އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތަކުންވެސް މޮޅުވެ، ލީގު ތާވަލުގެ މަގާމު ދަމަހައްޓައިފިއެވެ.
ސިޓީން މިރޭ އަމިއްލަ ދަނޑުގައި އެވަޓަން ބަލިކުރި އިރު، އެޓީމުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި 3-1 ބާންލީ ބަލިކުރި އިރު، އެޓީމުން އެއްވަނައިގައި އޮތީ 24 މެޗުން 54 ޕޮއިންޓާއެކުގައެވެ. އެންމެފަހުގެ ޗެމްޕިއަން ސިޓީން ދެވަނައިގައި އޮތީ، 23 މެޗުން 52 ޕޮއިންޓާއެކުގައެވެ. މިވަގުތު އާސެނަލް ތިންވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓާއެކުގައެވެ.
ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއިން މިރޭ ކުޅުނު މެޗުގައި 2-1 އިން ބްރައިޓަން ބަލިކުރި އިރު، އެ ޓީމު ހަތަރު ވަނައިގައި އޮތީ 24 މެޗުން 47 ޕޮއިންޓާއެކުއެވެ.
ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީ އާސެނަލް ކައިރިން މިދިޔަ ހަފުތާ ވީ ބަލި ހަނދާން ނައްތާލުމަށެވެ. އެ ބަލި ހަނދާން ނައްތާލަން މިރޭ ފެށި ފެށުން އެންމެ ރަނގަޅު ނޫން ނަމަވެސް، 31 ވަނަ މިނެޓުގައި ލިވަޕޫލް ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ޑިއާގޯ ޖޮޓާއެވެ.
ބާންލީން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ޑާރާ އޯޝެއާ ޖެހި ގޯލުން ނަތީޖާ ހަމަހަމަ ކުރި އިރު، ދެވަނަ ހާފަށް ނުކުމެ ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ.
އެ ގޯލަށްފަހުވެސް ބާންލީން ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދި ނަމަވެސް، އެޓީމަށް މަދުވީ ގޯލެކެވެ. އެ ގޯލު ނުޖެހި އުޅެނިކޮށް މެޗު ނިމިނިމި އޮއްވައި ޑާވިން ނުނޭޒް ބޮލުން ޖެހި ގޯލާއެކު ލިވަޕޫލުން ތިން ޕޮއިންޓް ޔަގީންކުރިއެވެ.
ސިޓީން މިރޭ އެވަޓަން ކޮޅަށް ޖެހި ދެ ގޯލުވެސް ޖެހީ އެޓީމުގެ ނޯވޭގެ ފޯވަޑް އާލިން ހާލަންޑެވެ. މިރޭގެ މެޗުގައި ހާލަންޑް ޖެހި ގޯލުތަކަކީ އަނިޔާއިން ރަނގަޅުވެ، އެނބުރި އައިފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ. ހާލަންޑަށް އަނިޔާގެ ސަބަބުން ޑިސެމްބަރާއި ޖެނުއަރީގެ ކުޅުން ވަނީ ގެއްލިފައެވެ.
މިރޭގެ މެޗުގެ ކުރީކޮޅުގައި އެވަޓަންއިން ރަނގަޅަށް ޑިފެންސްކޮށް ކުޅުނު އިރު، ފުރަތަމަ ހާފުގައި ސިޓީން ނިންމާލީ ޝޮޓެއްވެސް ނުހެދިއެވެ. އެ މާޔޫސްކަމުގައި ދެވަނަ ހާފުވެސް ފަށައި އުނދަގޫ ހާލަތެއްގައި ސިޓީ ކުޅެމުން ގޮސް، ގޯލު ޖެހީ 71 ވަނަ މިނެޓުގައެވެ. އެ ގޯލާއެކު މެޗު ހުޅުވިގެން ގޮސް، 85 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާގެ ޕާހަކުން ހާލަންޑް ދެވަނަ ގޯލެއް ޖެހިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު