ޖުޑިޝަރީ އާއި ކައުންސިލްތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ އެހެނިހެން ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު މިވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ. އެ ފަރާތްތަކުގެ މުސާރަތަކާއި އިނާޔަތްތައް ބޮޑުކުރަން ކޮމިޓީން ފާސްކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.
ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އާއ،ި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއ،ި ރައްޔިތުންގެ މަޖިލީހުގެ ރައީސާއ،ި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއ،ި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި ފަނޑިޔާރުންނާއ،ި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއ،ި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 102 ވަނަ މާއްދާގެ އިތުރުން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ ކަމަށް ގާނޫނުތަކުން ބުނެފައިވާ ފަރާތްތަކުގެ މުސާރަތަކާއި އިނާޔަތްތައް ކަނޑައެޅުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 112 ވަނަ މާއްދާގެ ދަށުން ހަވާލުކޮށްފައި އޮންނަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.
މުސާރަތަކާއި އިނާޔަތްތައް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މާލިއްޔަތު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައިވާގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މަގާމުތަކުގެ މުސާރަ އާއި އިނާޔާތްތަކުގެ އޮނިގަނޑު 25 ޑިސެންބަރު 2012 ގައި މުރާޖައާކުރުމަށްފަހު ޖުމުލަކޮށް ހުރިހާ މުއައްސަސާތަކެއް ހިމެނޭހެނ،ް މުޅި އޮނިގަނޑުގައި ހިމެނޭ ހުރިހާ މުއައްސަސާތަކެއްގެ މުސާރައާއި އިނާޔަތްތައް އެއްހަމަކޮށް ރިވިއު ކޮށްފައެއް ނުވެއެވެ. އެހެންކަމުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށްދިނުމަށް އެދި އެ މުއައްސަސާތަކުން ވަނީ މަޖިލީހަށް ޝަކުވާތައް ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް 13 ޑިސެންބަރު 2023 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީން ފެށި ކަމަށްވެސް ބުނެފައިވެއެވެ. ކޮމިޓީ ރިޕޯޓުގައިވާގޮތުން މި މައްސަލައާމެދު މަޝްވަރާކުރުމުގައި މައިގަނޑުގޮތެއްގައި ބަލާފައި ވަނީ ވެރިކަން ހިންގުމުގެ ބާރު (އެގްޒެކްޓިވް ބްރާންޗް) އާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު (ޖުޑީޝަރީ) އާއި ގާނޫނު ހެދުމުގެ ބާރު (ރައްޔިތުންގެ މަޖިލިސް) އާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކާއި ލޯކަލް ކައުންސިލްތަކުގެ އިތުރުން އެހެނިހެން ފަރާތްތަކަށް މީގެ ކުރިން ކޮމެޓީން ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިގްތިސާދަށާއ،ި އިންފްލޭޝަންއަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށްގެންނެވެ.
ސަބަބެއްގެ ގޮތުގައި ކޮމިޓީން ފާހަގަ ކޮށްފައި ވަނީ، ދައުލަތުގެ އެހެން ބާރުތަކުގެ އިސް މަގާމުތައް ފުރުއްވާ ފަރާތްތަކާ ހިލާފަށް ފަނޑިޔާރުންނަކީ އެބޭފުޅުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އެކަނި ބަރޯސާވެގެން ދިރިއުޅުން ބައްޓަންކުރަން ގާނޫނުން ލާޒިމުކުރާ ބައެއްކަމަށް ވުމެވެ. އެހެންކަމުން ފަނޑިޔާރުންނަކީ މުސްތަގިއްލުކަމާއެކު ވަކި ފަރާތަކަށް ޖެހުމަކާ ނުލައި ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ މުސާތަރަތަކާއި ބައެއް އެލަވަންސްތައް ބޮޑުކުރަންވެސް ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީ ބަހުސްގައިވެސް ސިޓީކައުންސިލްތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނާއި މެންބަރުނާއި، އަތޮޅު ކައުންސިލަތަކާއި، ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސްގެ އިތުރުން މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ މުހިއްމުކަން ބައެއް މެންބަރުން ފާހަަގަ ކުރެއްވިއެވެ.
ޖުޑިޝަރީ އާއި ކައުންސިލްތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ އެހެނިހެން ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލީހުން ފާސްކުރަން މަޖިލިސް ތަޅުމަށް ފޮނުވާފައިވާއިރު، ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑުވެ ހަރަދު ކުޑަކުރަން ނިންމައި އެކަމަށް ޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފައެވެ.
އެގޮތުން ސަރުކާރު އޮފީސްތަކުން އާ މަގާމުތައް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން ކުރުމަށް ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގައިފިއެވެ. ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި ސަރުކާރު އޮފީސްތަކަށް ފޮނުއްވި މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައިވަނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓު ތަންފީޒު ކުރުމަށާއި ހަރަދުތައް ކުރެވޭ ގޮތް ރަނގަޅު ކުރުމަށް މިއަދުން ފެށިގެން ފިޔަވަޅުތަކެއް އަޅަން އަންގާ ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް ހިނގާ ހަރަދާއި ދަތުރު ހަރަދު އަދި އޮފީސް ހިންގުމާއި ތަމްރީނު ކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް އަންގާފައިވެއެވެ.
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުން
- ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު, ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް, މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭ ދޭން ނުފެށުން
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ, މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ މަގާމުގެ ރޭންކަށް އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ކަމެއް ނުކުރުން
- ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތް އިތުރު ގަޑީގައި ކުރާ މަސައްކަތް މަދުކުރުން
އެ ފިޔަވަޅުތަކުގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ހުއްދަ ހޯދުމަށާއި ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލަޝިޕް ސްކީމްތަކުގެ ބޭރުން އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދިނުމަށާއި ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އަދި ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމަށްވެސް ސާކިއުލާގައި އަންގާފައިވެއެވެ.
އެ ސާކިއުލާއަށް ބުދަދުވަހުން ފެށިގެން އަމަލުކުރަން އަންގާފައިވާއިރު، ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސާކިއުލާގައިވާ ކަންކަމަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަން ކުރުމަށާއި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ސާކިއުލާގައި އެދިފައިވެއެވެ.
މިހާލަތުގައި އޮއްވައި، މާލިއްޔަތު ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފި ނަމަ މި ދަނޑިވަޅުގައި ދައުލަތަށް ބޮޑު ބުރައަކަށް ވާނެއެވެ.
ކޮމިޓީ ރިޕޯޓުގައިވާގޮތަށް މި ބަދަލުތަކާގުޅިގެން ބަޖެޓަށް އިތުރުވާނީ 69.2 މިލިޔަން (69,269,620) ރުފިޔާއެވެ. އެގޮތުން ހަމައެކަނި ޖުޑީޝަރީގެ މުސާތަރަކާއި އިނާޔަތްތަކަށް އަހަރަކު 24.7 މިލިޔަން (24,762,900) ރުފިޔާ ބަޖެޓަށް އިތުރުވާނެއެވެ.
ކައުންސިލަތަކަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތައް އެގޮތަށް ފާސްކޮށްފިނަމަ އެކަމަށް ޓަކައި އެކަނިވެސް 37.3 މިލިޔަން (37,368,000) ރުފިޔާ އަދި އެހެނިހެން މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ހުށަހަޅާފައިވާ ބަދަލުގެ ސަބަބުން 4.9 މިލިޔަން (4,908,000) ރުފިޔާ، މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ އެހެނިހެން ފަރާތްތަކަށް ކޮމިޓީން ގެނައި ބަދަލާ ގުޅިގެން 2.2 މިިޔަން (2,223,720) ރުފިޔާ އިތުރުވާނެއެވެ.
ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައިވާގޮތުން މަޖިލިސް ތަޅުމުން މި ރިޕޯޓް ފާސްކުރާ ދުވަހުން ފެށިގެން ކޮމިޓީން ފާސްކޮށްފައިވާ ބަދަލުތައް މުސާރަތަކަށާއި އިނާޔަތްތަކަށް ގެންނަން ޖެހޭނެއެވެ.
މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ "ވަން" އަށް ވިދާޅުވީ، މުސާރަތައް ބޮޑުކުރަން ކޮމިޓީން ފާސްކުރީ އެފައިސާ މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ކަމަށެވެ.
"މުސާރަތައް ބޮޑުކުރަން ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައި ވާނީ ފާސްކޮށްދީފައި، އެކަމަށް ފަސްސަތޭކަ މިލިޔަން ރުފިޔާ ބަޖެޓްގައި ހިމެނޭނެ،" ޔައުގޫބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަންވެސް ކޮމިޓީން ފާސްކުރިއެވެ.
ނަމަވެސް ޔައުގޫބު ވިދާޅުވީ، ކޮމެޓީން މަޖިލިސް ތަޅުމަށް މުސާރައިގެ ރިޕޯޓު ފޮނުވީ އެބައި އުނިކޮށްފައި ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ ބައި އެ ރިޕޯޓުގައި ނުހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް