އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ޗެލްސީ ބަލިކޮށް، ލިވަޕޫލުން ދިހަވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފިއެވެ.

ރެކޯޑު ދިހަ ފަހަރަށް މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން މިރޭ ވެމްބްލީގައި ކުޅުނު މެޗުގައި ޗެލްސީ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުން އިތުރު ވަގުތަށް މެޗު ގޮސް، ލިވަޕޫލް މޮޅުވީ ފަހު މިނެޓުކޮޅުގައި ގޯލު ޖަހައިގެންނެވެ.

މީގެ ކުރިން 2022 ވަނަ އަހަރުވެސް ލީގު ކަޕްގެ ފައިނަލުގައި ޗެލްސީއާއި ލިވަޕޫލް ވާދަކޮށްފައިވާ އިރު، އެފަހަރު ގިނަ ޕެނަލްޓީތަކެއް ޖަހައިގެން މުބާރާތް ކާމިޔާބުކުރީވެސް ލިވަޕޫލުންނެވެ. މިރޭގެ މެޗަށް ލިވަޕޫލް ނުކުތީ އެޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ކަމަށްވާ ޑިއާގޯ ޖޮޓާއާއި މުހައްމަދު ސަލާހްގެ އިތުރުން ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑް އަދި ޑާވިން ނުނިއޭޒްވެސް ސްކޮޑުގައި ނުހިމަނައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.

އަނެއްކޮޅުން ޗެލްސީން މިރޭ ތިއާގޯ ސިލްވާ ސްކޮޑުގައި ހިމަނާފައި ނުވާ އިރު، މެޗު ފުރަތަމަ ކޮޅުގައި ފެނުނީ ދާދި ހަމަހަމަކޮށެވެ. މޯސެސް ކައިސޭޑޯގެ ޓެކުލަކުން ރަޔަން ގްރަވެންބާޗަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނު އިރު، ޗެލްސީގެ ރަހީމް ސްޓާލިން ޖެހި ބޯޅައެއް ގޯލަށް ވަނެވެ. އެހެން ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން އިރު، ނިކޮލަސް ޖެކްސަން އޮފްސައިޑް މަގާމެއްގައި އޮތް ކަމަށެވެ.

ފުރަތަމަ ހާފުގައި ޗެލްސީން އިތުރަށް ނުރައްކާ ކުރި އިރު، ރަހީމް ސްޓާލިންއަށް ލިބުނު ފުރުސަތެއްވެސް ބޭކާރުވިއެވެ. އަދި ކޯލް ޕާމާ އޭރިއާ ތެރެއިން ޖެހި ބާރު ހަމަލާ މަތަކުރީ ލިވަޕޫލުގެ ގޯލްކީޕަރު ކައޮއިމިން ކެލެހާއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޗެލްސީގެ ކޯނޯ ގަލެގާ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ލިވަޕޫލުން ނުރައްކާކުރީ ކޯނަރުތަކުގައެވެ. ހާއްސަކޮށް ވާޖިލް ވެން ޑައިކް ސެޓް ޕީސްތަކުގައި ނުރައްކާކޮށް ފެނުނު އިރު، ހިލޭ ޖެހުމަކަށް އަރައި ޖެހި ބޯޅައެއް ގޯލަށްވެސް ވަނެވެ. އެ ގޯލު އޮފްސައިޑް ކަމަށް ރެފްރީ ނިންމީ، އެންޑޯ ވަޓަރު އޮފްސައިޑް މަގާމެއްގައި ހުރެ ޗެލްސީ ޑިފެންޑަރަށް ހުރަސް އެޅުމުންނެވެ.

އިތުރު ވަގުތަށް ކުޅެން ނުކުމެ ލިވަޕޫލުން ކުޅުން ރަނގަޅުކުރި އިރު، އެޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. އިތުރު ވަގުތުގެ ފަހު ހާފުގައި ލިވަޕޫލުން ލީޑު ނެގީ، 117 ވަނަ މިނެޓުގައެވެ. ކޯނަރަކަށް އަރައި ވެން ޑައިކް ބޮލުން ޖެހި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.

ޗެލްސީން އެންމެފަހުން ވެމްބްލީގައި ކުޅުނު ހަ ފައިނަލުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އޭގެ ތެރޭގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު ތިން ފައިނަލް ހިމެނެއެވެ.