ތ. ތިމަރަފުށީގެ ނަމަކީ ފުޓްސަލްގެ އެންމެ ކާމިޔާބު ނަމެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖެގެ ޗެމްޕިއަންކަން ތިން ފަހަރު ނަގާފައިވާ ފަހުރުވެރި ނަމެކެވެ. އެރަށުގެ ނަމާއެކު، ތިމަރަފުށީގެ ފުޓްސަލްގައި އަބްދުﷲ ހަމްދާން (ހަމްދެ)ގެ ނަންވެސް އަލެއް ނުވާނެއެވެ. އާންމު މޫނެކެވެ. ފުޓްސަލްގައި ކާމިޔާބު މޫނެކެވެ. ފުޓްސަލްގެ ކެރިއަރު ދިގު ކުޅުންތެރިއެކެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުންވެސް ފެނިފައިވާ މޫނެކެވެ. ދޭތެރެއަކުން ހަމްދެގެ އަޑު ފަނޑުވި ނަމަވެސް، އަނެއްކާވެސް އޭނާގެ ފެންވަރު ސާބިތުކޮށްދޭން ފަށައިފިއެވެ. އެތައް ބަޔަކަށް އެކަން ސާފުވާނެކަންވެސް ޔަގީނެވެ. އަނިޔާގެ ތަކުލީފުތަކަށްފަހު ހަމްދެ މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ނުކުތީ، ޑިސިޕްލިން، ހިތްވަރު ގަދަ މަސައްކަތްތަކެއް ކޮށްގެންނެވެ.

"ފުޓްސަލް ކެރިއަރު ފެށީ 2012 ހިސާބުގައި. ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށީ އޭގެ ކުރިން. ވެލެންސިއާއާއި ވިކްޓަރީއަށްވެސް ވަރަށް ދުވަސްވަންދެން ކުޅުނިން. ދެން ފުޓުބޯޅަ ކުޅެން އުޅެފަ މާލީ ދަތިކަން ހުރުމުން، ފުޓްސަލްއަށް ނުކުންނަން ހިޔާލުކުރީ. މިހާރުގެވެސް ކޯޗު، އަލީ ފަހުމީ ގެންދާނެ އޭރުވެސް ކުޅެންދާ އިރު. އައްޔަ އޭރުވެސް ބުނާނެ ހަމްދެއަށް ކުޅެވޭނެއޭ. ދެން އެހިސާބުން ކުޅެން ފަށާނީއޭ ހިތަށް އަރާފަ ފުޓްސަލްއަށް ނުކުތީ. އެހިސާބުން ރަށްރަށަށް ކުޅެލަން ދާންވެސް ފުރުސަތު ލިބޭ. ފުޓްސަލް ކުޅުމަކީ މީހުން ވަރަށް ބަލައިގަންނަވެސް ކަމެއް،" ހަމްދެ، އޭނާގެ ކެރިއަރު ފެށިގެން ދިޔަ ގޮތް، "ވަން ސްޕޯޓްސް" އަށް ކިޔައިދެމުން ބުންޏެވެ.

ހަމްދެ މިހާތަނަށް ރާއްޖޭގެ ބޮޑެތި އެތައް މުބާރާތެއްގައި ކުޅެފިއެވެ. އުމުރުން 33 އަހަރުވީ އިރު، ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ފުޓްސަލް ކުޅުމުގައި ހޭދަކޮށް، ރާއްޖޭގެ އެންމެ ބޮޑެތި ތަށިތައްވެސް ކާމިޔާބު ކޮށްފިއެވެ. ކްލަބު މޯލްޑިވްސްގެ އިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. ހާއްސަކޮށް އޭނާ ވަނީ ތިމަރަފުއްޓާއެކު، ތިން ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖް އުފުލާލައިފައެވެ.

ރާއްޖޭގެ އެންމެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިންގެ ލިސްޓްގައި ހިމެނި، ކެރިއަރުގެ ޕީކްގައި ފިޔަޖަހަމުން ދަނިކޮށް، ހަމްދެގެ ކެރިއަރަށް ބޮޑު މާޔޫސްކަމެއް ދިމާވީ 2010 ވަނަ އަހަރު ފެށެން ގާތްވެފައި ވަނިކޮށެވެ. ލިގަމެންޓް އަނިޔާއަކާ ގުޅިގެން އޭސީއޭލްގެ ސާޖަރީއެއް ހަދަން ޖެހުނެވެ. އެހިސާބުން ކެރިއަރު ނިންމާލަން ޖެހުނު ކަހަލައެވެ.

"އަނިޔާވީ 2019 ވަނަ އަހަރު ފެށެން ތައްޔާރުވެފައި އޮއްވާ. އަނިޔާވީ އަސްލު ފުޓުބޯޅައާއި ފުޓްސަލް އެއްކޮށް ކުޅެން އުޅުމުގެ ތެރޭގައި. އެ ދުވަސްކޮޅު ގިނައިން ކުޅެ ކުޅެ ލޯޑް ބޮޑުވީ. އަނިޔާވެ، ސާޖަރީ ހަދައިގެން ކިރިޔާ ނުކުމެވުނީ 2020 ވަނަ އަހަރު ފަހުކޮޅުގައި. އަނިޔާގައި އެހާ ދުވަހު ހުރުމަކީ ވަރަށް އުނދަގޫވި ކަމެއް. މެންޓަލީ މީހާ އެއްކޮށް ދަށްކޮށްލާ،" ހަމްދެ ބުންޏެވެ.

ހަމްދެ އަނިޔާގައި ހުރީ މާޔޫސްކަމުގައެވެ. އޭރު "ކުޅުން އެއްކޮށް ހުއްޓާލަން،"ވެސް އޭނާ ހިތަށް އެރިއެވެ. ހުއްޓާލައިގެން ދުވަސްކޮޅަށް ރިކަވަރީއަށް މަސައްކަތް ނުކޮށްވެސް ހުއްޓެވެ. އެހެން ނަމަވެސް، އެއަށްވުރެ ގާތުގައި ތިބި ރައްޓެހިންނާއި އާއިލާ މާ ބޮޑަށް ހަމްދެގެ ކެރިއަރަށް ވިސްނިއެވެ.

"އަސްލު ވަރަށް ދެރަވި ދުވަސްތަކެއް އެއީ. ކުޅުން ހުއްޓާލަންވެސް ހިތަށް އެރި. އަނިޔާއިން އެނބުރި އަންނަން ކުރަން ޖެހުނު މަސައްކަތުގައި، އަންހެނުން، އާއިލާގެ އިތުރުން ތިމަރަފުށީގެ މި ޓީމު، ގަބޭ، އައްޔަ، ސިނާ މި މީހުންގެ ނަން ފާހަގަކޮށްލަން ބޭނުންވޭ. ހަމްދެ ހަފުތާއެއްވަރު ހުރިން ފިޒިއޯއާއި ރިހެބް ހުއްޓާލައިގެންވެސް. އެއީ މިކަން ނުވާނެއޭ ކިޔާފަ. އެހެންވިޔަސް އެމީހުން ބުނާނެ ވާނެއޭ. ކުރާށޭ. އެހިސާބުން އެނބުރި އައީ،" ހަމްދެ އޭނާގެ އަނިޔާގެ ވާހަކަ ދައްކަމުން ބުންޏެވެ.

އަނިޔާއިން ރަނގަޅުވުމަށް، ގަނޑިން ގަނޑިއަށް ހަމްދެ ރިހެބަށް ގޮސް، ފިޒިއޯ ޖައްސައި، ޑޮކްޓަރުން ބުނި ކަންކަން ބަރާބަރަށް ފުރިހަމަ ކުރިއެވެ. އަމިއްލައަށް ލިބޭ ވަގުތުތަކުގައި ޖިމަށް ގޮސް، ފައިގެ ފިޓްނަސްއަށް އެތައް މަސައްކަތެއް ކުރިއެވެ. ހަމްދެގެ ނަޒަރުގައި އަނިޔާއަކުން ރަނގަޅުވުމަށް އެ ހުރިހާ ކަމެއްވެސް ކުރަން ޖެހެއެވެ. ވަކި ހާއްސަ ޑިސިޕްލިންއެއް ދަމަހައްޓަން ޖެހެއެވެ.

"އޭގައި އޭސީއެލް އަނިޔަވާ މީހުންނަށް ބުނަން ބޭނުންވޭ، ރިކަވަރީ ވާނެޔޭ. އެހެންވިޔަސް، ޑޮކްޓަރުން ބުނާ ކަންތައްތައް ބަރާބަރަށް ކުރަން ޖެހޭނެ. ބުނާ ގަޑިއަކަށް ކުރަން ޖެހޭ ކަންކަން ކުރުން އެއީ ވަރަށް މުހިއްމު ކަމެއް. ހަމަ ސީދާ ބުނާ ގޮތަށް، ގޭގައިވެސް ކުރަން ޖެހޭ ކަންތައް ކުރަން ޖެހޭނެ. ވަގުތުކޮޅެއް ލިބެންޏާ އަބަދުވެސް އެކަމަށް މަސައްކަތް ކުރަން ޖެހޭނެ،" ހަމްދެ ބުންޏެވެ.

ބޮޑު އަނިޔާއަކުން އެނބުރި އައިސް، ވާދަވެރިކަން ބޮޑު ތިމަރަފުށީ ޓީމުގެ މުހިއްމު ރޯލެއް ހަމްދެ އަދާކުރަމުން އަންނައިރު، އޭނާއަކީ ތ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ. މިހާތަނަށް މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ފެނުނު ތަފާތުން، އޭނާގެ ކުރީގެ ފޯމަށް އެޅިއްޖެ ކަމަށް ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް ހަމްދެގެ ނަޒަރުގައި އަދިވެސް އޭނާ ބޭނުންވާ ލެވެލަކަށް ނުދެވެއެވެ. ކުރީން ހުރި ލެވެލަކަށްވެސް ނުދެއެވެ.

އަމިއްލަ ވިސްނުން މިވަގުތު ވަރަށް ބޮޑަށް އެއްކިބާކޮށް، ހަމްދެގެ މިވަގުތު ޓާގެޓަކީ ރަށަށް ހަތަރު ވަނަ ތަށްޓެއް ހޯދައިދިނުމެވެ. އެހެން ނަމަވެސް، ކުރިން ހޯދި ތަށިތަކަށްވުރެ، މިހާރު އެ ތަށި ހޯދަން އުނދަގޫވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ޓާގެޓަކީ ހަތަރު ވަނަ ފަހަރަށް ގޯލްޑެން ތަށި ނެގުން. ދެން ކުރިން ތިން ތަރި ޖަހާފަ އިނަސް އެކަމަށް ބެލޭކަށް ނެތް. މިހާރު ހުރިހާ ޓީމެއްވެސް ވަރަށް މޮޅު. ވަރަށް އުނދަގޫ، އެހެން ޓީމުތަކާ ކުޅެންވެސް އުނދަގޫ. މިހާރު ހަގީގާތުގައި ފުޓްސަލް ވަރަށް ރަނގަޅަށް އެނގިގެން ހުރިހާ ޓީމުތަކުންވެސް ކުޅެމުން އެދަނީ. އެހެންވީމަ އެއީ ޓަފް ކަމެއް،" ހަމްދެ އެންމެފަހު ވާހަކައެއްގެ ގޮތުގައި ބުންޏެވެ.