މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް، މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި އއ. މަތިވެރިން ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 16ގެ މެޗުތައް މިރޭ ފަށާފައިވާ އިރު، އެންމެ ފުރަތަމަ ޗެމްޕިއަން ގަމުން ނުކުތީ ވަރުގަދަ ހދ. ނައިވާދުއާ ދެކޮޅަށެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ފިޒިކަލް ކުޅުމެއް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ޕެނަލްޓީއަށް ދިޔައީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ކީޕަރުންގެ ތަފާތު މެޗު ތެރެއިން ފެނިގެން ގޮސްފައިވާ އިރު، ގަމުގެ އަހުމަދު ހަލީމް (އަންމަޑޭ) އާއި އަބްދުﷲ ޖުނައިދުގެ ހަމަލާތައް ނައިވާދޫގެ ގޯލްކީޕަރު މަތަކުރިއެވެ. އަނެއްކޮޅުން އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދުގެ ހަމަލާތައް ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން މަތަކުރިއެވެ.
ގަމުން ޕެނަލްޓީއަށް ލުފްޝާންގެ ބަދަލުގައި އަހުމަދު ހުޝާމް ގޯލަށް ނެރެފައިވާ އިރު، ޕެނަލްޓީގައި އޭނާ ދެ ސޭވް ކުރިއެވެ. ނައިވާދުއަށް ޕެނަލްޓީތައް ވެއްދީ ޝާއްޕެއާއި މުހައްމަދު ޝާއިންއެވެ. ގަމުގެ ހަތަރު ޕެނަލްޓީ އެޓީމުން ވެއްދި އިރު، ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖުނައިދާއި ހުސައިން ނާޝިދުގެ އިތުރުން އަލީ ޝާމިސް (ތޮއްޕެ) އަދި އަންމަޑޭއެވެ.
ޕެނަލްޓީގައި ގަން މޮޅުވީ 4-2 އިންނެވެ.
މަތިވެރިން މިރޭ ފ. ބިލެއްދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މަތިވެރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މޮޅަށް ކުޅެފައިވާ އިރު، އެޓީމުގެ ގޯލުތައް ޖަހައިދިނީ އަހުމަދު ފިރާޝްއާއި އަހުމަދު ފައިޒާނެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. ގަދަ 16ގެ އިތުރު މެޗުތައް މިރޭ އޮންނާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް