އެޕަލް ކާޑަށް ހަތް އަހަރު ފުރުނުއިރު، އެ ކުންފުނިން ވަނީ މި އަހަރު ކާޑު ބޭނުންކުރާ ފަރާތްތަކަށް އާ ފީޗާތަކަކާއި ފައިދާތަކެއް ތައާރަފުކޮށްފައެވެ. އެޕަލް އިން ބުނި ގޮތުގައި، މި އަހަރު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ އައިއޯއެސް 27 އާއެކު ވޮލެޓް އެޕަށް އިތުރުކުރި “ރިކަރިން” ޓްރާންސެކްޝަން ފީޗާއެވެ. މި ފީޗާ މެދުވެރިކޮށް، ކުރިއަށް އޮތް ތަނުގައި ކާޑުން ކެނޑޭނެ ފައިސާގެ ތަފުސީލުތައް ލިސްޓެއްގެ ގޮތުގައާއި ކަލަންޑަރު ވިއުއެއްގެ ގޮތުގައި ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ދަތުރުފަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބުކިން ޑޮޓް ކޮމް އާއެކު އެޕަލް އިން ވަނީ އާ ޕާޓްނާޝިޕެއް އިއުލާންކޮށްފައެވެ.

އެޕަލްއިން ބުނި ގޮތުގައި، އެޕަލް ކާޑު ބޭނުންކޮށްގެން އެއްފަހަރު ހޮޓަލެއް ނުވަތަ ކާރެއް ބުކްކުރުމުން، ކަސްޓަމަރުންނަށް ބުކިން ޑޮޓް ކޮމްގެ “ޖީނިއަސް ލެވެލް 2” ސްޓޭޓަސް ލިބޭނެއެވެ. އަދި މި ސްޓޭޓަސްގެ ދަށުން 10 ނުވަތަ 15 ޕަސެންޓުގެ ޑިސްކައުންޓާއި ހިލޭ ނާސްތާ ލިބުމުގެ އިތުރުން، ބުކިން ޑޮޓް ކޮމް އިން ކުރާ މުއާމަލާތްތަކުން 3 ޕަސެންޓް ޑެއިލީ ކޭޝް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ހަމައެއާއެކު، ހާޓްޒް ކާރު ކުއްޔަށް ނަގާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 3 ޕަސެންޓް ޑެއިލީ ކޭޝް އާއި ހިލޭ އިމަޖެންސީ ރޯޑްސައިޑް ސާވިސް ލިބޭނެ ކަމަށް އެޕަލް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި އަހަރު އެޕަލް ކާޑަށް އަންނަން އޮތް އެންމެ ބޮޑު ބަދަލަކީ ކާޑު ނެރޭ ފަރާތް ބަދަލުވުމެވެ. ޖެނުއަރީ މަހު އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގޯލްޑްމަން ސެކްސްގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި އެޕަލް ކާޑު އިޝޫކުރާނީ ޗޭސް ބޭންކުން ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލު ގެނައުމަށް ގާތްގަނޑަކަށް 24 މަސްދުވަސް ނަގާނެއެވެ. ނަމަވެސް، ކާޑުގެ ޕޭމަންޓް ނެޓްވޯކެއްގެ ގޮތުގައި މާސްޓާކާޑު ދެމިއޮންނާނެ ކަމަށާއި، ކަސްޓަމަރުންނަށް ލިބެމުން އަންނަ 3 ޕަސެންޓް ޑެއިލީ ކޭޝް ފަދަ ފައިދާތަކަށް ބަދަލެއް ނާންނާނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. މި ޓްރާންސިޝަންގެ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ތަނުގައި ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.