އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ތަކަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުން އެނގޭ ގޮތަށް، އަދި ފްލެޓަށް ޝަރުތު ހަމަ ނުވާ މީހުންގެ ޝަރުތު ހަމަ ނުވަނީ ކޮން ސަބަބަކުން ކަން ބަޔާންކޮށް ފްލެޓް ލިސްޓް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީއަށް އަންގައިފިއެވެ.
ފްލެޓްތަކުގެ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރައްޔިތުންގެ ބަޔަކު ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ހުސްވި ހަފްތާގައި އޭސީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.
އެ ބައްދަލުވުމުގައި އޭސީސީން މައްސަލަ ތަހުގީގުކޮށް އޭސީސީން ފްލެޓަށް ގެނައި ބަދަލު އެނގޭނެގޮތަށް ފަލެޓް ލިސްޓު ކޮމިޓީއަށް ފޮނުވުމަށް ވަނީ އަންގައިފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވިދާޅުވީ، ލިސްޓް ފޮނުވުމަށް ކޮމިޓީން އެދުމުން، އޭސީސީން ކޮމިޓީއަށް ފޮނުވާފައިވާ ލިސްޓަކީ ތަހުގީގަށްފަހު ފްލެޓް ލިބުނުކަމަށް އޭސީސީން ކަނޑައަޅާފައިވާ ލިސްޓެއް ކަމަށެވެ.
ނަމަވެސް އެ ލިސްޓުން ފްލެޓް ލިބުނީ ކޮންބައެއްކަން ނޭނގޭ ކަމަށާއި، އޭގައި ވަނީ ހުސް އެކަނި ނަންބަރުތަކެއް ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ. މެންބަރުން ވިދާޅުވީ އެކަމަކީ ކޮމިޓީއަށް ޖެއްސުން ކުރުމުގެ ގޮތުން އޭސީސީން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން ތަހުގީގަށްފަހު ފްލެޓް ލިބުނު ކަމަށް އޭސީސީން ކަނޑައެޅި މީހުންގެ ލިސްޓާއި ފްލެޓް ނުލިބުނު މީހުންގެ ލިސްޓް އޭގައި ހިމެނޭ މީހުން އެނގޭގޮތަށް، އަދި ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ނުލިބުނު ސަބަބުނ އެނގޭގޮތަށް މާދަމާ 2:00 އަށް ފަލެޓް ލިސްޓް ކޮމިޓީއަށް ފޮނުވަން ކޮމިޓީގެ އިއްތިފާގުން ފާސްކޮށް އޭސީސީއަށް ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު