުންހުރި ވިޔަފާރިތަކުގެ އެކައުންޓުތަކަށް ޖަމާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އާރުޑީސީގެ ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
"މި ދެންނެވި އާރުޑީސީގެ މި މުވައްޒަފުންގެ އެކައުންޓުތަކުން އެބަހުރި ފައިސާ، ސަރުކާރުގެ އިސް ނޫނިއްޔާމުން ސަރުކާރުގެ ބައިވެރިވުން އޮތް އިސް ފަރާތްތަކުގެ ކުންފުނިތަކާ އެ މީހުންގެ އެކައުންޓުތަކަށް ވެސް ފައިސާ އެބަހުރި ވަދެފަ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ އިސް ފަރާތްތަކަށާއި އެ ފަރާތްތަކާ ގުޅުންހުރި ވިޔަފާރިތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވި މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއް ކުންފުންޏަކަށް އެބަހުރި 392،000 ރުފިޔާ ވެދަފަ. އަދި އެ ކުންފުނީގެ ތެރެއަށް މި ވަން 392،000 ރުފިޔާގެ ތެރެއިން 160،000 ރުފިޔާ އެބަހުރި އެ ކުންފުންޏާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ އެކައުންޓަށް ވަދެފަ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އާރުޑީސީގެ އެ ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމާއެކު އެކަމާ ގުޅިގެން ސާފުކުރަން ޖެހޭ މައުލޫމާތު އަދި އެކަމާ ގުޅުންހުރި ޓެކްނިކަލް މަސައްކަތައްތައް ދަނީ ކުރަމުން ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އާރުޑީސީގެ ފައިސާ ޖަމާވި އެއް ފަރާތުގެ އެކައުންޓުން 216 ވަރަށް ޓްރާންސެކްޝަން ހަދާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެއިން ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި ވަރަށް ގިނަ މީހުންނާ ގުޅުންހުރި ޓްރާންސެކްޝަންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ މައުލޫމާތަކީ ވަކިވަކިން ހޯދަން ޖެހޭނެ މައުލޫމާތުތަކެއް ކަމަށެވެ. އެހެންވެ މި މައްސަލަ ތަހުގީގު ކުރުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު