ރާއްޖޭގެ އިގުތިސޯދު ފުން ވަޅުގަނޑަކަށް ވައްޓާލީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ މަނިކުފާނުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުން ތައާރަފުކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު ކުރައްވަމުން ޔާމީން ވިދާޅުވީ، ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަމުގައި ކުރެއްވި ކަންތައްތަކުގެ ސަބަބުން ކުރިމަތިވި ހާލަތެއް ކަމަށެވެ.
"ރާއްޖެ މިއަދު މިއޮތް ހާލަތުގައި މިއޮތީކީ ކޮންމެހެން ޑރ. މުއިއްޒު މި ހާލަތަށް ރާއްޖެ ވައްޓާލައިގެންނެއް ނޫން. އޭގެވެސް ހަގީގަތް އެނގޭނެ. ފަސް އަހަރުގެ ވެރިކަމެއް ދިޔައިރު ރާއްޖެ މި ހާލަތަށް ގެނެސްފައި މިއޮތީ އެމްޑީޕީ ވެރިކަމެއްގައި ތިބެގެން. މިއަދު އެ ބޭފުޅުން އެބަ ވިދާޅުވޭ ދައުލަތް ހިންގާކަށްވެސް ނޭނގެއޭ، ފައިސާ މެނޭޖުކުރާކަށްވެސް ނޭނގެއޭ، ދަރަނި ފިލުވާކަށްވެސް ނޭނގެއޭ. އެކަމަކު ދަރަނި އުފެއްދީ ކޮންބައެއްކަން ގަބޫލުކުރާކަށް ބޭނުމެއް ނުވޭ، ދައުލަތުގެ މުއައްސަސާތައް މިނިވަން ނޫން ކަމަށް ވިދާޅުވޭ، ދައުލަތުގެ މުއައްސަސާތައް މިނިވަން ނުކޮށް އަތު މުށުތެރޭގައި ގެންގުޅުނީ ކޮންބައެއްކަންވެސް އެބަ އިނގޭ،" ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރަށް އިތުރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން ރާއްޖޭގެ ސިޔާދަތީ ބާރު ނުހިންގުނީވެސް އަދި ރާއްޖޭގެ ދެކުނުގައި އޮތް މަސްކަނޑު ވިއްކާލައި، އެކަމާ ގުޅޭ ސިޓީ ނުދައްކަން އުޅުނީވެސް އެމްޑީޕީން ކަމަށެވެ.
"ސަރުކާރެއް ޖަވާބުދާރީ ކުރަންޖެހޭ މަޖިލީހެއްގައި، މިކަހަލަ (އެމްޑީޕީން ދެއްކި ކަހަލަ) ނަމޫނާތަކެއް ދައްކާފައި، މުޅި ރާއްޖެ ހަލާކުވެ، ރާއްޖޭގެ ހައިބަތު ގެއްލިގެން ދިޔަ ކަންތައްތައް ކޮށްފައި ތިބި އިރު، އެމްޑީޕީގެ އެއްވެސް މެންބަރަކަށް މަޖިލީހުން ޖާގަ ދޭން ޖެހޭތޯ؟" ޔާމީން ސުވާލު އުފެއްދެވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރެއް ޖަވާބުދާރީ ކުރުވޭނީ ސަރުކާރުގެ މެންބަރުން މަދުވެފައި، ސަރުކާރުން ކުރާ ކަންތައްތަކަށް އީޖާބީ ގޮތެއްގައި ޖަވާބުދާރީ ކުރަން ކެރޭވަރުގެ މެންބަރުން ތިބެގެން ކަމަށެވެ. ނަމަވެސް އެ މެންބަރުންނަކީ ސަރުކާރަށް އުނދަގޫކޮށް 'ދުއްޕާން' ކުރާ ބަޔަކަށްވާކަށް ނުޖެހޭ ކަމަށާއި ސަރުކާރުން ގެންނަ ރަނގަޅު މަޝްރޫއަށް ނޫނެކޭ ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު