ދ. ކުޑަހުވަދޫން މިއަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅުނު މެޗުތަކުން ޗަރުކޭސްތަކެއް ދައްކުވައިދީފިއެވެ. ހުނަރުވެރި، ހަލުވި ނެއްޓުންތަކެއްވެސް ދައްކުވައިދީއެވެ. ހިތްގައިމު ގޯލުތަކެއްވެސް ޖަހައިފިއެވެ. ޖާދުވީ "މެސީ" ގެ ހުނަރު ފެންނަހެންވެސް ހީވެއެވެ. މުހައްމަދު އަރީޝް އެވެ. ކުޑަހުވަދޫގެ އާންމު ނަމުން ނަމަ "މެސީ" އެވެ. ރަށުގެ ޖޯޝުގައި، ފޯރީގައި ރަށަށް ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދައިދޭން އޭނާ ކުރަމުން އަންނަނީ ތަފާތު ހިތްވަރެކެވެ.
އުމުރުން 26 އަހަރުގެ އަރީޝްގެ ކެރިއަރުގެ ފެށުން ގުޅިފައި ވަނީ އެހެން ރަށަކާއެވެ. އޭނާގެ އުފަން ރަށާއެވެ. އަރީޝްއަކީ ދ. ގެމެންދުއަށް އުފަން ކުޅުންތެރިއެކެވެ. 2004 ވަނަ އަހަރު ސުނާމީގެ ހިތްދަތި ހާދިސާގައި ގެމެންދޫ ފަޅުވެގެން ދިޔަ އިރު، އަރީޝްވެސް އާއިލާއެކު ދ. އަތޮޅުގެ ވެރިރަށް ކުޑަހުވަދުއަށް ބަދަލުވިއެވެ. ސުނާމީގައި އަރީޝްގެ އެއްބަފާ ހަގަށް ހުރި ކޮއްކޮވެސް ނިޔާވިއެވެ. އޭރު އުމުރުން ގާތްގަނޑަކަށް އެންމެ ހަތް އަހަރެވެ. މާ ބޮޑު ހަނދާނެއް ނެތް ނަމަވެސް، އަރީޝްގެ ފުޓްސަލް ކެރިއަރު ފެށީ ކުޑަހުވަދޫ ސްކޫލް ތެރެއިންނެވެ. މިހާރު ޓީމުގައި އެކުގައި ކުޅޭ ކުޅުންތެރިންނާ ސްކޫލުން ދިމާވެ، އޭނާއަށް ބޯޅައިގެ ތެރެއަށް ވަދެވުނެވެ.
"އަސްލު ފުޓްސްލް ކެރިއަރު ރަސްމީކޮށް ފެށުނީ 2019 ވަނަ އަހަރު ކްލަބު މޯލްޑިވްސް ކުޅެން އައިސް. ކްލަބު މޯލްޑިވްސްފައި އެޑިއުކޭޝަން މިނިސްޓްރީ ޓީމުން ފެށީ. އޭގެ ފަހުން ދެން ފެނަކައަށް ކުޅެ، އެ މުބާރާތްވެސް ނެގިން. އެކަމަކު ކުޅެން އަސްލު ފެށުނީ ކުޑަހުވަދޫ ސްކޫލް ތެރެއިން. ގެމެންދޫ ފަޅުވެ، ބަދަލުވާން ޖެހުމުން އައިސް ކުޑަހުވަދޫގައި އާއިލާއާއެކު އުޅެމުން މިދަނީ. ދެން އޭރު ސްކޫލުގައި އެކުގައި އުޅުނީ ޖުމައިލް ޖަމީލާ (ޖުމްބެ) އާ އެހެން ގޮސް ކުޅޭ ގްރޫޕެއް،" އަރީޝް އޭނާގެ ކެރިއަރުގެ ފެށުން "ވަން ސްޕޯޓްސް"އަށް ކިޔައިދެމުން ބުންޏެވެ.
އެއީ އަރީޝްގެ ބިންގަލެވެ. މިޒާޖުގައި މަޑުމައިތިރި ބަސްމަދު ކުޅުންތެރިއެވެ. ކްލަބު މޯލްޑިވްސް ކުޅެން ފެނަކަ ޓީމަށް އައިރު، އެ ޓީމުގައި ތިބީ ހުސް ތަރީންނެވެ. އައިޑޮލްއިންނެވެ. ހުސައިން ޝަރީފް (އޮންލީ) އާއި ހުސައިން ނާޝިދު (ނާއްޓޯ)ގެ އިތުރުން ނ. ކެނދިކުޅުދޫގެ މުހައްމަދު އައްޒާމް ފަދަ ކުޅުންތެރިންނަށްވެސް އަރީޝްގެ ހުނަރު އޭރު ފާހަގަވިއެވެ. ބުނަމުން ދިޔައީ "މަޑު މައިތިރިކަން ދޫކޮށްލައި، ތަންކޮޅެއް ހަޔާތްކުޑަ،" ވުމަށެވެ. އަރީޝް ގަބޫލުކުރާ ގޮތުގައި މިއަދު އެ ނަސޭހަތުގެ ބޭނުން ހިފައި، އޭނާއަށް ކޮންފިޑެންސްގައި ކުޅެވެއެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު ސަޕޯޓަރަކީ މަންމަ. ކުޅުމުގެ ހުރިހާ ވާހަކައެއް މަންމައާ އަބަދުވެސް ޝެއާކުރަން. މަންމަ އަބަދުވެސް ބުނާނެ ދުއާ ކޮށްދޭނަމޭ. ދެރަވިޔަސް މަންމަ ކައިރީގައި އަބަދުވެސް ބުނަން. ވާހަކަތައް ކިޔައިދެން. އޭގެ އިތުރުން އަންހެނުންނާއި ދެ ކުދީންނަކީވެސް ވަރަށް ބޮޑު ހިތްވަރެއް. ފުޓްސަލްގައި އެތައް ކުޅުންތެރީންނަކާ ދިމާވެ، އެ ކުޅުންތެރީންގެ ތަޖުރިބާއިން ކަންކަން ދަސްވެސްކުރެވިއްޖެ. ކެނދިކުޅުދޫ އައްޒާމް އަކީ އިންސްޕިރޭޝަނެއް. އަޅުގަނޑާ ފުރަތަމަ ދިމާވީ ސީއެމްސީން. ފެނަކަ ޓީމުން. އޭގެ ކުރީގައިވެސް އެނގޭ. ދެން ދިމާވި ހިސާބުން، އޮންލީ އަޔާ، ނާއްޓޯމެން މި އެންމެންނާއެކު މުހިއްމު ކަންކަން ދަސްވި،" ކެރިއަރުގައި ލިބޭ ހިތްވަރަށް އަރީޝް ބުންޏެވެ.
މީގެ ކުރިން އަރީޝަށް ފުޓްސަލްގައި ހާސިލު ނުކުރެވި އޮތީ ގޯލްޑަން ފުޓްސަލް ޗެލެންޖް، ކުޑަހުވަދޫއަށް ކާމިޔާބު ކޮށްދިނުމެވެ. އެއީ އަރީޝްގެ ކެރިއަރުގައި އެންމެ ބޮޑު އުންމީދުވެސް މެއެވެ. މިފަހަރުގެ ހުނަރުން އެކަމަށް ކުޑަހުވަދޫއަށް ހިތްވަރުވެސް ލިބެއެވެ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އަރީޝް އެވެ. ތިން މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދިއެވެ.
"ކުޅެން ފަށައިގެން އަބަދުވެސް ފުޓްސަލް ކުޅެން ބޭނުންވީ. ފުރަތަމަ ގޯލްޑަން އަށް އައީ 2016 ގައި. ދެން އޭގެ ފަހުން 2022ގައި ޓީމު ސެމީއަށް ދިޔައިރުވެސް ކުޅުނިން. އެފަހަރު ވަރަށް ރަނގަޅަށް ކުޅެވުނު. އެކަމަކު މިދިޔަ އަހަރު ކޮނޑުހުޅަށް އަނިޔާވީ މުބާރާތް ފެށެންވެފަ އޮއްވާ. އެކަމަކުވެސް ކުޅުނިން. ތަދުކަނޑުވައިގެން އެކިއެކި މަސައްކަތްކޮށްގެންވެސް ދަނޑަށް އަރާލަން،" ގޯލްޑަން ފުޓްސަލްގެ ތަޖުރިބާއާ ގުޅޭގޮތުން އަރީޝް ބުންޏެވެ.
އަރީޝް ދެކޭ ގޮތުގައި ކެރިއަރުގައި ފުރިހަމަ ނުކުރެވި އޮތީ އެންމެ ކަމެކެވެ. އެއީ ގޯލްޑަން ފުޓްސަލްގެ ތަށި ހޯދުމެވެ.
"އެއީ އެންމެ ބޮޑު ޑްރީމް. ކުޑަހުވަދޫ ވަރަށް ކިކުގަ އޮތީ. ހުރިހާ އެންމެންގެވެސް އުންމީދަކީ ތަށި ހިފައިގެން ރަށަށް ދިއުން. ވަރަށް ބުރަކޮށް އެކަމަށް މި މަސައްކަތް ކުރަނީ. ޕްރެކްޓިހެއް ވައްޓާނުލައި ވޭތޯ އަބަދުވެސް ބަލަން،" އަރީޝް ބުންޏެވެ.
ގޯލްޑަންއަށް މިވަގުތު ބޮޑު ފޯކަސްއެއް ހުރި އަރީޝްގެ އަމިއްލަ ކެރިއަރުގައި އޭނާ ދާން ބޭނުންވާ ހިސާބަކަށް އަދި ނުދެވެއެވެ. އެހެން ނަމަވެސް ހިތްވަރު ދޫކޮށްލުން އެއީ އަރީޝް ނުކުރާނެ ކަމެކެވެ. އަރީޝްގެ އުންމީދަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުމެވެ. އެ އުންމީދު ހާސިލުކުރަން އޭނާ ބޭނުންވަނީ ކުޑަހުވަދުއަށް ގޯލްޑަން ތަށި ހިފައިގެން ގޮހެވެ. މިހާރު އެ ހުރީ ދާދި ގާތުގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް