ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖެހި މައްސަލައިގެ ސީސީޓީ ފްޓޭޖު ނެތް ކަމަށް އެމްއެންޑީއެފުން ބުނެފައިވާތީ އެ މައްސަލަ ކޮމިޓީގައި އިތުރަށް ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.
ޖޭޕީ އޮފީސް ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީގެ ނަން، ކަރުދާސްގަނޑެއްގައި ލިޔެ ތަތްކުރި މައްސަލަ އަކީ މީގެ ތިން އަހަރު ކުރިން 2021 ވަނަ އަހަރު ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ދޫކޮށްފައިވާ އިރު، ފުރަތަމަ ބުރީގައި ހުންނަ ޖޭޕީގެ އޮފީހުގެ ބޭރުގައި އެ ނަން އެގޮތަށް ތަތްކޮށްފައި ވަނީ، އެ އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހުގެ މެންދުރެއްހާއިރުއެވެ.
އަހަރު ތަކަކަށްފަހު އެ މައްސަލައާ ބެހޭގޮތުން އެންމެ ފަހުން ކޮމިޓީގައި ބަހުސް ކުރީ، 24 އޮކްޓުބަރު 2023ގަ އެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި އެ މައްސަލައިގެ ބަހުސަށް ހުޅުވާލައްވަމުން ކޮމިޓީގެ މުގައްރިރު މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މަޖިލިސް އިދާރާގައި ހުންނަ ސީސީޓީވީ ކެމެރާގެ ފްޓޭޖު ހޯދުމަށް ކޮމިޓީން އެމްއެންޑީއެފްގައި އެދުމުން ފްޓޭޖު ނެތް ކަމަށް އެ މިނިސްޓްރީން ޖަވާބު ދީފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ އޮފީހުގައި ހަރުކޮށްފައި ހުންނަ ޖުމްހޫރީ ޕާޓީގެ ނަންބޯޑު ތިރީގައި އެހެން ނަމެއް ލިޔެ ތަތްކޮށްފައިވާ މައްސަލަ، މި މައްސަލައިގައިވާ މައުލޫމާތު ހޯދާ ދިރާސާ ކުރުމަށް ނިންމައި މައްސަލައާ ގުޅުންހުރި ސީސީޓީވީ ފްޓޭޖު ހޯދުމަށް މިނިސްޓްރީ އޮފް ޑީފެންސަށް ސިޓީ ފޮނުވި ގިނަ ދުވަސް ވުމުގެ ސަބަބުން އެ ފްޓޭޖު ނެތް ކަމަށް އެ މިނިސްޓްރީގެ 8 އޯގަސްޓް 2021 ގައި ސިޓީން ޖަވާބުދީފައިވޭ،"
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައަށް ގޮތެއް ނިންމަން ހުޅުވައިލުމުން، މަނަދޫ ދައިރާގެ މެންބަރު އަހްމަދު ހާރޫން ވިދާޅުވީ، އެ މައްސަލައަކީ މީގެ ތިން އަހަރު ކުރިން ކޮމިޓީއަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ.
މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފް މެދުވެރިކޮށް އެ ކަމުގެ މައުލޫމާތު މަޖިލީހަށް ހޯދާފައިވާ ކަމަށާއި، ލަސްވުމުގެ ސަބަބުން އެ މައްސަލައަށް ބޭނުންވާ ސީސީޓީވީ ފްޓޭޖު ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަންކުރި ފަރާތް ބެލޭނެ އެއްވެސް ގޮތެއް ނެތުމުން އެމްއެންޑީއެފްގެ ސިޓީއާ ހަވާލާދީ އެ މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދީ މައްސަލަ ނިންމަންވެސް ހުށަހެޅުއްވިއެވެ.
ނަމަވެސް ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ (މޮސްޓާ) ވިދާޅުވީ، އެ ފްޓޭޖުތައް ކަމަށް އެމްއެންޑީއެފުން ބުނާ މައްސަލަ ބަލައި ޖަވާބުދާރީ ކުރުވަން ޖެހޭކަމަށެވެ. އަދި އެކަމުގައި އިހުމާލުވެފައިވަނީ ކޮންފަރާތްތަކެއްތޯ ބަލައި އެފަރާތްތަކަށް ފިޔަވަޅުއަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެެރެއިން އެއް ބާރަށްވާއިރު އެފަދަކަންތައް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
މޮސްޓާ ހުށަހެޅުއްވީ ފްޓޭޖް ނެތްކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށެވެ. ނަމަވެސް އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދެއް ނުކުރެއްވިއެވެ.
އެހެންކަމުން ފާސްވީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ހުށަހެޅި ހުށަހެޅުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު