ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު މިއަދު ރައްދު ދެއްވައިފިއެވެ.
މިއީ ބީއެމްއެލްއަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކަށް ޝަރީފު ރައްދު ދެއްވި ފުރަތަމަ ފަހަރެވެ. އެ ފާޑުކިޔުންތަކަށް ޝަރީފު ވަނީ ވަރަށް ތަފުސީލީ ގޮތެއްގައި މިއަދު ބޭއްވި "ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވައިފައެވެ.
ބީއެމްއެލަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންދަނީ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއާއި ބީއެމްއެލްގެ ހައުސިން ލޯނުތަކަށް ގެނައި ބަދަލުގެ އިތުރުން، މިފްކޯއާއި ފިނޭންސް މިނިސްޓްރީއާއި ބީއެމްއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ސަބަބުންނެވެ.
އޭގެ ތެރެެއިން އޭޓީއެމް މަޝްރޫއުތައް އަމާޒުވާ ފާޑުކިޔުމާ ގުޅިގެން ޝަރީފު ވިދާޅުވީ ކުރީ ސަރުކާރުންވެސް ރަށްރަށުގައި އޭޓީއެމް ބަހައްޓަން ނިންމި ކަމަށެވެ. އެގޮތުން 50 ރަށަކަށް ބޭނުންވާ 52 އޭޓީއެމް ގެނެސް ހަމައެކަނި ގުދަންކޮށްފައި ބަހެއްޓީ ކަމަށެވެ.
ޝަރީފު ވިދާޅުވީ އޭޓީއެމް ހިދުމަތް ރާއްޖޭގައި ފެށިތާ 25 އަހަރުވެފައިވާއިރު މާލެ ހިމަނައިގެން މީހުން ދިރިއުޅޭ 82 ރަށް ފިޔަވައި އެހެން ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. ޝަރީފު ވިދާޅުވީ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުން، އަސާސީ ބޭންކިން ހިދުމަތްތައްވެސް ހޯދުމަށް ބޮޑު ހަރަދެއް ކޮށްގެން އެހެން ރަށްތަކަށް ދާން ޖެހޭ ކަމަށެވެ. ނުވަތަ އެ ރައްޔިތުން ޖެހެނީ ބޭންކުގެ މުވައްޒަފުން އަންނަންދެން ރަށުގައި މަޑުކުރަން ކަމަށެވެ. އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކޮންމެ އަތޮޅެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރަންކަމަށް ޝަރީފު ވިދާޅުވިއެވެ.
"2023 ވަނަ އަހަރު ގާތްގަނޑަކަށް 50 ވަރަކަށް ރަށުގައި ބީއެމްއެލް މެދުވެރިކޮށް ސަރުކާރުގެ ހަރަދުގައި އޭޓީއެމް ބެހެއްޓުމަށްޓަކައި ޑިވިޑެންޑުން ކަނޑާގޮތަށް ބަޖެޓެއް ކަނޑައަޅުއްވައި އެ އަދަދު ހޭދަކުރަން ސަރުކާރުން ނިންމެވި. އެހެންނަމަވެސް 52 އޭޓީއެމް ގަނެފައި ގުދަނުގައި ހުރީ" ޝަރީފު ވިދާޅުވިއެވެ.
ނަމަވެސް ފާއިތުވި 2024 ވަނަ އަހަރުގެ ތެރޭގައި ނުވަ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާނެ ކަމަށާއި އެ އަހަރުގެ ނޮވެމްބަރުމަހު ރައީސް މުއިއްޒު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ފައްޓަވައިދެއްވައި މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް އެދިވަޑައިގެންނެވިކަމަށް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލުން ހައުސިން ލޯނުތަކަށް ގެނައި ބަދަލާ ގުޅިގެން ޝަރީފު ވިދާޅުވީ "ގައުމީ ބޭންކުގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މެންޑޭޓަކީ ދިވެހި ރައްޔިތުންގެ އިގުތިސޯދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ބޭންކިން އުސޫލުތަކުގެ ދަށުން އެހީތެރިވުން. ދިވެހިރާއްޖޭގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުވަތަ ގެދޮރުވެރިކަމެއް ލިބުމަށްވުރެ ވަކީން ބޮޑު އިޖުތިމާއީ އެހެން ބޭނުމެއް ނެތް. ސަރުކާރުން ގެދޮރުވެރިކަން ފަދަ ގައުމީ މަސްލަހަތު އޮތް އިސްކަމަކާ ގުޅޭ ބަދަލުތައް ހާމަކުރާއިރު، އެއީ ރައްޔިތުންގެ ފަރާތުން އަންނަ ބޭނުމެއްކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރައްވާނެ" ކަމަށެވެ.
އެހެންކަމުން، މިއަހަރުތޭރޭ ގެނައި ހެޔޮ ބަދަލުތަކަކީ ސަރުކާރުގެ ސިޔާސަތުން ފާހަގަކޮށްފައިވާ، މާކެޓްގެ ބޭނުންތަކަށާއި މުޖުތަމައުގެ މިހާރު މިއޮތް ހާލަތަށް ސީދާ އަމާޒުކޮށްގެން އެކަމަށް ގައުމީ ބޭންކުގެ ހައިސިއްޔަތުން ދޭ އިޖާބައެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
މިފްކޯއާއި ފިނޭންސްއާއި ބީއެމްއެލްއާ ދެމެދު ހެދި އެއްބަސްވުމުގެ ސަބަބުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝަރީފު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމަށް، ބީއެމްއެލުން، މިފްކޯއަށް ލޯނެއް ދީފައިނުވާނެ ކަމަށާއި މަސްވެރިންނަށް ފައިސާ ދެނީ ބޭންކުގެ ފައިސާއިންވެސް ނޫން ކަމަށެވެ. ޝަރީފު ވިދާޅުވީ ބީއެމްއެލް އުފެއްދި މަގުސަދުތަކުގެ ތެރޭގައި އިގުތިސޯދަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށެވެ.
ޝަރީފު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދުގެ މުހިންމު އެއް ސިނާއަތް ކަމަށްވާ މަސްވެރިކަމަށް އެހީތެރިވުމަށް ބޭންކުން ސަރުކާރާއި މިފްކޯއާއެކު އެއްބަސްވުމެއް ގާއިމުކޮށް ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ނިޒާމު ގާއިމުކުރަން ކަމަށެވެ.
"ރަސްމީ ދުވަހެއް ނުވަތަ ހަފުތާ ބަންދު ދުވަހެއް ކަމުގައިވިޔަސް މި މުއާމަލާތްތައް މިދަނީ ފުރިހަމަކުރަމުން. އަޅުގަނޑު ފާހަގަކޮށްލަން މިކަން ކުރަމުން މިދަނީ ބޭންކުގެ ފައިސާއިން ނޫންކަން. އަދި މިފްކޯއަށް ލޯނު ދޫކޮށްގެންވެސް ނޫންކަން. މިފްކޯގެ އެކައުންޓަށް ޖަމާވާ އާމްދަނީ ފައިސާއިން އެންމެ ފުރަތަމަ މަސްވެރިންގެ އެކައުންޓްތަކަށް ފައިސާޖަމާކުރުމަށް އިސްކަންދޭ ނިޒާމެއް ގާއިމުކޮށްގެން،" ޝަރީފު ވިދާޅުވިއެވެ.
އެކަމުން މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުންތަކުގެ ތެރޭގައި މަސްވެރިން މާލީ ދާއިރާގައި ބައިވެރިކުރުވުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ފަސޭހައިން ލޯނާއި ފައިނޭންސް ލިބޭނެ ގޮތް ހަމެޖެހުން ހިމެނޭކަމަށް ޝަރީފު ވިދާޅުވިއެވެ.
ބޭންކު ސިޔާސީ ވެފައިވާކަމަށް ބުނެ އަމާޒުވަމުންދާ ފާޑު ކިޔުންތަކަށްވެސް ޝަރީފު ވަނީ ރައްދު ދެއްވައިފައެވެ. އެގޮތުން ޝަރީފު ވިދާޅުވީ ބޭންކުގެ ދައުރަކީ އެ ބޭނުމަށް އަމާޒުކޮށް، ވިޔަފާރީގެ ގޮތުން ދެމެހެއްޓެނިވި އަދި ޒިންމާދާރު ޕްރޮޑަކްޓްތައް ފަރުމާކުރާ މާލީ އިންޖީނެއްގެ ގޮތުގައި ހަރަކާތްތެރިވުން ކަމަށެވެ.
އެހެންކަމުން، މިއަހަރުތޭރޭ ގެނައި ހެޔޮ ބަދަލުތަކަކީ ސަރުކާރުގެ ސިޔާސަތުން ފާހަގަކޮށްފައިވާ، މާކެޓްގެ ބޭނުންތަކަށާއި މުޖުތަމައުގެ މިހާރު މިއޮތް ހާލަތަށް ސީދާ އަމާޒުކޮށްގެން އެކަމަށް ގައުމީ ބޭންކުގެ ހައިސިއްޔަތުން ދޭ އިޖާބައެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
"ބޭންކު ސީޔާސީ ވެއްޖެކަމަށް މަދު ބަޔަކު ދައްކާ ވާހަކަތަކާ ގުޅޭގޮތުން އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން. ރަނގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓްތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް، ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ އެއީ ސިޔާސީވުން ކަމަށް އަޅުގަނޑު ނުދެކެން. ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށާއި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓް އިތުރުކުރުން، ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓް އިތުރުކުރުން، ގެދޮރު ގަތުމަށާއި އިމާރާތް ކުރުން ފަދަ އާންމު ފަރުދުންގެ ބޭނުންތަކަށް ފައިނޭންސް ދޫކުރުމުގައި ލުއި ގޮތްތައް ހަމަޖައްސައިދިނުން، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ހިދުމަތް ފުޅާކުރުން، މި ކަންތައްތަކަކީ އަޅުގަނޑު ދެކޭގޮތުގައި ސިޔާސީ ވުމެއް ނޫން" ޝަރީފު ވިދާޅުވިއެވެ.
ގެދޮރުވެރިވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަމިއްލައަށް ހަރަދުކުރަން ޖެހޭ މިންވަރު ނުވަތަ އިކުއިޓީ ބޮޑުވުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
"ގެއެއް ގަތުމަށް ބޭނުންވާ އިކުއިޓީ 20 ޕަސަންޓުން، ފަސް ޕަސަންޓަށް ދަށްކުރުމުން، މިސާލަކަށް ތިން މިލިއަން ރުފިޔާގެ ގެއެއް ގަތުމަށް، ހަމަކުރަން ޖެހޭ އިކުއިޓީ 600,000 ރުފިޔާ އިން 150,000 ރުފިޔާއަށް ކުޑަވީ. މިއީ ވަރަށް ބޮޑު ލުޔެއް. މިއީ ޒުވާނުންނަށާއި، މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ގެދޮރުވެރިވުމުގެ ހުވަފެން ދުރު މުސްތަގުބަލަކުން ކައިރި މުސްތަގުބަލަކަށް ބަދަލުކޮށްދޭނެ މުހިންމު ނިންމުމެއް،" ޝަރީފު ވިދާޅުވިއެވެ.
ދެން ބޭންކުން ގެނައި އަނެއް ބަދަލަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު ހެދުމަށް އިތުރު ރަހުނެއް ބޭނުން ނުވާ ގޮތަށް ހަމަޖެއްސުންކަމަށް ޝަރީފު ވިދާޅުވިއެވެ. ބޭންކުން ދެކޭ ގޮތުގައި އަމިއްލަ ގެދޮރު އިމާރާތްކުރުމަށް ދެވަނަ ނުވަތަ ތިންވަނަ ރަހުނެއް ބޭނުންވާ ކުރީގެ ސިޔާސަތަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
އެއީ ރަނގަޅު އާމްދަނީއެއް ލިބުނަސް ގިނަ ބަޔަކު ލޯނަށް ޝަރުތު ހަމަނުވެދާ މައިގަނޑު އެއް ސަބަބުކަމަށް ޝަރީފު ވިދާޅުވިއެވެ.
ބޭންކުގެ ހިންގުން ގޯސްވެ ޑޮލަރު ހުސްވަމުންދާ ކަމަށް ބުނެ އަމާޒުވަމުންދާ ސީރިއަސް ތުހުމަތަށްވެސް ޝަރީފު މިއަދުވަނީ ރައްދު ދެއްވައިފައެވެ. ޝަރީފު ވިދާޅުވީ ބީއެމްއެލްގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓަށް ކިޔާލުމުން ބޭންކުގެ ހިންގުން ރަނގަޅުކަން ސާފުވާނެ ކަމަށެވެ.
ބީއެމްއެެލްގެ ތިންވަނަ ކުއާޓާ ރިޕޯޓުގައިވާ ގޮތުން އެ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 475 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ބޭންކުގެ ޖުމުލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް ތިންވަނަ ކުއާޓަރުގައި އަރައިފައިވާ ކަމަށާއި ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކާ ކަމަށް ޝަރީފު ވިދާޅުވިއެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައިވަނީ ދެމެހެއްޓިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިވާހަކަ މި ދަންނަވާލީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހިއްސާދާރުންގެ މައުލޫމާތަށްޓަކައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު ނިންމާލާނީ ހުރިހާގޮތަކުން ބޭންކަށް އެންމެ ރަނގަޅު އަހަރުގެ ގޮތުގައި. މިކަން ބޭންކުގެ މިއަހަރުގެ ތިން ވަނަ ކްއާޓަރުގެ ރިޕޯޓުންވެސް ހިއްސާދާރުންނަށް ޔަގީންވާނެ. މިކަމުން ދޭހަވާ އެއްކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުން" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އޭނާ ބީއެމްއެލްގެ ސީއީއޯގެ މަގާމާ ހަވާލުވިއިރު ބީއެމްއެލްގެ ހާލަތު ވަނީ ޑޮލަރު ވިއްކުން ހުއްޓާލަން ޖެހޭ ހިސާބަށް ގޮސްފައި ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުގެ ސަބަބުން މިހާރު ޑޮލަރުގެ ދަތިކަމެއް ބީއެމްއެލްގައި ނެތްކަމަށް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލްގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އެއިރުގެ ސީއީއޯ ފާހަގަކޮށްފައިވަނީ، 2019 އާއި 2023 އާ ދެމެދު، ބޭންކުން ވަނީ ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކާފައިކަމަށް ޝަރީފު ވިދާޅުވިއެވެ.
"އެ ޕްރެޝަރު އެންމެ ބޮޑުވީ 2020 ގެ ފަހުކޮޅު، ބޭންކުގެ ޑޮލަރު އެކްސްޗޭންޖް ޕޮޒިޝަން، ގަވާއިދުން ހުންނަން ޖެހޭ ވަރަށްވުރެ މާދަށަށް ގޮސް، ޖެހިގެން އައި ހަތަރު އަހަރު ތެރޭގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބި، 2024 ވަނަ އަހަރު އޮކްޓޯބަރު މަހު، އަޅުގަނޑު ބޭންކުގެ ހިންގުމާ ހަވާލުވިއިރު ހުރީ މައިނަސް 20 ޕަސެންޓަށް ދަށްވެފަ. މިހާލަތަކީ ހުރިހާ ގޮތަކުން ޑޮލަރު ވިއްކުން ހުއްޓާލަން ޖެހިދާނެ މިންވަރެއް" ޝަރީފު ވިދާޅުވިއެވެ.
"ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށާއި ވިޔަފާރިވެރީންގެ ޓީޓީތަކަށާއި އެލްސީ ތަކަށް ބޭނުންވާ ޑޮލަރަށް ބަލާއިރު މިއީ ދެމިއޮވެވޭނެ ހާލަތެއް ނޫން"
ޝަރީފު ވިދާޅުވީ އެ ހާލަތުން އަރައިގަތުމުން މަޖޫބުރުވެފައިވާ ކަމަށެވެ. އެހެންވެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދީގެން މިކަމަށް ހައްލުތަކެއް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އެ މައްސަލައަށް އިސްކަމެއް ދީގެން އެ ދަތިކަމުން އަރައިގަތުމަށް ބީއެމްއެލް އަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ޝަރީފު ވިދާޅުވިއެވެ. އެއާއެކު ބީއެމްއެލުން މިހާރުވަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ އޮތް ހާލަތުން އަރައިގަނެ، އެންއޯޕީ މައިނަހުން ޕޮޒިޓިވް ރޭންޖަށް ގެނެސްފައިކަމަށް ޝަރީފު ވިދާޅުވިއެވެ.
ބޭންކު ހިންގުމުގެ ނިޒާމާ ދޭތެރޭގައި އުފައްދާ ސުވާލުތަކަށް ޖަވާބު ދެއްވައި ޝަރީފު ވިދާޅުވީ ބޭންކުގެ ތަސައްވުރަކީ ހަރުދަނާކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާ ކުރިމަގެއް ކަށަވަރުކުރުން ކަމަށެވެ. ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެ ކުކަމަށް ޝަރީފު ވިދާޅުވިއެވެ.
އެކަން ކޯޕަރޭޓް ގަވަނަންސާއި ހިފަހައްޓަމުން އަންނަ ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. ބޭންކުން ހިފަހައްޓާ މިންގަނޑުތަކަކީ ރާއްޖޭގެ ބޭންކިން ރެގިއުލޭޝަންތަކުގެ އިތުރުން ދުނިޔޭގެ އެންމެ ހަރުދަނާ އެއް މިންގަނޑުތައް ކަމަށްވާ ބާސެލް III އަދި IFRS 9 ފަދަ ހަރުދަނާ އޮނިގަނޑުތަކުގެ ތެރެއިން ސްޓޭންޑާޑްތައް ގާއިމުކުރެވިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުގެ ސާފު އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުވާކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފުގެ މި ވާހަކަތަކުން އެނގިގެންދަނީ ބީއެމްއެލްއާ ދެކޮޅަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކުގައި ހަގީގަތެއް ނެތްކަމެވެ. ދިވެހި އިގްތިސޯދުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ދިވެހިންގެ ބޭންކުން ދިވެހިންނަށް ފައިދާވާ ސިޔާސަތުތަކާ އެއްގޮތަކަށް މަސައްކަތް ކުރުމަކީ އެއީ ސިޔާސީވުން ނޫން ކަމެވެ. އެތަކެއް ދިވެހި ރައްޔިތުންނާއި އެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު ބޭންކަކާ ގުޅޭގޮތުން ސިޔާސީ މަންފާއެއް ހޯދަން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަން ޝަރީފުގެ ވާހަކަތަކުން ދޭހަވެއެވެ.
ބީއެމްއެލްގެ ސިޔާސަތު މިހާރު ބައްޓަން ކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ރަނގަޅު ބަދަލުތަކެއް ގެންނާނެ ގޮތަކަށްކަން ޝަރީފުގެ ވާހަަކަތަކުން ސާފެވެ.
މުހައްމަދު އިޝާން
ވިޔަފާރި ފީޗާރޑް
ވިޔަފާރި ފީޗާރޑް
ވިޔަފާރި ފީޗާރޑް
ވިޔަފާރި ފީޗާރޑް