ގައުމުގެ މިސްރާބު ހުރީ ފުން އަނދަވަޅަކާ ދިމާލަށް ކަމަށާއި ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ލޯމަރާލައިގެން ހުރެވެން ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޖީހާން މަހުމޫދަށް ތާއީދު ހޯއްދަވަން ރޭ ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހް ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތަކާއި ހެދި ދޮގުތަކާއި އޮޅުވާލުމާއި ނަފުރަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް މަންޒަރު އޮޅިގެންދިޔަ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ސަބަބުން އެމްޑީޕީއަށް އިންތިހާބުގައި ނާކާމިޔާބުވި ކަމަށް ސޯލިހް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު މުޅި ރާއްޖޭގެ އެކި ރަށްރަށުންނާއި އެކި ކަންކޮޅުތަކުން އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނަމުންދާ ކަމަށާއި އެ ނިންމުމާ ދޭތެރޭ ދެރަވެ ކަންބޮޑުވެ، ކުރެވުނީ ގޯސްކަމެއްކަން ރައްޔިތުންނަށް އިހުސާސްވާން ފަށައިފި ކަމަށް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ފެށި ކަމަށާއި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެކަންކަން ކުރިއަށް ގެންދިޔަ އިރު ދަތި، އުނދަގޫ ދުވަސްތައް ދިމާވި ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ބުރަ މަސައްކަތްތަކުން ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެވުނު. ހާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށްޓަކައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި ސިއްހަތާއި ތައުލީމާއި ލަފާފުރުމާއި ދަތުރުފަތުރު މިކަންތައްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. އެހެން ނަމަވެސް މިއަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކީގައި ގާތްގަނޑަކަށް އެ ހުރިހާ ކަމެއް މިއަދު މިވަނީ ހުއްޓުމަކަށް އައިސްފައި، މިއީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހިފައި އޮތް ކަމެއް،" ސޯލިހް ވިދާޅުވިއެވެ.

ވޭތުވެދިޔަ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުނު ކަމަށާއި ރާއްޖޭގެ ވެރިކަން ފަސް އަހަރު ދުވަހު ކުރެއްވިއްޖެ ކަމަށެވެ. ނަމަވެސް ގައުމު މިހާރު މިދާ މިސްރާބުގެ ސަބަބުން ލޯމަރާލައިގެން ހުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.

"ވެރިކަން ކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށް މިއަދު ނެތް އެކަން ލޯމަރާލައިގެން ބަލަހައްޓައިގެން ކެތްކުރެވޭކަށެއް. ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން. އަޅުގަނޑުމެން އެކީގައި އެތައް މަސައްކަތްތަކެއް ނުކޮށްފިނަމަ މި ގައުމު ގޮސް ވެއްޓޭނެ އަނދަވަޅު ވަރަށް ސާފުކޮށް މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ. އޭރުވެސް ހެދީ ދޮގު މިއަދުވެސް ހަދަމުންދަނީ ދޮގު އޭރުވެސް ވަނީ ވައުދު މިއަދުވެސް ވަނީ އިތުރަށް ވައުދު. ކަމެއް އަނެއްހެން ކުރެވޭތަނެއް އަޅުގަނޑުމެންނަށް އަދިއެއް ނުފެނެ،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަނީ މިގައުމާ ނުގުޅޭ ވާހަކަތަކެއް ކަމަށާއި މިއަދުވެސް ކުރަން ޖެހިފައި އޮތް އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ދޮގާއި މަކަރުން ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.