އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސްޕެއިންގައި ހައްޔަރުކޮށްފައި ހުރި ޑެނީ އަލްވޭސް ހަތަރު މަހާއި ބައިގެ މުއްދަތަކަށް ޖަލަށް ލާން ސްޕެއިންގެ ކޯޓުން ހުކުމްކޮށްފިއެވެ.

އުމުރުން 40 އަހަރުގެ އަލްވޭސް، 2022 ވަނަ އަހަރު އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރީ ބާސެލޯނާގެ ނައިޓް ކުލަބެއްގައި ހިންގި ހަމަނުޖެހުމެއްގައެވެ. އަލްވޭސް ހައްޔަރުކޮށްފައިވަނީ ނައިޓް ކްލަބުގައި އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ރުހުމާނުލައި ޑެނީ އަލްވޭސް އޭނާ ގައިގައި އަތްލައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެއެވެ.

އޭގެފަހުން ހައްޔަރުގައި ހުރި އަލްވޭސްއަށް ކަފާލާތުގެ ދަށުން ލުޔެއް ނުދީ ބަންދުގައި ބަހައްޓާ މައްސަލަ ކުރިއަށް ގެންގޮސްފައިވާ އިރު، މިއަދު ކޯޓުން ހުކުމް ކުރީ ޖަލަށް ލުމަށެވެ. އަދި އޭގެ އިތުރުން އިތުރު ފަސް އަހަރު ޕްރޮބޭޝަންގައި ހުންނަން ޖެހޭނެ ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

އެ ހުކުމާއެކު އަލްވޭސްގެ ގާނޫނީ ވަކީލު ބުނެފައިވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. އަނެއްކޮޅުން އަންހެން މީހާގެ ވަކީލު ބުނީ އަލްވޭސްއާ ގުޅިގެން ދެއްކި ވާހަކަތަކުގެ ހަގީގަތް ހާމަވުން އެއީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ސްޕެއިންގެ މީޑިއާއިން ބުނީ ދައުލަތުން ނުވަ އަހަރުގެ ޖަލު ހުކުމަކަށް އެދުނު ނަމަވެސް، ހުކުމް ކުޑަކުރީ ބައެއް ކަންކަމަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން މައްސަލަ ހުށަހެޅި އަންހެން މީހާގެ އާއިލާއަށް ލިބުނު ގެއްލުމަށް، ޝަރުތެއް ނެތި އަލްވޭސް ދިން 128،500 ޕައުންޑް އޭގައި ހިމެނޭ ކަމަށްވެސް ނޫސްތައް ބުނެއެވެ. އެހެން ނަމަވެސް، އަލްވޭސް އެކަން ކުރި އިރު، މަސްތުގެ ހާލަތުގައި ހުރިހުރުމަށް އަދަބު ދިނުމުގައި ލުޔެއް ދޭން ކޯޓުން ވިސްނައިފައެއް ނެތެވެ.

އެ މައްސަލައިގައި އަލްވޭސް ފުރަތަމަ ކުށުން ބަރީއަތްވެ، އަންހެން މީހާ ނުދަންނަ ކަމަށް ބުނި ނަމަވެސް، ފަހުން ބުނީ ދެމީހުންވެސް ކަންތައްތަކެއް ކުރީ ދެ މީހުން ބޭނުންވެގެން ކަމަށެވެ. ގަދަކަމުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ކެރިއަރުގައި ސްޕެއިންގެ ބާސެލޯނާއަށްވެސް 408 މެޗު ކުޅެދީފައިވާ އަލްވޭސްއަކީ އެ ކްލަބާއެކު ހަ ފަހަރަށް ލީގު ކާމިޔާބުކޮށް، ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ޕީއެސްޖީއާއި ޔުވެންޓަސްއަށް ކުޅުނު އަލްވޭސް ވަނީ 126 މެޗު ބްރެޒިލް ގައުމީ ޓީމަށްވެސް ކުޅެދީފައެވެ. ކެރިއަރުގައި 47 ތަށި ހޯދާފައިވާ އަލްވޭސް ވަނީ ގަތަރު ވޯލްޑް ކަޕް 2022 ގައިވެސް ބްރެޒިލަށް ކުޅެފައެވެ.