ޔޫއެފާ ޗެމްޕިއަން ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯއިން އާސެނަލް ބަލިކުރި އިރު، ނަޕޯލީން ބާސެލޯނާއާ އެއްވަރު ކޮށްފިއެވެ.

ރޭ އާސެނަލުން ރަށުން ބޭރުގައި ޕޯޓޯ ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ޕްރިމިއާ ލީގުގައި ރަނގަޅު ފޯމެއްގައި އޮތް އާސެނަލް ރޭ ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމު ކޮޅަށް ޕޯޓޯއިން ޖެހި ހަމައެކަނި ގޯލު ފެނިގެން ދިޔައީ ފަހު މިނެޓުގައި ކަހަލަ ގޮތަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް ޕޯޓޯއިން ރަނގަޅު ހަމަލާތަކަކަށް މަސައްކަތް ކުރި އިރު، އާސެނަލުން ބެލީ ބޯޅަ ހިފަހައްޓައިގެން ކޮންޓްރޯލް ނެގުމަށެވެ. މުޅި މެޗުގައިވެސް އާސެނަލަށް ރަނގަޅު ހަމަލާއެއް އުފެއްދިފައިނުވާ އިރު، ވިލިއަމް ސަލީބާ އާއި ކައި ހަވާޓްސް ބޮލުން ފޮނުވާލި ބޯޅަތައް ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް، ޕޯޓޯގެ ސާޖިއޯ ކޮންސެއިކާއޯ ޖެހި ބޯޅަ ދަނޑިއަށް އަމާޒުވި އިރު، ނިކޯ ގޮންޒާލޭސްގެ ހަމަލާވެސް ދިޔައީ ބޭރަށެވެ.

މެޗުގެ ފަހު މިނެޓުގައި ޕޯޓޯއިން ލީޑު ނެގީ ގަލޭނޯ ޖެހި ގޯލުންނެވެ.

ބާސާއިން ރޭ ނަޕޯލީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވި އިރު، މެޗުގައި ބާސާއިން ފުރަތަމަ ގޯލު ޖެހީ 60 ވަނަ މިނެޓުގަައެވެ. އެ ގޯލު ރޮބާޓް ލެވަންޑޯސްކީ ޖެހި އިރު، ނަޕޯލީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ވިކްޓޯ އޮސީމެންއެވެ. އޭނާ ގޯލު ޖެހީ 75 ވަނަ މިނެޓުގައެވެ.