ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ރެން ކައިރިން އެއްވަރުވި މެޗުގެ ދެވަނަ ހާފުގައި ކިލިއަން އެމްބާޕޭ ބޭލުވީ، ޕީއެސްޖީއަށް އޭނާއާ ނުލައި ކުޅެން ދަސްކުރަން ޖެހިފައިވާތީ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ޕީއެސްޖީން ރޭ ރެން ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެންގެ އަމީނޭ ގޮއީރީ ގޯލު ޖަހައި އެޓީމަށް ލީޑު ނަގައިދިން އިރު، ޕީއެސްޖީއަށް އެއްވަރު ކުރެވުނީ ފަހު މިނެޓުގައި ކަހަލަ ގޮތަކަށެވެ. ޕީއެސްޖީގެ ހަމައެކަނި ގޯލު ޖެހީ ގޮންކާލޯ ރާމޯސްއެވެ.
ރޭގެ މެޗުގެ 65 ވަނަ މިނެޓުގައި ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ބާލާފައިވާ އިރު، ކޯޗު އެންރީކޭ ބުނީ އެމްބާޕޭއާ ނުލައި ކުޅެން ޕީއެސްޖީން ދަސްކުރަން ޖެހޭ ކަމަށެވެ. އެހެން އެންރީކޭ ބުނެފައި ވަނީ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް އެމްބާޕޭ ބުނެފައިވާތީއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭ މިހާރު ވަނީ މި ސީޒަނަށްފަހު ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވުން ހަދައި، ހުރިހާ ކަމެއް ނިންމައިފައެވެ.
"އެމްބާޕޭއާ ނުލައި ކުޅެން ޕީއެސްޖީން ދަސްކުރަން ޖެހޭ. މިހާރު ނޫނަސް، ކައިރި މުސްތަގުބަލެއްގައި އެކަން ވާނެ (އެމްބާޕޭ ދާނެ). އެމްބާޕޭ ކުޅޭނެތޯ ނޫނީ ނުކުޅޭނެތޯ ނިންމާނީ އަހަރެން. އެއީ ހުރިހާ ކޯޗުންވެސް އެކަން ކުރާ ގޮތް. އަހަރެން ބޭނުންވާ ގޮތަކީ ސްކޮޑުގައި ވާދަވެރިކަން އޮތުން. މި ސްކޮޑުން 11 އަށް އަރާ ކުޅުންތެރިޔާއަށް އެހިސާބަށް އާދެވޭނީ މަސައްކަތް ކޮށްގެންކަން އަހަރެން ދައްކަން ބޭނުންވޭ،" ރޭގެ މެޗަށްފަހު އެންރީކޭ ބުންޏެވެ.
ޕީއެސްޖީން މުޅިން އާ ޕްރޮޖެކްޓަކަށް ތައްޔާރުވަމުންދާ އިރު، އެޓީމުން ވަނީ މި ސީޒަނަށްވެސް ބަައެއް ސީނިއާ ކުޅުންތެރިންތަކެއް ދޫކޮށްލައިފައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ