ރާއްޖޭގެ އަމިއްލަ އެއާލައިން، މަންޓާ އެއާއިން މިވަނީ އަނެއްކާވެސް އާ ހަރުފަތަކަށް ޖެހިލައިފައެވެ. ޑޮމެސްޓިކުން ފެށި ދަތުރު މިއަދު މިވަނީ ބައިނަލްއަގުވާމީ ދަތުރުގެ އާ ސޮފުހާއެއް ފަށައި، ތާރީހު ލިޔެލައިފައެވެ.

ރާއްޖޭގައި މިވަގުތު އޮންނަނީ ތިން އެއާލައިނެވެ. އެއީ މަންޓާގެ އިތުރުން މޯލްޑިވިއަން އާއި ފްލައިމީއެވެ. މަންޓާއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަގު އެއާލައިނެވެ. 2018 ވަނަ އަހަރު އިފްތިތާހު ކުރި މަންޓާއިން ރަސްމީކޮށް ދަތުރުތައް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ދެ ބޯޓުން ދަތުރުތައް ފެށި މަންޓާ މިހާރު ވެފައިވަނީ ރާއްޖޭގައި އެންމެ މަގުބޫލު އަދި އެންމެ ބޮޑު އެއް އެއާލައިނަށް ވެފައެވެ.

މިވީ މަދު ދުވަސްކޮޅުގައި މަންޓާއިން އެއާލައިންގެ ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އިރު، މިއަދު މިވަނީ "އާ މައިލްސްޓޯން" އެއް ހާސިލްކޮށްފައެވެ. އެ ކުންފުނިން މިއަދު މިވަނީ ބައިނަލްއަގުވާމީ ދަތުރުތަކަށް ފައްކާވެ، އިންޑިއާގެ ބެންގަލޫރުގެ ކެމްޕެންގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ދާލު އެއާޕޯޓާ ގުޅުވާލައިފައެވެ.

އިންޑިއާގެ ބެންގަލޫރުން އިއްޔެ ހެނދުނު ފުރައިގެން މަންޓާ އެއާގެ ފްލައިޓް ސީދާ ދާލު އެއާޕޯޓަށް ޖައްސައި، މުޅި ދާލަށް މިވަނީ ހިނިތުންވުން ގެނެސްދީފައެވެ. ދާލު އަތޮޅަށްވެސް އިއްޔެ ވެގެން ގޮސްފައި މިވަނީ ވަރަށްވެސް ހާއްސަ އަދި ތާރީހީ ދުވަހަކަށެވެ. މަންޓާ އެއާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓް އިއްޔެ ދާލު އެއާޕޯޓަށް ޖައްސާފައިވާ އިރު، މިއީ ރާއްޖޭން ބޭރުން ދާލު އެއާޕޯޓަށް ސީދާ ދަތުރެއް ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މީގެ ކުރިން އެ އަތޮޅަށް ބައިނަލްއަގުވާމީ ފްލައިޓެއް ޖައްސާފައެއް ނުވެއެވެ.

އިއްޔެ ރަސްމީކޮށް ބައިނަލްއަގުވާމީ ދަތުރުތަކަށް މަންޓާއިން ދޮރު ހުޅުވާލާފައިވާ އިރު، މަންޓާއިން ދާލު އެއާޕޯޓުން ބެންގަލޫރަށް ރަސްމީކޮށް ދަތުރު ފަށާނީ މާޗް ފަސް ވަނަ ދުވަހުއެވެ. މަންޓާއިން ނިންމާފައިވަނީ ހަފުތާއަކު ތިން ދުވަހު ބެންގަލޫރާއި ދާލު އެއާޕޯޓާ ދެމެދު ދަތުރުތައް ބޭއްވުމަށެވެ.

ދ. އަތޮޅުގައި 8 ރިސޯޓެއް ހިންގައެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ރިސޯޓުތައް ވެސް ހިމެނެއެވެ. މަންޓާގެ ބައިނަލްއަގުވާމީ ދަތުރުތަކާ އެކު ދ. އަތޮޅުގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެއެވެ. މި ސަރަހައްދުގެ ޓޫރިޒަމަށް ވަރަށް ބޮޑު ފުޅާވެ، ފަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި ގޮތުގައި އެއީ ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް ނިންމި އެންމެ މުހިންމު އެއް ސަބަބެވެ.

"މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓްތައް މި ޖައްސަނީ. އެހެންކަމުން ފަތުރުވެރިން މި އަންނަން ޖެހެނީ ޓްރާންސިޓް ދަތުރުތަކެއް ކޮށްފައި އެހެން އަތޮޅުތަކަށް. އެއީ ވަރަށް ބޮޑު ތަކުލީފެއް. އެކަމަށް މިއަދު ލުޔެއް ލިބި، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ،" ހަލީލް ވިދާޅުވިއެވެ.

ޑޮމެސްޓިކް ސީޕްލޭން ކެރިއާ އަދި އެއާލައިނަކުން އިންޓަނޭޝަނަލް ދަތުރުތައް ކުރާ އެއާލައިނަކަށް ބަދަލުވުމަކީ އެ ކުންފުނީގެ ކުރިއެރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ހަލީލް ވަނީ ފާހަގަކުރައްވައިފައެވެ. އެކަމުގެ ސަބަބުން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުވެގެންދާނެ ކަމަށާއި ދާލު އަތޮޅުގެ ރިސޯޓުތަކަށް ލިބޭ ބުކިންތައް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް ވިދާޅުވީ ބޭރު ގައުމުތަކުން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް ސީދާ ދަތުރުތައް ފެށުމަކީ، ހުރިހާ އަތޮޅަކަށް ވެސް މުހިންމު ހިދުމަތެއް ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރީންނަށާއި ޖުމުލަކޮށް މުޅި އިންޑަސްޓްރީއަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނޭ ކަމެއް ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ފަތުރުވެރީންގެ ހިތްހަމެޖެހުން ލިބިގެންދާނެއެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ޓޫރިޒަމްގެ ސަކްސެސް އަކީ ދިވެހީންގެ މެހުމާންދާރީ، ޓޫރިސްޓުންގެ ހިތްހަމަޖެހޭ ގޮތަށް ކަންކަން ކުރާން އެނގުން. މި މޮޑެލްގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. އެންމެ މުހިންމު ކަމަކީ، ސީދާ ދަތުރުތައް ވީމަ އަގު ހެޔޮވުން، ހަމަ އެއާއި އެކު، ދަތުރަށް ހޭދަކުރަން ޖެހޭ ވަގުތު ސަލާމަތްކުރެވުން. އެހެން ނޫން ނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުލައިޓު ޖައްސާފަ ޑޮމެސްޓިކް އެއާޕޯޓަށް ގޮސް އެހެން ފުލައިޓަކުން އަތޮޅަށް ދާން ޖެހެނީ. އަދި ޓްރާންސިޓް ވަގުތުވެސް އޮންނާނެ. މި ބަދަލާއެކު ޓޫރިސްޓުން އެ ތަކުލީފުތައް ލުއިވެގެންދާނެ." މިނިސްޓަރު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ޑޮމެސްޓިކް އެއާޕޯޓުތަކަށް ބޭރު ގައުމުތަކުން ސީދާ ފުލައިޓުތައް އައުމުން ލޯކަލް ޓޫރިޒަމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމެއް ވިދާޅުވެފައެވެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން އުފުލުމުގައި ވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ގުޅިފައިވާ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ނެތުންކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މި އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ދިވެހީންނަށާއި ލޯކަލް ޓޫރިޒަމަށްވެސް މިއީ ފައިދާ ބޮޑު މޮޑަލަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

"މިސާލަކަށް މާފުއްޓަށް ބައްލަވާ! މާފުށީގެ ލޯކަލް ޓޫރިޒަމްގެ ކާމިޔާބުގެ އެންމެ މުހިންމު އެއް ސަބަބަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުން. އެހެންވީމާ މުޅި ރާއްޖެވެސް އެގޮތަށް ގުޅާލެވެން ޖެހޭ. އެކަމަށް ބޭނުންވާ މަސައްކަތްތައް މި ސަރުކާރުން ކުރާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ބެންގަލޫރުން ދާލަށް ދަތުރުތައް ފެށިގެން ދިއުމަކީ ފުރަތަމަ މަރުހަލާއެވެ. ހަލީލް ވިދާޅުވި ގޮތުގައި މިއީ އަދި ފެށުމެކެވެ. ކުރިއަށް އޮތް ޕްލޭން ވަރަށްވެސް ބޮޑެވެ. އެގޮތުން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އިންޑިއާ އާއި އެހެން ސަރަހައްދުތަކުންވެސް ދާލަށް ސީދާ ދަތުރުތައް ފެށުން އެއީ އެންމެ ބޮޑު ޓާގެޓެވެ.

"އޭގެ މާނައަކީ އިންޑިއާގެ އެހެން ސިޓީތަކާއި ސްރީލަންކާ އާއި ޗައިނާ އާއި މިޑްލް އީސްޓް ފަދަ ސަރަހައްދުތަކުން ސީދާ ދާލަށް ދަތުރުތައް ފެށުން. ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ފެށުން ޓާގެޓަކީ،" ކުޑަހުވަދޫ އެއާޕޯޓުގައި ހުންނަވައި ހަލީލް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

އެކަން ހާސިލުވާން އޮތީ ދާލު އެއާޕޯޓަށް އިތުރަށް ބޮޑުކޮށް، އިތުރު ފުރިހަމަކަމެއް ލިބިގެންނެވެ. އަދި ރަންވޭ ބޮޑުކޮށް، ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭ ގޮތް ވެގެންނެވެ. ލަސްތަކެއް ނުވެ އެކަމަށް ވެސް ހައްލު ލިބިގެންދާ މަންޒަރު ފެނިގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ދާލު އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. ރަންވޭ ބޮޑުކޮށް ކުރިއަށް އޮތް ތަނުގައި ދާލު އެއާޕޯޓަށް އެއާބަސް ފަދަ ބޯޓުތައް ޖެއްސޭނެ ގޮތް ވެގެންދާނެ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް އޮތް އެންމެ ބޮޑު ދޮރު ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ހަލީލް ވިދާޅުވީ އިންޓަނޭޝަނަލް ދަތުރުތަކުގެ ސަބަބުން މަންޓާގެ ފްލައިން އަވާސް އިތުރުންވެގެންދާނެ ކަމަށާއި އެއީ އެއާލައިނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑޮމެސްޓިކް އެއާޕޯޓުތައްވެސް ތަރައްގީވެ، އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިވަގުތު ދެވަނައަށް އެންމެ ގިނަ ސީޕްލޭންވެސް އޮޕަރޭޓް ކުރާ މަންޓާއިން ބައިނަލް އަގުވާމީ ދަތުރުތަކަށް މިއަދު މިވަނީ ރަނގަޅަށްވެސް ފައްކާވެ ކުންފުނިން އާ ތާރީހެއް ލިޔެލައިފައެވެ. އަންނަ މާޗް މަހު ބައިނަލްއަގުވާމީ ދަތުރުތައް ފެށުމުން ފްލައިން އަވާސް އިތުރުވެ، މަންޓާގެ އުދުހުންތައް އިތުރުވެގެންދާނެއެވެ. ހަލީލް ފާހަގަ ކުރައްވާ ގޮތުގައި ފްލައިޓް މަތީގައި އޮތުމަކީ އެއާލައިނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާއެވެ. އެއީ ތެދެކެވެ. ހަމަ އެއާއި އެކު، ސީދާ ދަތުރުތައް ދ. އަތޮޅަށް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމަށް ފައިދާ ކުރާނޭ މޮޑެލެކެވެ. ހަމައެހެންމެ މިއީ، ސީދާ އެ ސަރަހައްދުން ރާއްޖެއިން ބޭރަށް ދަތުރުކުރާން ބޭނުން މީހުންނަށްވެސް ލިބިގެންދާ ފަހި ފުރުސަތެކެވެ.