މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ބުރުގައި ރޭ ކުޅުނު މެޗުތަކުން މަތިވެރި އާއި މާލޭގެ މައްޗަންގޮޅިވެސް މޮޅުވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން ތިނަކާއި ހަތަރެއްގެ އިތުރުން ފަހެއް އަދި އަށެއްގެ މެޗުތަކެވެ. ޒޯން ހަތަރެއްގައި އއ. އަތޮޅުގެ ޗެމްޕިއަނާއި އދ. އަތޮޅުގެ ފައިނަލުގައި ވާދަކުރި ދެޓީމުގެ އިތުރުން ވ. އަތޮޅުގެ ޗެމްޕިއަނުން ވާދަކުރަމުންދާ އިރު، އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރިން ރޭ ވަނީ އދ. އަތޮޅުގެ ޗެމްޕިއަން މަހިބަދޫ، 3-2 އިން ބަލިކޮށްފައެވެ.
މެޗުގައި މަތިވެރީގެ ގޯލުތައް މުހައްމަދު ޝަފުރާޒާއި އަލީ އަލްސަން އަދި އަހުމަދު ފިރާޝް ޖެހި އިރު، މަހިބަދޫގެ ގޯލުތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގެ އިތުރުން ހުސައިން ނިޔާޒެވެ.
އެ ޒޯނުގައި އދ ގެ ރަނަރަޕް މާމިގިލިން ރޭ ކުޅުނު މެޗުގައި ވ. ކެޔޮދުއާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. މާމިގިލީގެ ދެ ގޯލުގެ އަހުމަދު ނިޒާމް (ނިޒާމްބެ) ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ ހައިޝަމްއެވެ.
ކެޔޮދީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު، އެޓީމުގެ ތަޖުރިބާކާރު ފޯވަޑް އަހުމަދު ރަޝީދު (އަންމަޑޭ) ޖެހި އިރު، އަނެއް ގޯލު ޖެހީ އަރީން އަބްދުﷲ އިބްރާހީމެވެ.
މާލޭގެ ޓީމުތައް ހިމެނޭ ޒޯން އަށެއްގެ ކުޅުންވެސް ރޭ ފަށާފައިވާ އިރު، މައްޗަންގޮޅިން ހުޅުމާލެ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މައްޗަންގޮޅީގެ ގޯލުތައް ޖެހީ ހަސަން ނަޒީމް (ޗޯޓު) އާއި މުހައްމަދު ނަޒާމެވެ.
އެ ޒޯނުގައި ރޭ މާފަންނާއި ވިލިމާލެ ވާދަކުރި މެޗު އެއްވަރުވި އިރު، މެޗުގައި މާފަންނުގެ ގޯލުތައް ޖެހީ ހުސައިން ސުހައިލާއި މުހައްމަދު ޔަފާއުއެވެ. ވިލިމާލޭގެ ގޯލުތައް ޖެހީ އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަލީ ޝިޔާހެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ ޒޯން ބުރުގެ މެޗުތައް މިރޭވެސް އޮންނާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް