ގޭތެރެއަށް ވަދެގެން އަންނައިރު ދުވާ މީރު ވަހަކީ މީހާގެ މޫޑު ރަނގަޅުކޮށްދީ، ދުވަހުގެ ވަރުބަލިކަން ފިލުވައިދީ ހިތްހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. ސާފުތާހިރުކަމުގެ އިހުސާސް ގެނެސްދޭ މިފަދަ މާހައުލެއް ބިނާކުރުމަކީ ހަމައެކަނި ގެއަށް ޒިޔާރަތްކުރާ މެހެމާނުންނަށްޓަކައި ކުރާން ޖެހޭ ކަމެއް ނޫނެވެ. އެއީ ގޭގައި ދިރިއުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ސިކުނޑީގެ ހަމަޖެހުމާ ސީދާ ގުޅިފައިވާ ކަމެކެވެ. ގޭތެރޭގައި މީރުވަސް ދުއްވުމަށްޓަކައި އަގުބޮޑު ކެމިކަލް އެއަރ ފްރެޝްނާތަކަށް ބަރޯސާވުމުގެ ބަދަލުގައި، ގުދުރަތީ އަދި ފަސޭހަ ގޮތްތަކެއް ބޭނުންކުރެވިދާނެއެވެ. މިކަމަށް ބޭނުންވަނީ ރަނގަޅު އާދަތަކަކާއި ތަބީއީ ވަސީލަތްތަކެކެވެ.
ގުދުރަތީ ގޮތްތަކާއި ސާފުތާހިރުކަން
ގޭތެރެ ތާޒާކޮށް ބޭއްވުމުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިޔަވަޅަކީ ވައި ދައުރު ވާނެ ގޮތް ހެދުމެވެ. ކޮންމެ ދުވަހަކުވެސް ކުޑަދޮރުތައް ހުޅުވައި، ގޭތެރެއަށް ތާޒާ ވައި ވައްދަން އާދަކުރާށެވެ. މީގެ އިތުރުން ގޭތެރެ ސާފުކޮށް ބޭއްވުމަކީ ނުބައި ވަސްތައް އުފެދުން ހުއްޓުވުމުގެ އަސާސެވެ. ގަވާއިދުން ކުނިކަހައި، ފަރުނީޗަރުތަކުގެ ހިރަފުސް ފޮޅައި، އަދި ކުނިވަށިގަނޑުތައް ހުސްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ބަދިގޭގެ ސިންކުން ނުބައި ވަސް ދުވާނަމަ، ލުނބޯ ފޮއްޗަކާއި އައިސްކިއުބް އަޅައިގެން ސާފުކުރުމުން އެކަން ހައްލުވާނެއެވެ.
ގޭތެރޭގެ ވައި ސާފުކޮށްދީ މީރުވަސް ދުއްވުމަށް ގޭތެރޭގައި ހައްދާ ގަސްތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. މާލޭގައި ގަސްވިއްކާ ފިހާރައެއްކަމަށްވާ ބޮޓޭނިކަލް ގާޑަން އިން ބުނި ގޮތުގައި ޖާސްމިން އަކީ ރޭގަނޑުގެ ވަގުތުތަކުގައި ވަރަށް މީރު ވަހެއް ދުވާ، މީހާގެ ނާރުތަކަށް އަރާމުކަން ގެނެސްދޭ ގަހެކެވެ. އެހެންކަމުން މިއީ ނިދާ ކޮޓަރިއަށް ވަރަށް އެކަށީގެންވާ ގަހެކެވެ. ހަމައެހެންމެ، ލެވެންޑަރ އާއި ގާޑީނިއާ ފަދަ ގަސްތަކަކީ ލަގްޒަރީ އަދި ހިތްގައިމު ވަހެއް ގެނެސްދޭ ގަސްތަކެކެވެ. ބަދިގޭގައި މިންޓް ނުވަތަ ރޯޒްމެރީ ފަދަ ގަސްތައް ބެހެއްޓުމުން ކައްކާއިރު ނުކުންނަ ވަސްތައް ކަނޑުވާލައި، ގޭތެރެއަށް ގުދުރަތީ ތާޒާކަމެއް ލިބިގެންދެއެވެ.
މީރުވަސް ދުއްވުމަށް ބޭނުންކުރެވިދާނެ އުކުޅުތައް
ގޭތެރެއަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް އެސެންޝަލް އޮއިލް އާއި ޑިފިއުޒަރ ބޭނުންކުރެވިދާނެއެވެ. އަލްޓްރާސޮނިކް ޑިފިއުޒަރ ބޭނުންކޮށްގެން ފެނާއި ތެޔޮ އެއްކޮށް ވައިގެ ތެރެއަށް ފަތުރާލެވޭއިރު، ރީޑް ޑިފިއުޒަރ އަކީ ކަރަންޓާ ނުލައި ގޭތެރޭގައި މީރުވަސް ހިފަހައްޓައިދޭނެ އެއްޗެކެވެ. ލުއި އަދި މީރު ވަހެއް ގެނެސްދޭ އުއްބައްތިއަކީވެސް ގޭތެރެއަށް ހިތްގައިމުކަން ގެނެސްދޭނެ ވަސީލަތެކެވެ.
އަމިއްލައަށް ގޭގައި ރޫމް ސްޕްރޭއެއް ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. 4 އައުންސްގެ ބިއްލޫރި ފުޅިއަކަށް 2 އައުންސް ފެން އަދި 2 އައުންސް ވިޗް ހޭޒަލް އެޅުމަށްފަހު، އޭގެ ތެރެއަށް ލެވެންޑަރ، ލުނބޯ، ނުވަތަ ޔޫކަލިޕްޓަސް ފަދަ އެސެންޝަލް އޮއިލްގެ 20 ނުވަތަ 30 ތިކި ޖަހާލާށެވެ. މިއީ ކެމިކަލްތަކާ ދުރު، ގުދުރަތީ ސްޕްރޭއެކެވެ. މީގެ އިތުރުން، އުނދުން މަތީގައި ފެން އެއްޗެއް ކައްކަން އުދުމަށްފަހު، އޭގެ ތެރެއަށް ލުނބޯ، އޮރެންޖު، ކަރަންފޫ އަދި ފޮނިތޮށި އަޅައިގެން ކެއްކުމުން މުޅި ގޭތެރެއަށް ވަރަށް މީރު ވަހެއް ފެތުރިގެންދާނެއެވެ.
އާދަކޮށް ކުރަންޖެހޭ ކަންކަން
ގޭތެރެ މީރުވަސް ދުވާ ގޮތަށް ދެމެހެއްޓުމަށްޓަކައި ދުވަހީ އާދަތަކެއް ގެންގުޅުން މުހިންމެވެ. ދޫލަ ފަދަ ތަންތަން ވެކިއުމް ކުރުމުގެ 15 ނުވަތަ 30 މިނެޓު ކުރިން ބޭކިން ސޮޑާ (Baking soda) ކޮޅެއް ބުރުވާލާށެވެ. ބޭކިން ސޮޑާއަކީ ނުބައި ވަސްތައް ފޮރުވުމުގެ ބަދަލުގައި، އޭގެ ޒާތުގައި ވަސްތައް ދަމައިގަނެ ނައްތާލާ އެއްޗެކެވެ. މީގެ އިތުރުން، ވެކިއުމް ކުރާއިރު މީރު ވަހެއް ދުއްވުމަށްޓަކައި، ކަފަކޮޅެއްގައި އެސެންޝަލް އޮއިލް ތިކިތަކެއް ޖަހާލުމަށްފަހު ވެކިއުމް ކްލީނަރުގެ ތެރެއަށް ލާށެވެ. އޭރުން ވެކިއުމް ކުރަމުންދާއިރު މުޅި ގޭތެރެއަށް އެ މީރުވަސް ފެތުރިގެންދާނެއެވެ.
ފްރިޖުގެ ތެރޭގައިވެސް ކުޑަ ބޭކިން ސޮޑާ ތަށްޓެއް ނުވަތަ ކޮފީ ކުނޑި ކޮޅެއް ބެހެއްޓުމުން ކާބޯތަކެތީގެ ވަސްތައް އެކުވިޔަ ނުދޭނެއެވެ. ބޫޓު ހަރުގަނޑު ނުވަތަ އަލަމާރި ފަދަ ވައި ބަންދުވެފައި ހުންނަ ތަންތަނުގައި އެކްޓިވޭޓެޑް ޗާކޯލް ކޮތަޅެއް ބެހެއްޓުމުން، އެތަންތަނުގައި ހުންނަ ނުބައި ވަސްތައް ފިލައިގެންދާނެއެވެ. އަދި ގޭގައި ހުންނަ ކުޝަން ކަވަރާއި، ފަރުދާ ފަދަ ފޮތީގެ ބާވަތްތަކަކީ ވަސް ހިފަހައްޓާ ތަކެތި ކަމަށްވާތީ، ގަވާއިދުން އެތަކެތި ދޮވެ ސާފުކުރުމަކީވެސް ގޭތެރޭގެ ތާޒާކަން ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ގޭތެރެ މީރުވަސް ދުވާ ގޮތަށް ބެހެއްޓުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. ގޭތެރެ ސާފުކޮށް ބެހެއްޓުމާއެކު، ބޭކިން ސޮޑާ އާއި އެސެންޝަލް އޮއިލް ފަދަ ތަކެތި ބޭނުންކޮށްގެން މިކަން ފަސޭހައިން ކުރެވިދާނެއެވެ. މިއަދުވެސް ގޭގެ ކުޑަދޮރުތައް ހުޅުވާލައި، ގޭތެރެއަށް ތާޒާ ވައި ވައްދައިގެން ނުވަތަ އުނދުން މަތީގައި ލުނބޯކޮޅެއް ކައްކާލައިގެން މި ހިތްފަސޭހަ ބަދަލުތައް ގެންނަން ފަށާށެވެ.
ނޯޓް: މާފަންނު އިރަމާ މަގުގައި ހުންނަ "ބޮޓަނިކަލް ގާޑަން" ފިހާރައަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ތަނެކެވެ. މި ފިހާރަ ހިންގާ "ސީކް މޯލްޑިވްސް" ގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި، މިތަން ހުޅުވުމުގެ މައިގަނޑު މަގުސަދަކީ މާލޭގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނައުމެވެ. "އަޅުގަނޑުމެން ބޭނުންވީ ހަމައެކަނި ގަސް ވިއްކާކަށް ނޫން. މާލޭގެ ކުދި އެޕާޓްމަންޓްތަކުގައި ވެސް ފަސޭހައިން ގެންގުޅެވޭނެ، އަދި ސިއްހަތަށް ފައިދާހުރި ގަސްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުން،" ފިހާރައިގެ އޮފިޝަލަކު ވިދާޅުވިއެވެ.
މިތަނުން ލިބެން ހުންނަ ގަސްތަކުގެ ތެރޭގައި ގޭތެރޭގެ ވައި ސާފުކޮށްދޭ "އިންޑޯ ޕްލާންޓްސް" އާއި، ރީތި މާމެލާމެލީގެ ބާވަތްތައް ހިމެނެއެވެ.


ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު