އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ޗެލްސީއާ އެއްވަރުވެއްޖެއެވެ.
ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، މި ސީޒަނުގެ ލީގުގައި ޗެލްސީ ދަނޑުގައި މި ދެޓީމުގެ ކުރިމަތިލުން އެއްވަރުވީ 4-4 އިންނެވެ. ރޭގެ މެޗުގައި ގޯލުތައް މަދު ނަމަވެސް، ފުރުސަތުތައް ދެޓީމަށްވެސް ގިނައިން ލިބުނެވެ. ހާއްސަކޮށް ސިޓީއަށް ލިބުނު ގިނަ ފުރުސަތުތަކެއް ގެއްލިގެން ދިޔަކަން ފާހަގަކޮށްލެވުނެވެ.
ރޭގެ ޕޮއިންޓާއެކު ސިޓީއަށް ތަށީގެ ރޭހުގައި އުނދަގޫތަކެއް ކުރިމަތިވި އިރު، އެޓީމު މިވަގުތު ތިންވަނައިގައި އޮތީ 24 މެޗުން 53 ވަނައިގައެވެ. ދެވަނައިގައި އޮތް އާސެނަލަށް 25 މެޗުން 55 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން ވަނީ 57 ޕޮއިންޓް ލިބިފައެވެ. ޗެލްސީ ރޭ މުހިއްމު ޕޮއިންޓެއް ހޯދި ނަމަވެސް، އެޓީމު އަދިވެސް އޮތީ ތާވަލުގެ 10 ވަނައިގައެވެ.
ޗެލްސީން ފުރަތަމަ މިނެޓުން ފެށިގެން ޑިފެންސަށް ވިސްނައި، ސިޓީގެ އެޓޭކް ހުއްޓުވަން ވަރަށް ބޮޑަށް ފަހަތަނަށް ޖެހުނެވެ. އެޓީމުން ސިޓީ ހުއްޓުވަން ބޮޑު ސަމާލުކަމެއް ދީގެން އެޓޭކް ކުރީ ކައުންޓާ ފުރުސަތުތަކުގައެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ޗެލްސީން ގޯލު ޖެހީވެސް ކައުންޓާ ފުރުސަތެއްގައެވެ. އެޓީމުގެ ކުރިއަށް ކުޅޭ ނިކޮލަސް ޖެކްސަން ތަނަވަސްކުރި ފުރުސަތެއްގައި ރަހީމް ސްޓާލިން ގޯލު ޖެހީ އޭރިއާ ތެރެއިން ކައިލް ވޯކާ ނައްޓާލުމަށްފަހުއެވެ.
ޗެލްސީން ދެވަނަ ހާފުގައި އިތުރަށް ޑިފެންސްކުރަން މަސައްކަތް ކުރި އިރު، ސިޓީން ދިޔައީ ފުރުސަތަކަށްފަހު ފުރުސަތެއް ތަނަވަސް ކުރަމުންނެވެ. އާލިން ހާލަންޑާއި ޖެރެމީ ޑޯކޫއަށް ހުސް ފުރުސަތުތައް ލިބި ބޭކާރުވި އިރު، މެޗު ނިމެން ދަނިކޮށް، 83 ވަނަ މިނެޓުގައި ސިޓީއަށް އެއްވަރު ކޮށްދިނީ ރޮޑްރީއެވެ.
އޭރިއާ ތެރެއަށް ވެއްޓުނު ބޯޅައެއްގައި ރޮޑްރީ ފޮނުވާލުމުން ގޯލަށް ވަނީ ޗެލްސީގެ ޑިފެންޑަރި އެކްސެލް ޑިސާސީ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. 2022 ވަނަ އަހަރު ނޮވެމްބަރު މަހަށްފަހު ސިޓީން ހޯމްގައި ބަލިވެފައި ނުވާ އިރު، ރޮޑްރީގެ ގޯލުން އެ ރެކޯޑު ދެމެހެއްޓިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު