އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ބްރެންޓްފޯޑާ އެއްވަރުވި އިރު، ފަހު ސިކުންތުގައި ގޯލު ޖަހައިގެން ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

ރޭ ލިވަޕޫލުން ރަށުން ބޭރުގައި 1-0 އިން ފޮރެސްޓް ބަލިކުރި އިރު، ޗެލްސީ ބްރެންޓްފޯޑު ކައިރީ ރަށުން ބޭރުގައި އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން ފަހުވަގުތު ގޯލު ޖަހައިގެން މުހިއްމު ޕޮއިންޓެއް ރޭ ހޯދި އިރު، އެޓީމުން ވަނީ އެއްވަނަ ދަމަހައްޓާ ތަށީގެ އުންމީދުވެސް ދަމަހައްޓާފައެވެ. މެޗުގެ އިތުރު ވަގުތަށް ދެއްކި އަށް މިނެޓްގެ ކުޅުންވެސް ހަމަވިފަހުން ރޭ ލިވަޕޫލުން ޖެހި ގޯލާއެކު އެޓީމު އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ، 26 މެޗުން 59 ވަނައިގައި އޮތް އިރު، އާސެނަލް ތިންވަނައިގައި އޮތީ 26 މެޗުން 58 ޕޮއިންޓާއެކުގައެވެ.

ލިވަޕޫލުން މި ސީޒަނުގައި މިހާތަނަށް ފަހު މިނެޓުގައި ގޯލު ޖަހައިގެން ގިނަ ޕޮއިންޓްތަކެއް ހޯދާފައިވާ އިރު، މިއީ ލީގުގައި އެޓީމުން އެހާ ލަސްކޮށް ގޯލު ޖަހައިގެން މޮޅުވި ފުރަތަމަ ފަހަރެވެ. އަނިޔާގެ މައްސަލަތައް ބޮޑުވެފައި ލިވަޕޫލްގެ ފަރާތުން މެޗުގެ ފުރަތަމަ ހާފުގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ވަރުބަލިކަން ފެނިފައިވާ އިރު، އެޓީމަށް 99 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ޑާވިން ނުނޭޒެވެ.

އެ ގޯލަކީ، ކުޅުން ހުއްޓާލުމަށްފަހު އަލުން ކުޅުން ފެށި އިރު، ފޮރެސްޓަށް ދޭން ޖެހޭ ޕްލޭ އޮންއެއްގައި، ރެފްރީ ޕައުލް ޓީނީއަށް އޮޅިގެން ލިވަޕޫލްގެ ކީޕަރު ކައޮއިންހިން ކެލެހާއަށް ދިން ބޯޅައެއް ކުރިއަށް ލައިގެން އެޓީމުން ޖެހި ގޯލެކެވެ. އެ ގޯލާއެކު ފޮރެސްޓްގެ ކުޅުންތެރިންނާއި ކޯޗުވެސް ދަނޑު މައްޗަށް އަރައި ޝަކުވާކުރި އިރު، ކޯޗު، ސްޓީވެން ރީޑަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ.

ޗެލްސީން ރޭ ކުޅުނު މެޗުގައިވެސް އެޓީމަށް ގޯލު ޖެހުމުގެ މައްސަލަތައް ދިމާވެފައިވާ އިރު، ފުރަތަމަ ހާފުގައި ލީޑު ނެގީ ނިކޮލަސް ޖެކްސަންއެވެ. އޭނާގެ ގޯލުން ޗެލްސީ ލީޑު ނެގި ނަމަވެސް، ދެވަނަ ހާފު ފެށިތަނުން ބްރެންޓްފޯޑުގެ މޭޑްސް ރޮއިސްލޭވް ވަނީ ގޯލު ޖަހައިފައެވެ.

އޭގެފަހުން ޔޯނޭ ވީސާ ޖެހި ގޯލުން ބްރެންޓް ފޯޑު ލީޑު ނެގި ނަމަވެސް، މެޗު ނިމެން ދަނިކޮށް އެކްސެލް ޑިސާސީ ވަނީ ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ޗެލްސީއަށް ރޭ ލިބުނު ޕޮއިންޓާއެކު އެޓީމު މިވަގުތު ލީގު ތާވަލުގެ 11 ވަނައިގައި އޮތީ 26 މެޗުން 36 ޕޮއިންޓާއެކުގައެވެ.