ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ މައްސަލައިގައި މިނިސްޓާ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ކޮމިޓީއަށް މިނިސްޓަރު ހާޒިރުކުރަން ނިންމާފައި ވަނީ މިއަދު 11:00 އަށެވެ.
ފްލެޓް ދޫކުރުގައި މައްސަލަތެއް ހުރިކަން ފާހަގަވެގެން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުން ހުއްޓުވައި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިހާތަނަށް ތަހުގީގު ގޮސްފައިވާ ހިސާބު ހާމަކުރަމުން އޭސީސީން ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ. އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ.
އެހެންކަމުން ޝަރުތު ހަމަވިކަމަށް އޭސީސީން ކަނޑައެޅި މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އޭސީސީން ހައުސިން މިނިސްޓްރީއަށް މިހާރު ވަނީ ފޮނުވައިފައެވެ.
ހައުސިން މިނިސްޓްރީން މިމަހު 10 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަ ނުވާ ފޯމުތަކުގެ ލިސްޓެއް ލިބިފައިވާ ކަމަށެވެ.
"އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުން އަންނަ ވާހަކަ ދެންނެވީމެވެ" އެ ބަޔާނުގައި ބުންޏެވެ.
"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު