(4 ޖެނުއަރީގެ އަދަދާ ގުޅޭ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ޢަޒުލު ކުރުމަށް ޓަކައި ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން އިމްޕީޗްމަންޓް އިޖުރާއާތު ހިންގުމަށް، ރައްޔިތުންގެ މަޖިލިހުގައި ބޮޑު އަޣްލަބިއްޔަތެއް އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. މި ލިޔުމުގައި ކުރީގެ ބައިތައް ޝާއިޢު ކުރެވުނު އިރު، އެކަން އޮތީ އެމްޑީޕީގެ ބައެއް ލީޑަރުންގެ ވާހަކަތަކާއި ޕާޓީގެ ބައެއް ޢަމަލުތަކުން ދޭހަ ވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، ރައީސް ޢަޒުލު ކުރުމުގެ ޤަރާރެއް މަޖިލިހަށް ހުށައެޅުމަށް ތައްޔާރު ވަމުން ދާ ކަމަށް އެމްޑީޕީން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރަސްމީކޮށް ބުނެފައެވެ.
މި ލިޔުމުގައި މިހައިތަނަށް ދެއްކި ވާހަކަތަކުއިގައި، ރައީސް ޑރ. މުޢިއްޒު މަޤާމުން ވަކި ކުރުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތަކީ ޤާނޫނުއަސާސީއާ ޚިލާފު (unconstitutional) އަދި ޝަރްޢިއްޔަތު (legitimacy) ނެތް ކަމެއް ކަމުގައި ދަންނަވައިފައި ވާނެއެވެ. ޚާއްޞަކޮށް، އެމްޑީޕީގެ މެންބަރުން ހިތުހުރި ގޮތަކަށް އެކަން ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ 49، 202، އަދި 203 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކަކީ ޤާނޫނުއަސާސީއާ ޚިލާފު ބަދަލުތަކެއް ކަމުގައި ދަންނަވައިފައި ވާނެއެވެ. މި ލިޔުމުގެ ކުރީގެ ބައިތަކުގައި އަޅުގަނޑު ވާނީ، އެކަން އަންގައިދޭ މައިގަނޑު ތިން ސަބަބެއްގެ މައްޗަށް ތަފްޞީލީ ގޮތެއްގައި ބަލައިލައިފައެވެ. މި ބައިގައި އަޅުގަނޑު ހުށައަޅައިލާނީ އިތުރު ފަސް ސަބަބެއްގެ މައްޗަށެވެ. ކޮންމެ ސަބަބެއް ވެސް ގެނެސްދެވިފައި ވާނީ ވަކި އަރިމަތީ ސުރުޚީއެއްގެ ދަށުންނެވެ.
ރައީސް ޑރ. މުޢިއްޒު މަޤާމުން ޢަޒުލު ކުރުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތަކީ، ދިވެހި ދުސްތޫރު އެ މަބްދައުތަކެއްގެ މައްޗަށް ބިނާ ވެފައި ވާ އަދި ދުސްތޫރުގެ އަސާސީ އޮނިގަނޑުގެ (basic structure of the constitution) ބައިތައް ކަމުގައި ވާ އެތައް މަބްދައަކާ މުޅީން އަރައިރުން ވާ ގޮތަށް ކުރަމުން ގެންދާ މަސައްކަތެކެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ފާހަގަ ކޮށްލާން ޖެހޭ ތިން ކަންތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އެ ބުންޔާދުތަކެއްގެ މައްޗަށް ބިނާ ކުރެވިގެންވާ އެންމެ އަސާސީ ބުންޔާދުތައް އެކަށައަޅާ ދުސްތޫރީ ނައްޞު ކަމުގައިވާ، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއަށް ބަލައިލުމުން ފެނެއެވެ. އެ ކަންތައްތަކަކީ އިސްލާމީ އުޞޫލުތައް، ދީމިޤްރާޠިއްޔަތު (democracy)، އަދި ޖުމްހޫރިއްޔަތު (republicanism) މިއެވެ.
ރައީސް ޢަޒުލު ކުރުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތް އިސްލާމީ އުޞޫލުތަކާ ޚިލާފު ކަމުގައި ދަންނަވާން ޖެހޭ ބައެއް މުހިއްމު ސަބަބުތަކަށް އެންމެ ފުރަތަމަ ބަލައިލަމާ ހިންގަވާށެވެ. ފުރަތަމަ ކަމަކަށް، އިސްލާމް ދީނުގައި ސިޔާސީ އަދި ދުސްތޫރީ ނިޒާމާ ބެހޭ ގޮތުން އޮންނަ އެންމެ މުހިއްމު އެއް މަބްދައަކީ ނުވަތަ އުޞޫލަކީ ޝޫރާ ނުވަތަ މަޝްވަރާގެ އުޞޫލެވެ. ކީރިތި ޤުރްއާނުގައި ޝޫރާގެ މަފްހޫމު ގެންނަވައިފައި ވާ އެއް ބަސްފުޅު ކަމުގައި ވާ "ވަ އަމްރުހުމް ޝޫރާ ބައިނަހުމް" އަކީ ދިވެހި ދައުލަތުގެ ރައްޔިތުންގެ މަޖިލިހުގެ ޒަމާން ވީ ޝިޢާރެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، އެމްޑީޕީން ޢަމަލު ކުރަމުން އެ ގެންދަނީ މި އުޞޫލަށް ތަބަޢަ ވެވޭ ގޮތުގައެއް ނޫނެވެ. ދެވަނަ ކަމަކަށް، އިސްލާމް ދީނުގެ ސިޔާސީ އަދި ދުސްތޫރީ އެންމެ މުހިއްމު އެއް މަބްދައަކީ ޢަދުލުއިންޞާފެވެ. ރައީސް ޢަޒުލު ކުރުމަށް އެމްޑީޕީން މިހާރު ކުރަމުންދާ މަސައްކަތަކީ ޢަދުލުވެރި އަދި އިންޞާފުވެރި ގޮތުގައި ކުރާ ކަމެކޭ ބުނެވޭނޭ އެއްވެސް ގޮތެއް ނެތެވެ. ތިންވަނަ ކަމަކަށް، ވަލިއްޔުލްއަމްރަށް ކިޔަމަންތެރި ވުމާއި، ޤަދަރު ކުރުމާއި، އޭނާ މަޤާމުން ވަކި ކުރެވޭނެ ޙާލަތުތަކާ މެދު އިސްލާމީ އުޞޫލުތަކެއް ވެއެވެ. އެއިން އެއްވެސް އުޞޫލަކަށް ވެސް އެމްޑީޕީން ތަބަޢަ ވާ ތަނެއް ނުފެނެއެވެ. މިއިން އެއްވެސް ކަމަކަށް ތަބަޢަ ނުވާ ޙާލު، އެމްޑީޕީން ކަންތައްތައް ކުރަމުން ގެންދަނީ ފައުޅު ވެގެންވާ ގޮތުގައި ތަޢައްޞުފީކޮށް (arbitrarily) ކަން ކަށަވަރެވެ. ތަޢައްޞުފިއްޔަތަކީ އިސްލާމީ އުޞޫލުތަކުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތުގައި ޙަރާމް ކަމެކެވެ. އެއްވެސް ތަނެއްގައި، އެއްވެސް ޙާލަތެއްގައި، ދީން ހުއްދަ ނުކުރާ ކަމެކެވެ.
ދެން އޮތީ ދީމިޤްރާޠިއްޔަތުގެ ވާހަކައެވެ. ރައީސް ޑރ. މުޢިއްޒު މަޤާމުން ވަކި ކުރުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތަކީ ދީމިޤްރާޠީ ޝަރްޢިއްޔަތު (democratic legitimacy) ލިބިގެންވާ މަސައްކަތެއް ނޫންކަން، ތިރީގައި މި ދަންނަވާ ނުކުތާތަކުން ވަރަށް ރީތިކޮށް ސާފު ވެއެވެ.
1. ޑރ. މުޢިއްޒު ޢަޒުލު ކުރުމުގެ މަސައްކަތް އެމްޑީޕީން ފެށީ، ދިވެހި ރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތުން އެމަނިކުފާނު ރައީސްކަމަށް އިންތިޚާބު ކުރުމަށް ފަހު، ރިޔާސީ ދައުރު ފެށުނުތާ މަސް ދުވަސް ފުރިހަމަ ނުވަނީހެވެ. އެ މަސައްކަތް ފެށި އިރު، ރައީސް ޢަޒުލު ކުރުން ހުއްދަ ވާ ސަބަބުތައް ކަމަށް ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ އެއްވެސް ޙާލަތެއް މެދުވެރި ވެއްޖެ ކަމަށް ދިވެހި އެއްވެސް ރައްޔިތަކު ބުނެފައެއް ނުވެއެވެ. ޚުދު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން އެކަމާ މެދު ވާހަކަ ދެއްކި މީހަކު ވެސް، ރައީސް ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ޢަޒުލު ކުރާން ޖެހޭ ސަބަބެއް މެދުވެރި ވެއްޖެކަން ރައްޔިތުންނަށް ބުނެއެއްނުދެއެވެ. އޮޅުމެއް ނެތް ގޮތުގައި، އެ މަސައްކަތް ފެށީ ރައީސް ޢަޒުލު ކުރާން ޖެހޭ ސަބަބެއް މެދުވެރި ވެގެނެއް ނޫނެވެ. ސިޔާސީ ޙަސަދަވެރިކަމާއި ތަޢައްޞުބުގެ ސަބަބުންނެވެ. ތިމާމެން ފިޔަވައި އެހެން ބަޔަކުގެ އަތްމަތީގައި ޤައުމުގެ ވެރިކަން އޮތުން ޓޮލަރޭޓް ނުކުރެވޭތީއެވެ. ބޮޑަށް ޤަބޫލު ކުރެވޭ ގޮތުގައި، މިކަން ކުރަނީ ބޭރުގެ ކޮންމެވެސް އިސްތިޢުމާރީ "ސާހިބުންތަކެއްގެ" އޯޑަރަށް ތަބަޢަ ވުމުގެ ގޮތުންނެވެ. މަޖިލިހާ ހަމަޔަށް ރައީސް ޢަޒުލު ކުރުމުގެ ޤަރާރު ހުށައަޅާން ވާއިރަށް، އެމްޑީޕީން ދޮގުތަކާއި އޮޅުވައިލުންތަކުގެ ތެރެއިން "ސަބަބުތަކެއް" އުފަން ކުރާނޭކަން ކަށަވަރެވެ. އެހެން ނަމަވެސް، މި ކަންތައްގަނޑު ފެށީ ރައީސް ޢަޒުލު ކުރާން ޖެހޭ ސަބަބެއް މެދުވެރި ވެގެން ނޫންކަމީ ދިވެހި އެއްވެސް ރައްޔިތަކަށް އޮޅިފައި އޮންނާނޭ ކަމެއް ނޫނެވެ.
2. ރޔާސީ ނިޒާމަކަށް ދުސްތޫރު ބައްޓަން ކުރެވިފައިވާ ދިވެހި ދައުލަތުގައި، ރައީސުލްޖުމްހޫރިއްޔާ އަކީ، އެ މީހަކު ހޮވުމަށް ޓަކައި ހުރިހައި ރައްޔިތުން ވޯޓު ލާ ހަމައެކަނި ފަރާތެވެ. ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ އިސް މަޤާމުތަކުގެ ތެރެއިން، ހުރިހައި ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިގެން މެނުވީ މަޤާމަށް ނުހޮވޭ ހަމައެކަނި ފަރާތެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އަކީ ދިވެހި ރައްޔިތުންގެ "ދީމިޤްރާޠީ އިރާދާ" އާއި "ދީމިޤްރާޠީ ނިންމުން" އެންމެ ބޮޑަށް ތަމްސީލު ކުރާ ފަރާތެވެ. ދިވެހި ސިޔާސީ ނިޒާމުގައި، "ދީމިޤްރާޠީ ޝަރްޢިއްޔަތު" އެންމެ ވަރުގަދަކޮށް ލިބޭ ފަރާތެވެ. ކަން މިހެން ހުރުމުން، ރައްޔިތުން އިންތިޚާބު ކުރާ ރައީސަކު ވެރިކަމުން ޢަޒުލު ކުރުމަކީ ސީދާސީދާ ގޮތެއްގައި ރައްޔިތުންގެ ނިންމުން އެކޮޅުކޮޅުން ޖެހުމުގެ ޢަމަލެކެވެ. މި ޢަމަލަށް ޝަރްޢިއްޔަތު ލިބޭނޭ ހަމައެކަނި ގޮތަކީ، ރައްޔިތުންގެ ސިޔާދަތީ ބާރު ތަޖުސީމު ކުރާ ޤާނޫނުއަސާސީގެ ނައްޞުތަކުން ބޭރު ވާކަމުގެ ޝައްކެއް ވެސް ނުއުފެދޭހައި ފުރިހަމަކޮށް ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި އެކަން ކުރުމެވެ. އެމްޑީޕީން ރައީސް ޑރ. މުޢިއްޒު ޢަޒުލު ކުރާން މަސައްކަތް ކުރަމުން ގެންދަނީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި، އިތުރު އެތައް މާއްދާއަކާ ޚިލާފަށްކަން އެއީ މެންދުރުގެ އިރު ފަދައިން ފެންނާން އޮތް ކަމެއް ކަމުގައި ވާއިރު، އެކަމަށް ދީމިޤްރާޠީ ޝަރްޢިއްޔަތު ލިބޭނޭ އެއްވެސް ގޮތެއް ނެތެވެ. އަދި ކިޔެއްތަ، އެމްޑީޕީން ކުރަމުން އެގެންދާ މަސައްކަތަކީ ރައްޔިތުންގެ ދީމިޤްރާޠީ އިރާދާ އާއި ދީމިޤްރާޠީ ނިންމުމަށް ގޮން ޖަހައި، ރައްޔިތުންގެ ބާރު ކަނޑުވައިލައި، ރައްޔިތުން ރައީސަކު ހޮވުމަށް ލީ ވޯޓާއި އެ ވޯޓުގެ ނިންމުމަށް ކުޅު ޖެހުމުގެ ހުތުރު ޢަމަލެކެވެ. ރައްޔިތުންގެ ބަހުގެ މައްޗަށް ބަސް ކިޔައި، ރައްޔިތުން ކޮންމެ ގޮތަކަށް ނިންމިޔަސް ތިމަންމެން ހިތުހުރި ގޮތަކަށް އެ ނިންމުން ބާޠިލު ކޮށް ނަގައި އެއްލައިލާނަމޭ ބުނުމުގެ މުޑުދާރު ޢަމަލެކެވެ. ޤައުމުގެ ދީމިޤްރާޠީ މުސްތަޤުބަލް ހަލާކު ކޮށް، ހިތުހުރި ގޮތަކަށް ރައްޔިތުންގެ ވޯޓު ނަފީ ކޮށް ކުނި ވަށިގަނޑަށް އެޅުމުގެ ވަރަށް ވެސް ބިރުވެރި ސާބިޤާއެއް (precedent) ޤާއިމު ކުރުމަށް ކުރާ މަސައްކަތެއް މެއެވެ.
3. ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންތަކެކެވެ. ޤާނޫނު ހަދާ މަޖިލިހުގެ ދުސްތޫރީ ދައުރު އަދާ ކުރުމުގައި، ރައްޔިތުންގެ އިރާދާ (will of the people) ތަމްސީލު ކޮށް، އެ އިރާދާ ހިންގައި، އެ އިރާދާގެ މައްޗަށް ކަންތައްތައް ކުރާން ތިބޭ ރައްޔިތުންގެ ޚާދިމުންތަކެކެވެ. އެމީހުންގެ ސާހިބުންނަކީ ރައްޔިތުންނެވެ. ދީމިޤްރާޠީ ނިޒާމުގެ މުޅި ބިންގަލަކީ އަދި ރޫޙަކީ، ރައްޔިތުންގެ އެ މަންދޫބުންގެ ޢަމަލުތަކާއި ނިންމުންތަކަކީ ރައްޔިތުންގެ އަޣްލަބިއްޔަތުގެ ރައުޔުތަކާއި ޝުޢޫރުތަކާ އެއްގޮތް ކަންތައްތަކަކަށް ވުމެވެ. ރައްޔިތުންގެ އަޣްލަބިއްޔަތު އެދޭ ގޮތް ތަންފީޛު ކޮށްދޭ ކަންތައްތަކަކަށް ވުމެވެ. މި ނުކުތާގެ އަލީގައި ވިސްނައިލުމުން ފެންނާނޭ ޙަޤީޤަތަކީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ރައްޔިތުން އިންތިޚާބު ކޮށްފައި ހުރި ވެރިޔަކު، އެ މަޤާމުން ޢަޒުލު ކުރުމުގެ މަސައްކަތް ފެށޭން ވާނީ – ދީމިޤްރާޠީ ވިސްނުމުން ވިސްނާ އިރު – ރައްޔިތުންގެ ތެރެއިން ކަމެވެ. ރައްޔިތުންގެ ތެރެއިން އެކަމަށް ގޮވައިލެވޭ ގޮވައިލުންތައް ފައުޅު ވެ، އެއީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުގެ ވިސްނުން ހުރި ގޮތްކަން ރީތިކޮށް ފެންނަ ހިސާބަށް ދިޔުމުން ނޫނީ، ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް ކުރާ މަސައްކަތަކަށް ދީމިޤްރާޠީ ޝަރްޢިއްޔަތު (democratic legitimacy) އޮންނާނޭ ގޮތެއް ނެތެވެ. ދީމިޤްރާޠިއްޔަތަށް އިޙުތިރާމު ކުރާ ބަޔަކު ނަމަ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ހިންގާ އިޖުރާއާތު ފެށުމުގެ ވާހަކަ ދައްކާން ވެސް ޖެހޭނީ، ރައްޔިތުންގެ ތެރެއިން ރައީސް ޢަޒުލު ކުރުމަށް ގޮވައިލެވޭ ގޮވައިލުންތަކުގެ އަޑު ޢާއްމު އަޑަކަށް ވެގެން ދިޔުމުންނެވެ. ޙަޤީޤަތަށް ލޯބި ކުރާ އެކަކު ވެސް އިންކާރު ނުކުރާނޭ ފަދައިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޤާމުން ވަކި ކުރުމަކަށް ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ގޮވައިލުމެއް މިހައިތަނަކަށް އައިސްފައެއް ނުވެއެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން މި ކުރާ ކަންތައްތަކަކީ، ރައްޔިތުންގެ އެއްވެސް ބަހެއް ނެތި، އަމިއްލައަމިއްލަޔަށް، ޕާޓީގެ އިސް ލީޑަރުންނާއި އެމީހުންނަށް އަމުރު ފޮނުވާން ބޭރުގައި ތިބޭ "އޯވަރލޯޑުންތަކެއްގެ" އެދުންތަކަށް އަޅުދާސް ވެގެން ހިންގާ "ދީމިޤްރާޠީ ޖަރީމާތަކެއް" ފިޔަވައި ދެން ކޮން ކަމެއްތޯއެވެ؟
4. ދިވެހިރާއްޖޭގެ ދީމިޤްރާޠިއްޔަތުގެ އެންމެ މުހިއްމު އެއް އަސާސަކީ ސިޔާސީ ކަންކަމުގައި ގިނަ ޕާޓީތަކެއް ބައިވެރި ވެ ޝާމިލު ވެގެން ސިޔާސީ ނިޒާމު ހިންގާހިންގުމެވެ. އާދެ، ދިވެހި ދުސްތޫރުން އުފައްދައިފައި ވާ ސިޔާސީ ނިޒާމަކީ "މަލްޓި-ޕާޓީ ޑިމޮކްރެސީ" އެކެވެ. ދީމިޤްރާޠިއްޔަތުގެ އުޞޫލުތައް ނިޔާ ކުރާ ގޮތުން، މަލްޓި-ޕާޓީ ޑިމޮކްރެސީއެއްގައި، ކޮންމެ ޕާޓީއެއް ވެސް އަނެއް ޕާޓީއަށް އިޙުތިރާމު ކުރާން ޖެހެއެވެ. އަދި ރައްޔިތުން ވަކި ޕާޓީއަކަށް ސަރުކާރު ނުވަތަ ޤާނޫނު ހަދާ މަޖިލިސް ޙަވާލު ކޮށްފި ކޮންމެ ހިނދެއްގައި، ރައްޔިތުންގެ އެ ނިންމުމަށް އިޙުތިރާމު ކޮށް ދީމިޤްރާޠިއްޔަތު ނެގެހެއްޓުމުގެ ގޮތުން، އެ ޕާޓީއަކަށް އެ ޕާޓީއެއްގެ ފަލްސަފާތަކާއި ވިސްނުންތަކާ އެކު، ދައުރު ހަމަ ވާންދެން މަސައްކަތް ކުރުމުގެ ފުރުޞަތު ދޭން ޖެހެއެވެ. ޝައްކެއް ނެތެވެ. ވެރިކަމުގައި ތިބި ބަޔަކު، ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލާ ނަމަ، އެކަމާ ދެކޮޅަށް ބަސް ބުނެ، ޖަވާބުދާރީ ކުރުވައި، ރައްޔިތުންނަށް ޙަޤީޤަތް ބަޔާން ކޮށްދިނުމުގެ ޒިންމާ އިދިކޮޅު ޕާޓީތަކުން އަދާ ކުރާން ވާނެއެވެ. ބާރުވެރިކަމުގައި އޮތް ޕާޓީއެއްގެ ޢަމަލުތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުން ޖާއިޒު ވާ ޙާލަތުތަކުގައި، މިނިވަން ފަނޑިޔާރުގެ މެދުވެރިކޮށް ފިޔަވަޅު އަޅާން ވެސް ވާނެއެވެ. ނަމަވެސް، ބިނާ ކުރަނިވި ގޮތެއްގައި ފާޑު ކިޔުމާއި، ޖަވާބުދާރީ ކުރުވުމާއި، ހެޔޮ ގޮތުގައި ޤާނޫނީ ފިޔަވަޅުތައް އެޅުން ފިޔަވައި، އެހެން ގޮތްގޮތުން ވެރިކަމުގައި ނުވަތަ މަޖިލިހުގެ އަޣްލަބިއްޔަތުގައި އޮންނަ ޕާޓީއަކަށް ދުއްތުރާ ކޮށް ޖެއްސުން ކުރުމަކީ އެއްވެސް ޙާލެއްގައި ހުއްދަ ކުރެވޭނެ ކަމެއް ނޫނެވެ. ޚިޔާލު ތަފާތު ވާ މައްސަލަތަކުގައި ވެސް، މަލްޓި-ޕާޓީ ޑިމޮކްރެސީގެ އުޞޫލުތައް ނިޔާ ކުރަނީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުޞޫލުން ކަންތައްތައް ކުރުމެވެ. ރައީސް ޑރ. މުޢިއްޒު ޢަޒުލު ކުރާން އެމްޑީޕީން މި ކުރާ މަސައްކަތަކީ މި ދެންނެވި ގޮތްތަކާ މުޅީން ޚިލާފަށް، ވެރިކަން ކުރާ ޕާޓީއާ ވެސް އަދި އެހެން ބަޔަކާ ވެސް މަޝްވަރާ ކުރުމެއް ނެތި، ތިމާމެން ހިތުހުރި ގޮތަކަށް ކޮންމެ ކަމެއް ކޮށްލުމުގެ އުޞޫލުން ކުރަމުން ގެންދާ ކަމެއްކަމާ މެދަކު ސުވާލެއް ވެސް ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދަށް ޤާނޫނުއަސާސީއާ ޚިލާފު "އިޞްލާޙުތަކެއް" ގެނެސް، މަޖިލިހުގެ ތެރެއިން ވެސް އެހެން އެއްވެސް ޕާޓީއެއްގެ ކުޑަވެސް ބައިވެރިވުމެއް ނެތި ރައީސް އިމްޕީޗް ކުރެވޭނެ ގޮތް އެމްޑީޕީން ހެދި ގޮތަށް ބަލައިލިޔަސް، އަޅުގަނޑު މި ދަންނަވަނީ ތެދު ޙަޤީޤަތްކަން ސާފު ވެވަޑައިގަންނަވާނެއެވެ. މި ކަންކަމަށް ވިސްނުމުން، އެމްޑީޕީގެ ކިބައިގައި "މަލްޓި-ޕާޓީ ޑިމޮކްރެސީ" ގެ އުޞޫލުތަކަށް އިޙުތިރާމު ކުރުމުގެ ކަންފުޅެއް ވެސް ނެތްކަން ސާފު ވެއެވެ.
5. އެމްޑީޕީ އަކީ އެންމެ ފަހުން މި ރާއްޖޭގައި ބޭއްވުނު އިންތިޚާބުގައި ރައްޔިތުންގެ ސާފު އަޣްލަބިއްޔަތަކުން އެ ޕާޓީއަކަށް ނޫނެކޭ ބުނި ޕާޓީއެވެ. އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ބުނި ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސެއްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަސްލަމަކީ އެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ރަނިންމޭޓެވެ. އެ މަޖިލިހހުގެ މެންބަރުންގެ ގޮތުގައި ތިބެގެން، ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރާ ވާހަކަ ދައްކައި އެކަމަށް ފޫ ގަޅައިގެން އުޅޭ މީހުންނަކީ އެ އިންތިޚާބުގައި އެމްޑީޕީގެ ކެންޕޭނަށް ރައްޔިތުންގެ ގާތަށް އެ ބަޔަކު ދިޔުމުން، އެ ބަޔަކަށް ރައްޔިތުން ނޫން ޖަވާބު ދިން މީހުންނެވެ. މި ވާޤިޢާތަކުގެ އަލީގައި ފެންނަ ޙަޤީޤަތަކީ، ރައީސް ޑރ. މުޢިއްޒު ޢަޒުލު ކުރުމަށް އެއްވެސް ގޮތަކުން މަސައްކަތް ކުރުމުގެ ޙައްޤެއް، ދީމިޤްރާޠީ އުޞޫލުތަކުގެ މަތީން، އެމްޑީޕީއަކަށް ނެތްކަމުގެ ޙަޤީޤަތެވެ. އެމްޑީޕީގެ ކިބައިގައި "ޑިމޮކްރެސީ" އަށް އިޙުތިރާމު ކުރުމާއި، ރައްޔިތުންގެ "ޑިމޮކްރެޓިކް ނިންމުން" އިޙުތިރާމު ކުރުމުގެ އެއްވެސް ވިސްނުމެއް ހުރި ނަމަ، މަޖިލިހުގެ ދައުރުގެ ބާކީ އޮތް ދެތިން މަހެއްގެ ތެރޭގައި އެ ނިންމުން ބަދަލު ކުރުމަށް ތިމާމެންނަށް އެއްވެސް ކަހަލަ އަދި އެއްވެސް މިންވަރެއްގެ "ޑިމޮކްރެޓިކް ޝަރުޢިއްޔަތެއް" (democratic legitimacy) ނޯންނާނެކަން ޤަބޫލު ކޮށްގެން މަޑުމަޑުން ތިބީހެވެ. އެހެން ނުތިބެ، ރައީސް ޢަޒުލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުން ފެންނަނީ އެމްޑީޕީގެ ސިޔާސީ އަމިއްލައެދުންވެރިކަމެވެ. ޑިމޮކްރެސީއޭ ކިޔައިގެން އެ ޕާޓީން ފެށުނީއްސުރެ ވާހަކަ ދައްކައި ޝިޢާރުތައް އުފުލަމުންދާ ދިޔުމަކީ ރައްޔިތުންގެ ތާއީދާއި ރުހުން ހޯދުމަށް ޓަކައި މުނާފިޤުކަމާ އެކު ހިންގާ ޕްރޮޕެގެންޑާ ކަމާއި އެ ވާހަކަތައް ދެއްކުމުގައި އެމްޑީޕީގެ އެއްވެސް އިޚްލާޞްތެރިކަމެއް ނޯންނަކަމެވެ. ހަމަ އެހެންމެ، އިސްތިޢުމާރީ ސާހިބުންގެ އޯޑަރަށް ތަބަޢަ ވުމުގެ ގޮތުން ރައްޔިތުންގެ އެންމެ ޑިމޮކްރެޓިކް ނިންމުން ވެސް "ސަބްވާޓް" ކޮށް، ޤައުމުގެ ދީމިޤްރާޠިއްޔަތު ކަތިލައި ފަނާ ކޮށްލާން އެމްޑީޕީގެ ކިބައިގައި ކުޑަ ނަމަވެސް ޖެހިލުންވުމެއް ނޯންނަކަމެވެ.
ދެން "ޖުމްހޫރިއްޔަތު" ގެ މަބްދައުގެ ވާހަކަ ދައްކަމާ ހިންގަވާށެވެ! ޖުމްހޫރިއްޔަތާއި ދީމިޤްރާޠިއްޔަތުގެ އާޚިރީ މަޤްޞަދުތަކަކީ ދާދި އެއް ކަންތައްތަކެއް ކަމުގައި ވުމާ އެކު، މީގެ ތެރެއިން އެއް ކަމެއް ގެއްލޭ އިރު، އަނެއް ކަމެއް ވެސް އޮންނާނީ ގެއްލިފައެވެ. ޔަޢުނީ، އެމްޑީޕީން ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފު ވަމުންދާ ކަން ބަޔާންކޮށް މަތީގައި ދެންނެވި ކޮންމެ ނުކުތާއަކުން ވެސް، އެ ޕާޓީން ޖުމްހޫރިއްޔަތުގެ އުޞޫލުތައް ވެސް މުގުރަމުންދާކަން ފެންނާނެއެވެ. ނަމަވެސް، އިތުރު ބައެއް ކަންކަމަށް ބަލައިލާން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. އާދެ، ދިވެހި ދުސްތޫރުގެ ދެވަނަ މާއްދާގެ ނައްޞުގެ ދަށުން ދައުލަތުގެ ބުންޔާދީ އެއް މަބްދައު ކަމުގައި ވާ "ޖުމްހޫރިއްޔަތު" ގެ މުޅި ބިންގަލަކީ، ދައުލަތުގެ ކަންކަމަކީ ވަކި ފަރުދެއް، ވަކި ޢާއިލާއެއް، ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި ކަންތައްތައް ނޫން ކަމާއި، އެއީ ހުރިހައި ރައްޔިތުންގެ ކަންތައްތައް ކަން ޤަބޫލު ކޮށް، އެގޮތުގެ މައްޗަށް ޢަމަލު ކުރުމެވެ. އޭގެ ދަށަށް އަންނަ އެންމެ މުހިއްމު އެއް އުޞޫލަކީ ރައްޔިތުންގެ އަޣްލަބިއްޔަތުގެ ނިންމުންތަކަށް އިޙުތިރާމު ކުރުމުގެ އުޞޫލެވެ. އަނެއް އުޞޫލަކީ، ބައިގިނަ މީހުން މައިމަދު ޖަމާޢަތްތަކާ މެދު އަނިޔާވެރިވުން (majoritarian tyranny) މަނާ ކުރުމުގެ އުޞޫލެވެ. ދައުލަތުގެ ވަކި ގުނަނެއް ނުވަތަ ވަކި ނިޒާމެއްގައި ތިމާމެންގެ ޕާޓީއަށް އެ ވަގުތަކު ލިބިފައި އޮންނަ އަޣްލަބިއްޔަތެއްގެ ބާރު ވެސް، ބައިމަދު މީހުންނާ، ނުވަތަ ތިމާމެންނާ ޚިޔާލު ތަފާތު މީހުންނާ، ނުވަތަ ތިމާމެންގެ ބައިގަނޑަށް ނިސްބަތް ނުވާ މީހުންނާ މެދު ބޭއިންޞާފާއި އަނިޔާވެރިކަން ގެންގުޅުމަށް ބޭނުން ނުކުރުމުގެ އުޞޫލެވެ. ކަން މިހެން އޮތް އިރު، އެމްޑީޕީން ރައީސް މުޢިއްޒު ޢަޒުލު ކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ ޖުމްހޫރިއްޔަތުގެ މަބްދައާއި އުޞޫލުތަކާ ވެސް މުޅީން ޚިލާފަށްކަން އަންނަނިވި ނުކުތާތަކުން އެނގި ސާފު ވެއެވެ.
1. ފުރަތަމަ ކަމަކަށް، ޑރ. މުޢިއްޒަކީ ރައްޔިތުންގެ އެންމެން ބައިވެރި ވާ ވޯޓެއްގައި، ރައްޔިތުންގެ އަޣްލަބިއްޔަތުން ހޮވައިފައި ހުރި ވަލިއްޔުލްއަމްރެވެ. އެމްޑީޕީން ދިމާ ކޮށްގެން މި އުޅެނީ ރައްޔިތުންގެ ވޯޓާއި، ރައްޔިތުންގެ ނިންމުމާއި، ރައްޔިތުންގެ އަޣްލަބިއްޔަތު އެއީ އެއްވެސް އަގެއް ނެތް ކަންތައްތަކެއް ކަމުގައި ހަދައި، އެ ކަންކަމުގެ މައްޗަށް ވަކި ސިޔާސީ ޕާޓީއެއްގެ އިސްތިބްދާދީ (despotic) އަދި ޚުދުމުޚުތާރު (dictatorial) ނިންމުން އިސް ކުރުމަށެވެ. އެމްޑީޕީން ޖުމްހޫރިއްޔަތުގެ އުޞޫލަށް ތަބަޢަ ވާ ނަމަ، ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމުގެ ގޮތުން އެއްވެސް ޢަމަލެއް ހިންގާން ވާނީ، އެންމެ ކުޑަ މިނުން ރައީސް ހޮވާން ވޯޓު ދިން މީހުންގެ ތަނަވަސް އަޣްލަބިއްޔަތަކަށް ވާ ވަރުގެ ޢަދަދެއްގެ ރައްޔިތުން ރައީސާ ދެކޮޅުވެރި ވެ ރައީސް ޢަޒުލު ކުރާން ބޭނުން ވާ ޙާލަތު އަތުވެއްޖެކަން ކަށަވަރު ކުރުމަށް ފަހުގައެވެ. ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސް ޢަޒުލު ކުރެވިދާނޭ ޙާލަތު އަތުވެއްޖެތޯ ބަލާން ޖެހޭނީ ވެސް އޭގެ ފަހުގައެވެ. ތަފާތު ޢިބާރާތްތަކަކުން ދަންނަވަންޏާ، ޖުމްހޫރިއްޔަތު ބުނަނީ "ވަލިއްޔުލް އަމްރު ޢަޒުލު ކުރުމަކީ އެންމެހައި ރައްޔިތުންގެ ކަމެއް (Res Publica)" ކަމުގައެވެ. އެމްޑީޕީން ބުނަނީ، ނޫނެކޭ އެއީ ހަމައެކަނި އެމްޑީޕީގެ ކަމެކޭ (Res MDP) މިހެންނެވެ!
2. ދެވަނަ ކަމަކަށް، ޖުމްހޫރިއްޔަތު ޢަމަލީ ގޮތުން ހިންގާ އެއް މެކޭނިޒަމަކީ ރާއްޖޭގައި މި އޮތް ފަދަ "ނިޔާބީ ޑިމޮކްރަސީ" (representative democracy) ކަމުގައި ވާއިރު، އެމްޑީޕީގެ ޢަމަލުތައް ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފުކަން ބަޔާން ކުޅައުމުގެ ގޮތުން ދެއްކި ވާހަކައިގެ ތެރޭގައި ވެސް ދެންނެވި ފަދައިން، ރައްޔިތުންގެ މަންދޫބުންތަކަކަށް، ރައްޔިތުން އެކަމެއް ކުރާން އެންގި ކަމެއް މެނުވީ ކުރުން ޖުމްހޫރިއްޔަތު ހުއްދައެއް ނުކުރެއެވެ. ދިވެހި ރައްޔިތުން ރައްޔިތުންގެ މަޖިލިހަށް މެންބަރުން އިންތިޚާބު ކުރަނީ ދުސްތޫރީ އިމުގެ ތެރޭގައި ތިބެގެން ޤާނޫނު ހަދައި، ދުސްތޫރީ އިމުގެ ތެރޭގައި ތިބެގެން ސަރުކާރު ވެސް ޤާނޫނަށް ޖަވާބުދާރީ ކުރުވުމަށް ޓަކައި ފާރަވެރި ވާ ބަޔަކުގެ ގޮތުގައެވެ. ރައްޔިތުން އެކިއެކި މަޤާމުތަކަށް މީހުން އިންތިޚާބު ކުރުމުން، އިންތިޚާބު ނިމިގެން ރައްޔިތުން ގެއަށް ދާން ވާ އިރަށް ފުންމަފުންމައިގެން ގޮސް އެ މީސްމީހުން މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރާކަށެއް ނޫނެވެ. ސިޔާސީ ބާރުވެރިކަން ހޯދައި ދެމެހެއްޓުމުގެ ގޮތުން އެއް ބަޔަކު އަނެއް ބަޔަކާ – ތޯމަސް ހޯބްސްގެ ޢިބާރާތަކުން ދަންނަވަންޏާ – ނިމުމެއް ނެތް ހަނގުރާމައެއް (perpetual war) ކުރާކަށެއް ނޫނެވެ. އަމިއްލަ ތަޢައްޞުބާއި ސިޔާސީ އެދުންވެރިކަމާއި އިސްތިޢުމާރީ ސާހިބުންގެ އަމުރުތަކަށް އަޅުވެތި ވެގެން ރައްޔިތުންގެ ޖުމްހޫރީ އަދި ދީމިޤްރާޠީ ނިންމުންތައް އެފުށްމިފުށަށް ޖަހައި ގަޑުބަޑު ކުރާކަށެއް ނޫނެވެ. ވީއިރު، ދިވެހި ރައްޔިތުންގެ ތެރެއިން ރައީސް ޑރ. މުޢިއްޒު ޢަޒުލު ކުރުމުގެ އެއްވެސް ޑިމާންޑެއް ނެތީސް، އެމްޑީޕީން އެމަނިކުފާނު ޢަޒުލު ކުރުމަށް ހިންގަމުންދާ ކަންތައްގަނޑަކީ ޖުމްހޫރިއްޔަތުގެ މޫނުގައި ވެސް ޖަހާ ތަފާލެކެވެ. އާދޭހެވެ! ޖުމްހޫރިއްޔަތުގެ އުޞޫލުތައް ނިޔާ ކުރާ ގޮތުން، ރައީސް ޢަޒުލު ކުރުމަކީ ސިޔާސީ ހުރިހައި ފިކުރަކަށް ނިސްބަތް ވާ، އެންމެހައި ރައްޔިތުންގެ ކަމެއް (Res Publica) ކަމާއި، އެމްޑީޕީ ހިތުހުރި ގޮތަކަށް ކުރާން އޮތް، އެމްޑީޕީގެ ކަމެއް (Res MDP) ނޫންކަން ކަށަވަރެވެ!
3. ތިންވަނަ ކަމަކަށް، ޖުމްހޫރިއްޔަތުގެ މައިގަނޑު އެއް އުޞޫލަކީ ދައުލަތުގެ އެއްވެސް ނިޒާމެއްގައި ބަޔަކަށް ލިބިފައި އޮންނަ އަޣްލަބިއްޔަތުގެ ބާރު، އަނިޔާ އާއި ޒުލްމުވެރިކަމާއި ބޭއިންޞާފުގެ މަގުން ބޭނުން ނުކުރުމެވެ. އާދެ، އަޣްލަބިއްޔަތުގެ ޒުލްމުވެރިކަމާ (majoritarian tyranny) މުޅީން ދުރުހެލި ވުމެވެ. ފާއިތު ވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އެއް ތަމްސީލެއްގެ އެތައް އެޕިސޯޑެއްގެ ގޮތުގައި ފެނިގެން ދިޔައީ، ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީއަށް އޮތް އަޣްލަބިއްޔަތުގެ ބޭނުން ކޮށްގެން، ދިވެހި ތާރީޚުގައި އަޣްލަބިއްޔަތުގެ ޒުލްމުވެރިކަމުގެ ނުހަނު ހުތުރު ޞަފުޙާތަކެއް ލިޔަމުން ގެންދިޔަ މަންޒަރެވެ. އެމްޑީޕީ އެ ބަޔަކާ މެދު ނުރުހޭ ކޮންމެ ބަޔަކާ ދެކޮޅަށް އަޣްލަބިއްޔަތުގެ ބާރުން އަނިޔާ އާއި ބޭއިންޞާފު ހިންގަމުން ދިޔަ މަންޒަރެވެ. ދައުލަތަށް ތެދުވެރި ގޮތުގައި ޚިދުމަތް ކުރަމުން ދިޔަ މުއައްޒަފުން ނާޖާއިޒު ގޮތްގޮތުން ވަޒީފާއިން ވަކި ކޮށް ނިކަމެތި ކުރުމުގެ ޢަމަލުތަކުން ފެށިގެން ގޮސް، ފުލުހުންގެ މުއައްސަސާ ފަދަ ދައުލަތުގެ މުއައްސަސާތައް އެމްޑީޕީގެ އެކްޓިވިސްޓުންގެ އަމުރާއި އޯޑަރުތަކުގެ ދަށަށް ގެނެސް އެ ތަންތަން ހަލާކު ކުރުމާއި، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު ކަނޑުވައިލުމާއި، ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުން ފަދަ އެތައް ކަމެކެވެ. އަނެއްކާ މިހާރު މި ފެންނަނީ، މަޖިލިހުގައި އޮތް އެމްޑީޕީގެ އަޣްލަބިއްޔަތުގެ ބާރުވެރިކަން ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް، އެއްވެސް ކަހަލަ ޝަރްޢިއްޔަތެއް ނެތް ގޮތުގައި ޣައިރުދުސްތޫރީ ޢަމަލުތަކެއް ހިންގާން ދިމާ ކޮށްގެން އުޅޭ ހުތުރު މަންޒަރެވެ. މި ފަހަރު، މަޖިލިހުގައި އޮތް އަޣްލަބިއްޔަތުގެ ބާރު ނުހަމަ ގޮތުގައި ބޭނުން ކުރާން މި އުޅެނީ ބައިމަދު ޖަމާޢަތަކާ ދެކޮޅަށް ވެސް ނޫނެވެ. ރައްޔިތުންގެ އަޣްލަބިއްޔަތާ ދެކޮޅަށެވެ. ރައްޔިތުންގެ އަޣްލަބިއްޔަތުން އިންތިޚާބު ކޮށްފައި ހުރި ވެރިޔަކު ވައްޓައިލައި، ރައްޔިތުންގެ ނިންމުން ސަބްވާޓް ކުރާން އޮތް ހަތިޔާރެއްގެ ގޮތުގައެވެ. ބައިމަދު ޖަމާޢަތްތަކުގެ ޙައްޤުތައް ނިގުޅައިގަތުން ޖުމްހޫރިއްޔަތުގެ އުޞޫލުތަކުގެ ދަށުން ހުއްދަ ނޫން އިރު، ބައިގިނަ ރައްޔިތުންގެ ނިންމުމެއް ނަފީ ކޮށް ކުނިގޮނޑަށް އެއްލައިލާން މަޖިލިހުގެ އަޣްލަބިއްޔަތު ބޭނުން ކުރުން ހުއްދަ ވާނީ ކިހިނެއްތޯއެވެ؟
އާދެ، ދެންނެވުނު ނުކުތާތަކުން ފެންނަ ޙަޤީޤަތަކީ، ރައީސް ޑރ. މުޢިއްޒު ޢަޒުލު ކުރާން އެމްޑީޕީން އުޅޭއުޅުމަކީ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއިން އެކަށައަޅައިފައިވާ، ދިވެހި ދައުލަތުގެ އެންމެ އަސާސީ ދުސްތޫރީ ބުންޔާދުތައް ކަމުގައި ވާ އިސްލާމީ އުޞޫލުތަކާއި ދީމިޤްރާޠިއްޔަތާއި ޖުމްހޫރިއްޔަތުގެ އުޞޫލުތަކާ ޚިލާފަށް ކުރާ ކަމެއް ކަމެވެ.
އޭގެ އިތުރުން، އެމްޑީޕީގެ ޢަމަލުތަކަކީ ޤާނޫނުއަސާސީ ބަލައިގެންފައި ވާ ދުސްތޫރީ އެހެނިހެން އެތައް މަބްދައަކާ ވެސް ޚިލާފު ޢަމަލުތަކެކެވެ. މި ލިޔުމުގެ އެކިއެކި ބައިތަކުގައި މިހައިތަނަށް އަޅުގަނޑު ދެއްކި ވާހަކަތަކުން ސާފު ވާނޭ ފަދައިން، އެމްޑީޕީން އެ ގެންދަނީ ޤާނޫނުގެ ސިޔާދަތުގެ މަބްދައާއި (doctrine of rule of law) މުގުރަމުންނެވެ. ބާރުތައް ވަކި ކުރުމުގެ މަބްދައު (doctrine of separation of powers) މުގުރަމުންނެވެ. މަޖިލިހުގެ ސިޔާސީ ބާރުވެރިކަން މަޙްދޫދު ކުރުމުގެ މަބްދައު (doctrine of limitation of political power of the legislature) މުގުރަމުންނެވެ. ދައުލަތުގެ ތިން ގުނަވަނުގެ ހަމަހަމަކަމުގެ މަބްދައާއި (doctrine of co-equality of state organs) އެއް ބާރު އަނެއް ބާރަށް ޙުރުމަތްތެރިކޮށް ހިތުމުގެ އުޞޫލު މުގުރަމުންނެވެ. އާދޭހެވެ! އެމްޑީޕީގެ "ސުޕަރމެޖޯރިޓީ" އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ދައުރު ފެށީ، މި ދެންނެވި ހުރިހައި މަބްދައުތަކަކާއި، ފަނޑިޔާރުގޭގެ މިނިވަންކަމުގެ މަބްދައު (doctrine of the independence of the judiciary) ފަދަ ދުސްތޫރީ އެތައް އުޞޫލެއް މުގުރައިލައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހަލާކު ކޮށް، ފަނޑިޔާރުގެ އެމްޑީޕީގެ އަޅުވެތިކަމުގެ ދަށަށް ގެނައިގެނައުމާ އެކުއެވެ. އެ މަޖިލިހުގެ ފަސް އަހަރުގެ ދައުރުގެ ނިމުން ފާހަގަ ކުރާން މި ޖެހެނީ، ދައުލަތުގެ އަނެއް ބާރު ސުންނާފަތި ކޮށްލައިގެންނެވެ! މިއީ ކިހައި ދެރަ ކަމެއްތޯއެވެ؟ އެމްޑީޕީގެ ލީޑަރުންނާއި މެންބަރުން، ތިމާމެންގެ ޕާޓީއަށް ޤައުމާ މެދު ޢަމަލު މި ކުރެވެނީ ކިހިނެއްބާވައޭ މި ސުވާލާ މެދު ފުންކޮށް ވިސްނައިލާން އަދިވެސް ނުވޭ ބާވައެވެ!
މައްސަލައިގެ މައްޗަށް ދެން އަޅުގަނޑު ބަލައިލާނީ، އަސާސީ ޙައްޤުތަކުގެ މަންޒޫރުންނެވެ.
ޤާނޫނުއަސާސީއާ ޚިލާފަށް ޣައިރުދުސްތޫރީކޮށް ކުރެވޭ ކަންތައްތަކުގެ ސަބަބުން، އެކިއެކި ފަރުދުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވިގެން ދިޔުމަކީ ޢާއްމު ކަމެކެވެ. އެފަދަ ކަންތައް ކުރަނީ ޤާނޫނު ހަދާ ބާރުން ކަމުގައި ވިޔަސް، ތަންފީޛީ ބާރުން ކަމުގައި ވިޔަސް ވެހެވެ. އެމްޑީޕީން ރައީސް ޑރ. މުޢިއްޒު މަޤާމުން ޢަޒުލު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަކީ ވެސް އެފަދައިން އެތައް ބައެއްގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭނޭ ކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.
1. ފުރަތަމަ ކަމަކަށް، ދިވެހި ދުސްތޫރާ އެއްގޮތަށް ބޭއްވޭ ޝަރްޢިއްޔަތު ލިބިގެންވާ އަދި ޤާނޫނީ ގޮތުން ޞައްޙަ ރިޔާސީ އިންތިޚާބެއްގައި، ޤާނޫނުއަސާސީގެ 26 ވަނަ މާއދާގެ (ށ) ގެ ދަށުން ކުރިމަތި ލާ މީހަކު، ރައްޔިތުންގެ އަޣްލަބިއްޔަތުގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ކުރުމުން، އެ މީހަކަށް ވެސް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ ފަދަ މާއްދާތަކުން ޙައްޤުތަކެއް ކަށަވަރު ކޮށްދެއެވެ. ދައުރު ފުރިހަމަ ވާންދެން މަޤާމުގައި ދެމިހުރުމުގެ ޙައްޤާއި، ރައްޔިތުން ޙަވާލު ކުރި މަސްއޫލިއްޔަތުތައް ބައެއްގެ ނާޖާއިޒު އުނދަގުލާއި ދުއްތުރާލާ ކުރިމަތި ލާން ނުޖެހި އަދާ ކުރުމުގެ ޙައްޤު ފަދަ ޙައްޤުތަކެވެ. ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި އޮންނަ "އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިޚްތިޔާރު ކުރާ މަންދޫބުން މެދުވެރި ކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރި ވުމުގެ ޙައްޤު" މި ނައްޞު ފަދަ ނައްޞުތަކުން މި ދަންނަވާ ޙައްޤުތަކުގެ އަޞްލު ފެނެއެވެ. އެހެންކަމުން، އިސްލާމީ އުޞޫލުތަކުގެ ދަށުން ލިބިދޭ ޝަރްޢިއްޔަތެއް ނެތި، ދުސްތޫރީ ޝަރްޢިއްޔަތެއް ނެތި، ދީމިޤްރާޠީ އަދި ޖުމްހޫރީ ޝަރްޢިއްޔަތެއް ވެސް ނެތި ކުރާ ކަންތައްތަކެއްގެ ވަސީލަތުން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ރައްޔިތުން އިންތިޚާބު ކޮށްފައި ހުރި މީހާ އެ މަޤާމުގައި ހުއްޓަނުދޭން މަސައްކަތް ކުރުމާއި އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅުމާއި އޭނާ މަޤާމުން ވަކި ކުރުމުގެ ބިރު ދައްކައި ޖެއްސުން ކޮށް ހެދުމަކީ އޭނާގެ އަސާސީ ޙައްޤުތަކަކަށް ވެސް އަރައިގަތުމެވެ.
2. ދެވަނަ ކަމަކަށް، ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާއަށް އެމްޑީޕީން ގެނައި ޣައިރުދުސްތޫރީ "އިޞްލާޙަށް" ބައްލަވާށެވެ! އެ "އިޞްލާޙާ" މެދު އަޅުގަނޑު ވާނީ މި ލިޔުމުގެ ދެވަނަ ބައިގައި ތަފްޞީލުކޮށް ވާހަކަ ދައްކައި، އެއީ ޤާނޫނުއަސާސީއާ ޚިލާފު ފަސާދައެއްކަން ބަޔާން ކޮށްފައެވެ. އެ "އިޞްލާޙަށް" ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ މަންޒޫރުން ބެލީމާ ފާހަގަ ކުރެވޭ މުހިއްމު އެއް ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް މަޖިލިހުގައި ހިންގާ މާއްދާ 100 އިޖުރާއާތުގައި ތިމާމެންގެ ރައުޔާއި ބަސް ތަމްސީލު ކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން ހަތް ދާއިރާއެއްގެ ރައްޔިތުންގެ ކިބައިގެން އެ "އިޞްލާޙު" ގެ ބާރުގައި ނުހަނު ބޭއިންޞާފު އަދި ނަހަމަ ގޮތެއްގައި ނިގުޅައިގަނެފައި ވާކަމެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސް ބައެއް މަޤާމުތަކަށް ވަޑައިގަތީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމުގައި ތިއްބެވި ބެއިފުޅުންނެވެ. އެއީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރަކަށް ހުންނަވައިފައި ނާއިބުރައީސްކަމުގެ މަޤާމަށް ވަޑައިގަތް އޮނަރަބްލް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ވިލިމާލެ ދާއިރާގެ މެންބަރަކަށް ހުންނަވައިފައި ބަންޑާރަ ނާއިބުގެ މަޤާމަށް ވަޑައިގަތް އޮނަރަބްލް އަލްއުސްތާޛު އަޙްމަދު އުޝާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރަކަށް ހުންނަވައިފައި މިނިސްޓަރުކަމާ ޙަވާލު ވެވަޑައިގަތް އަލްފާޟިލް އާދަމް ޝަރީފާއި، ނައިފަރު ދާއިރާގެ މެންބަރަކަށް ހުންނަވައިފައި މިނިސްޓަރުކަމާ ޙަވާލު ވެވަޑައިގަތް އަލްފާޟިލް އަޙްމަދު ޝިޔާމާއި، ތ. ގުރައިދޫ ދާއިރާގެ މެންބަރަކަށް ހުންނަވައިފައި މިނިސްޓަރުކަމާ ޙަވާލު ވެވަޑައިގަތް އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫނާއި، މާވަށު ދާއިރާގެ މެންބަރަކަށް ހުންނަވައިފައި މިނިސްޓަރުކަމާ ޙަވާލު ވެވަޑައިގަތް އަލްފާޟިލް މުޙައްމަދު ސަޢީދާއި، ފެލިދޫ ދާއިރާގެ މެންބަރަކަށް ހުންނަވައިފައި ސަރުކާރު ކުންފުންޏެއްގެ އިސް މަޤާމަށް ވަޑައިގަތް އަލްފާޟިލް އިބްރާހީމް ފަޟުލް ރަޝީދެވެ. މި ހަތް ބެއިފުޅުން ސަރުކާރުގެ އެކިއެކި މަޤާމުތަކަށް ވަޑައިގަތުމުން، ޤާނޫނުއަސާސީ ބުނާ ގޮތުން އެ ބެއިފުޅުންގެ މަޖިލިސް މެންބަރުކަން ވަނީ ގެއްލިފައެވެ. އެ ހިސާބުން ފެށިގެން، މި ބެއިބެއިފުޅުން ތަމްސީލު ކުރެއްވި ދާއިރާތަކުގެ ރައްޔިތުން ތަމްސީލު ކުރާނޭ މެންބަރެއް ރައްޔިތުންގެ މަޖިލިހުގައެއް ނެތެވެ. އެ ދާއިރާތަކުގެ ގޮނޑިތައް ހުރީ ހުހަށެވެ.
ޝައްކެއް ނެތް ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ ބައެއް ގޮނޑިތައް ހުސްކޮށް ހުންނަ ޙާލަތުގައި ވެސް، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބުނާ މަޖިލިހުގެ ޢާއްމު ކޯރަމް ހަމަ ވަންޏާ މަޖިލިހުގެ ޢާއްމު މަސައްކަތްތައް ކުރިޔަށް ދިޔުމަކީ ޤައުމުގެ މަޞްލަޙަތު ނިޔާ ކުރާ ގޮތެވެ. އެހެން ނަމަވެސް، ޤައުމީ ބޮޑެތި މަޞްލަޙަތުތަކާ ގުޅުން ހުންނަ ބޮޑެތި ކަންތައްތައް، ރައްޔިތުންގެ މަޖިލިހުގެ ބައެއް ގޮނޑިތައް ހުސްކޮށް ހުރެ އަދި އެ ގޮނޑިތައް ނިސްބަތް ވާ ރައްޔިތުން މަޖިލިހުގައި ތަމްސީލު ވެވޭނޭ ގޮތެއް ނެތި، ކުރިޔަށް ގެންދިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މި ވިސްނުމުގެ ދަށުން، ސީދާ ޤާނޫނުއަސާސީގައި ވަނީ ބައެއް ކަންތައްތައް ފާސް ކުރުމަށް ޓަކައި "މަޖިލިހުގެ ޖުމުލަ މެންބަރުންގެ" އަޣްލަބިއްޔަތު ބޭނުން ވާނޭ ކަމަށް ކަނޑައަޅައިފައެވެ. އެފަދަ އެއް ކަމަކީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރުމުގެ އިޖުރާއާތު ހިންގުމެވެ. އެ މާއްދާގެ (ބ) ގައި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމުގެ ޤަރާރު ފާސް ކުރެވޭނީ ރައްޔިތުންގެ "މަޖިލިހުގެ ޖުމުލަ މެންބަރުންގެ" ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ކަމަށް ބުނެފައެވެ. އޮޅުމެއް ނެތް ގޮތުގައި، މިފަދަ މައްސަލަތަކުގައި "މަޖިލިހުގެ ޖުމުލަ މެންބަރުންގެ" އަޣްލަބިއްޔަތުގެ ތާއީދު ބޭނުން ވާނޭ ކަމަށް ޤާނޫނުއަސާސީގައި އޮންނައޮތުމުގެ މަޤްޞަދަކީ އަދި ރޫޙަކީ، އެ ކަންކަމާ މެދު ބަހުސް ކުރާ އިރު ވެސް، ވޯޓު ނަގާ އިރުގައި ވެސް، ހުރިހައި ރައްޔިތުން ތަމްސީލު ވެވުމެވެ. "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ މާނައަކީ މަޖިލިހުގައި ރައްޔިތުން ތަމްސީލު ކުރެވޭ ހުރިހައި ދާއިރާއެއްގެ ހުރިހައި މެންބަރުންކަން، މި ލިޔުމުގެ ދެވަނަ ބައިގައި ވާނީ ސާފުކޮށް ބަޔާން ކުރެވިފައެވެ. މަޖިލިހުގެ ބައެއް ގޮނޑިތައް ހުސް ވެ އެ ގޮނޑިތަކުގައި މެންބަރުން ނެތް ޙާލަތުގައި، "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ ޢަދަދު ހަމަ ވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި، "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ އަޣްލަބިއްޔަތުން ފާސް ކުރާން ޖެހޭ ކަމަށް ޤާނޫނުއަސާސީގައި ބުނާ ކަންތައްތައް، ބައެއް ގޮނޑިތައް ހުސްކޮށް ހުންނަ ޙާލަތުގައި ފާހެއް ވެސް ނުކުރެވޭނެއެވެ. ވީމާ، ބަހުސަކަށް ޖަދަލަކަށް ޖާގަ ނެތް މިންވަރަށް ސާފުކޮށް ފެންނާން އޮތް ކަމަކީ، ކުރިޔަށް އޮތް މަޖިލިހުގެ އިންތިޚާބުގައި، މިހާރު މަޖިލިހުން ހުސް ވެފައިވާ ހަތް ގޮނޑިއަށް ވެސް މެންބަރުން އިންތިޚާބު ކުރެވި މުޅި މަޖިލިސް ފުރިހަމަ ވެގެން ނޫނީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރުމުގެ އިޖުރާއާތު ހިންގުމަކަށް ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ ހުއްދަ ނުކުރާކަމެވެ.
އާދޭހެވެ! އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާ އިމްޕީޗް ކުރުމަށް މަސައްކަތް ކުރަމުން އެ ގެންދަނީ ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާއަށް އިޞްލާޙުގެ ނަމުގައި ގެނައި ފަސާދަޔާ އެކު، "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ މަފްހޫމު އޮޅުވައިލައި، ޚުދު އެ މަޖިލިހުގައި ފާއިތު ވިހައި ދުވަހެއްގައި ޢަމަލު ކުރަމުން އައި ޢުރުފީ ހަމަ ވެސް މުގުރައިލައި، ހުސް ގޮނޑިތަކެއް ހުރިއްޔާ "ޖުމުލަ މެންބަރުން" ގުނާނީ އެ ގޮނޑިތައް އެއީ މަޖިލިހުގައި ނުހައްދަވާ ގޮނޑިތަކެއް ކަމަށް ބަލައިގެން ކަމަށް ޤަވާޢިދުގައި ޣައިރުދުސްތޫރީކޮށް ލިޔެގެންނެވެ. އެ ގޮތުގައި އެކަން ކޮށްފިއްޔާ، އިމްޕީޗްމެންޓް އިޖުރާއާތު މަޖިލިހުގައި ހިންގޭނީ މެންބަރުން ނެތް ހަތް ދާއިރާގެ ރައްޔިތުންގެ ބަހެއް އެކަމުގައި ނޯންނާނޭ ބީދައިންނެވެ. އެ ރައްޔިތުން ތަމްސީލު ނުވާ އިޖުރާއާތެއްގެ ގޮތުގައެވެ. އެއިރުން އެ ނިގުޅައިގަނެވެނީ، އެ ރައްޔިތުންނަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ނައްޞުގެ ބާރުގައި، 100 ވަނަ މާއްދާގެ (ބ) ގެ ވެސް ރިޢާޔަތުން، ލިބިދޭ، ތިމާމެންގެ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރި ވުމުގެ ދުސްތޫރީ އަދި އަސާސީ ޙައްޤެވެ. ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއިން އެ ރައްޔިތުންނަށް ލިބިދޭ ހަމަހަމަކަމާއި ތަފާތު ނުކުރެވުމުގެ ޙައްޤު ވެސްމެއެވެ. މި ގޮތުގެ މަތީން، ފަރެސްމާތޮޑާ، ވިލިމާލެ، މަޑުއްވަރި، ނައިފަރު، ތ. ގުރައިދޫ، މާވަށު، އަދި ފެލިދޫ ދާއިރާގެ އެތައް ހާސް ރައްޔިތުންގެ އަސާސީ ޙައްޤުތަކެއް ނިގުޅައިގަތުމަށް ދިމާ ކޮށްގެން އެތިބީ އެމްޑީޕީގެ މެޖޯރިޓޭރިއަން ޓިރަނީގެ ބާރުގައެވެ!
3. ތިންވަނަ ކަމަކަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކޮށްފައި ވަނީ ދިވެހި ރައްޔިތުންގެ 52 އިންސައްތައަށް ވުރެ ބޮޑު އަޣްލަބިއްޔަތަކުން ކަމުގައި ވާއިރު، ޤާނޫނުއަސާސީއާ ޚިލާފަށް އެމަނިކުފާނު ޢަޒުލު ކުރުމުން، އެ އަރައިގަނެވެނީ އެ ރައްޔިތުންނަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައި ވާ އަމިއްލައަށް ވޯޓު ލައިގެން ތިމާމެންގެ ރައީސުލްޖުމްހޫރިއްޔާއަކު، ތިމާމެން ޤާނޫނުއަސާސީގައި ކަނޑައަޅައިފައިވާ މުއްދަތަށް، އިންތިޚާބު ކޮށް އެ ރައީސަކު ލައްވައި ރައްޔިތުންގެ ކަންތައްތައް ހިންގުމުގެ ޙައްޤަށް ވެސް މެއެވެ.
މި ދެންނެވި ތިން ނުކުތާއިން އެނގޭ ފަދައިން، އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރާން ކުރަމުން ގެންދާ މަސައްކަތް އެގޮތުގައި ކުރުމަކީ، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތަކަކަށް ވެސް އަރައިގަތުމަކަށް ވާނެއެވެ. މިއީ ވެސް ރައީސް ޢަޒުލު ކުރުމަށް ކުރާ މަސައްކަތުގައި ދުސްތޫރީ ޝަރްޢިއްޔަތު (constitutional legitimacy) ނެތުމަށް މެދުވެރި ކުރާ މުހިއްމު ސަބަބެކެވެ. އެ ޢަމަލުތަކުން ސިޔާސީ ޝަރްޢިއްޔަތާއި (political legitimacy) އަޚްލާޤީ ޝަރްޢިއްޔަތު (moral legitimacy) ވެސް ނަފީ ކުރާ ސަބަބެކެވެ.
މި ލިޔުމުގެ އިސްވެދިޔަ ބަޔާންތަކުގައި، އެމްޑީޕީން ރައީސް ޑރ. މުޢިއްޒު މަޤާމުން ވަކި ކުރުމަށް ހިންގަމުންދާ ދުސްތޫރީ ޖަރީމާތަކަށް ސިޔާސީ އަދި އަޚްލާޤީ ޝަރްޢިއްޔަތު (political and moral legitimacy) ނެތްކަން ވަރަށް ސާފުކޮށް، އެކިއެކި ނުކުތާތަކުގެ އަލީގައި ދެންނެވިފައި ވާނެއެވެ. ނަމަވެސް، ސިޔާސީ އަދި އަޚްލާޤީ ޝަރްޢިއްޔަތާ ބެހޭގޮތުން ދައްކާން ޖެހޭ ވާހަކަތައް ވަކި އަރިމަތީ ސުރުޚީއެއްގެ ދަށުން، ވަކި ޒުވާބެއްގެ (argument) ގޮތުގައި ހުށައަޅައިލުމަކީ މުހިއްމު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަ ކޮށްލާން ޖެހޭ ބައެއް ކަންކަމެވެ.
1. އެނގިވަޑައިގަންނަވާނޭ ފަދައިން، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޢުމުރު މިއޮތީ ގާތްގަނޑަކަށް ހަމަ ވެފަފައެވެ. ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލިހަށް އައު މެންބަރުން ހޮވުމުގެ އިންތިޚާބެވެ. މިހާރު މިއޮތް މަޖިލިހުގެ އަހަރީ ދައުރުތަކުގެ ތެރެއިން މިހާރު މި ހިނގަނީ އެންމެ ފަހު ދައުރެވެ. ޢުމުރު ހަމަ ވާން ކައިރި ވެފައި އޮތް ރައްޔިތުންގެ މަޖިލިހަކުން، ރައްޔިތުން އިއްޔެ ނޫން އިހަށް ދުވަހު ވޯޓު ލައިގެން ހޮވައި، އިއްޔެ މަޤާމާ ޙަވާލު ވެވަޑައިގަތް ރައީސުލްޖުމްހޫރިއްޔާއެއް މަޤާމުން ޢަޒުލު ކޮށްލުމަށް އޮންނާނީ ކޮން ސިޔާސީ އަދި އަޚްލާޤީ ޝަރްޢިއްޔަތެއް ތޯއެވެ؟
2. ދެވަނަ ކަމަކަށް، ރައްޔިތުންގެ މަޖިލިހުގައި ލިބިފައި އޮތް އަޣްލަބިއްޔަތުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރާން މަސައްކަތް ކުރަމުން ގެންދާ އެމްޑީޕީއަށް، މަޖިލިހުގެ އަޣްލަބިއްޔަތު ލިބުނީ މީގެ ފަސް އަހަރު ކުރީން ބޭއްވުނު އިންތިޚާބެއްގައި، އެއިރު ރައްޔިތުންގެ ވިންދު ހުރި ގޮތުގެ މަތީންނެވެ. މީގެ ދެ މަސް ކުރީން އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެ ޕާޓީއަށް ބުނީ ނޫނެކޭއެވެ. އެ އިންތިޚާބުގައި ރައްޔިތުން ވަރަށް ސާފުކޮށް ބުނެދިނީ، ފާއިތު ވި ފަސް އަހަރު ރައްޔިތުންގެ މަޖިލިހުގެ ސުޕަރމެޖޯރިޓީ އާއި ރައީސުލްޖުމްހޫރިއްޔާކަމާ އެކު، ދައުލަތުގެ ދެ ބާރު ކޮންޓްރޯލް ކޮށްގެން އެމްޑީޕީން ކުރި ވެރިކަމާ މެދު ރައްޔިތުން ކަނޑައެޅިގެން ނުރުހޭ ވާހަކައެވެ. އެހެންކަމުން، އެމްޑީޕީ ވެރިކަމުން ދުރުކޮށް، ވާދަވެރި އަނެއް ޕާޓީ ވެރިކަމަށް ގެންނާން ރައްޔިތުން ނިންމީއެވެ. އެ ނިންމުން އުނދުނުން ނަގައި އަދި ހޫނު ނުފިލަނީސް، ރައްޔިތުންގެ އެ ޑިމޮކްރެޓިކް ނިންމުން ކުނިގޮނޑަށް އެއްލައިލާން އެމްޑީޕީއަށް ސިޔާސީ އަދި އަޚްލާޤީ ޝަރްޢިއްޔަތު އޮންނާނީ ކޮން ހަމަޔަކުން، ކޮން ގޮތަކުން، ކޮން ފަދަޔަކުން ބާވައެވެ!
3. ތިންވަނަ ކަމަކަށް، އެމްޑީޕީގެ ސުޕަރމެޖޯރިޓީއެއް އޮވެ، އެ ޕާޓީގެ ކައުންސިލެއްގެ ގޮތުގައި ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލިހަކީ އަޣްލަބިއްޔަތީ ޒުލްމުވެރިކަމުގެ (majoritarian tyranny) އެތައް ޢަމަލެއް ހިންގައި، ޤާނޫނުއަސާސީ އެތައް ފަހަރަކު މުގުރައިލައި، ދިވެހި ޤައުމުގެ މަޞްލަޙަތުތަކާއި ޤައުމިއްޔަތަށް ފައުޅުކަން ބޮޑު ގޮތެއްގައި ޚިޔާނާތްތެރި ވެ، ދިވެހި ޤައުމުގެ އެންމެ މުހިއްމު ޤައުމީ ބިންގާ ކަމުގައި ވާ މާތް ވެގެންވާ އިސްލާމް ދީނަށް ނުހަނު ބޮޑަށް އިހާނެތިކޮށް ހިތައި، ރައްޔިތުންގެ މަޞްލަޙަތަށް ނުވިސްނައި އަމިއްލަ ޕާޓީއަށާއި އަމިއްލަ ޒާތީ ފައިދާތަކަށް ތަކުރާރުކޮށް މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ ސިޔާސީ ތާއީދު މުޅީން ގެއްލިފައިވާ މަޖިލިހެކެވެ. ރައްޔިތުން އެ މަޖިލިހަކަށް އިތުބާރު ނުކުރާ މަޖިލިހެކެވެ.
މަދު މިސާލުތަކެއް ބަޔާން ކުރަންޏާ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވައިލައްވައި، ރައްޔިތުންގެ އަޣްލަބިއްޔަތު އެކަމާ ދެކޮޅަށް އަޑު އުފުލައި ޝަކުވާތައް ކުރަމުން ދިޔަ އިރު މަޖިލިސް އޮތީ އެކަން ދިފާޢު ކޮށްގެނެވެ. އެ ޙާލަތުގައި އިބްރާހީމް މުޙައްމަދު ޞާލިޙުގެ މައްޗަށް ހިންގާން ޖެހޭ ޢަޒުލު ކުރުމުގެ އިޖުރާތުގެ ވާހަކަ ވެސް ނުދައްކައި ހިމޭނުންނެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު ޤާނޫނުއަސާސީއާ ޚިލާފަށް ޢަސްކަރީ ޤައިދެއްގައި ފޮރުއްވަވައިގެން އުޅުއްވި މައްސަލަ އާއި، ޖަލު ޙުކުމެއްގައި ހުންނަވައި ޢަދުލުއިންޞާފަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި އެތައް ދުވަހަކު އުޅުއްވައި ދިވެހި ދައުލަތުގެ ޤާނޫނީ ވެރިކަމަށް ގޮން ޖެއްސެވި މައްސަލަ އޮތް ގޮތަށް އޮއްވައި، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ސުޕަރމެޖޯރިޓީގެ ބާރުގައި އޭނާ މަޖިލިހުގެ ރައީސްކަމަށް ހޮވައިފައި ވެއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޤާނޫނުއަސާސީއާ މުޅީން ޚިލާފަށް ރާއްޖޭގައި އިންޑިއާގެ ޢަސްކަރީ ބާރުތައް ރުކުރުވައިލައްވައިގެން އުޅުއްވުމުން، އޭނާ ޢަޒުލު ކުރާން ޖެހޭ އިރު މަޖިލިހުން އެ ކަމުގައި ވެސް އެއްވެސް ޒިންމާއެއް އަދައެއްނުކުރެއެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު، މަޖިލިހުން ވަނީ ދިވެހި ދުސްތޫރުން ޤާއިމު ކޮށްފައި ވާ މިނިވަން ފަނޑިޔާރުގެ ސުންނާފަތި ކޮށް، ޣައިރުދުސްތޫރީ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކި ކޮށް، ސުޕްރީމް ކޯޓުގެ ޙައިޘިއްޔަތާއި ބާރަށް އަރައިގަނެ އެ ކޯޓުގެ ޙުރުމަތް ކަނޑައި، ޣައިރުދުސްތޫރީ ކޮށް ފަނޑިޔާރުން ވަކި ކޮށްގެން ސުޕްރީމް ކޯޓުން ގަދަބާރުން ހުސްކުރި މަޤާމުތަކަށް ޤާބިލު ނޫން އެތައް ފަނޑިޔާރުންނެއް އެ ކޯޓަށް ޢައްޔަން ކޮށް، ފަނޑިޔާރުގޭގެ އިދާރީ ނިޒާމު ފަނޑިޔާރުގެއިން ބޭރު ކޮށް މަޖިލިހުގެ ސިޔާސީ ބާރުގެ ދަށަށް ގެންގޮސް، މިނިވަން ފަނޑިޔާރުގެ މުޅީން ހަލާކު ކޮށް ދުސްތޫރުގެ ބާރު ކަނޑުވައިލައިފައެވެ. އަދި ޤާނޫނުއަސާސީން ޤާއިމު ކުރި ރަޤާބާ ޤަޟާއިއްޔާ (judicial review) ގެ މުޅި ނިޒާމު ހަލާކު ކޮށްފައެވެ. ޤައުމަށް އިންތިހާ ދަރަޖައަށް ގެއްލުން ހުރި ގޮތެއްގައި، ސަރުކާރުން ތަނެއްދޮރެއް ނުބަލައި ލޯނު ނަގައި ޤައުމު ދަރުވައިލައި، ދައުލަތުގެ ޚަރަދުތައް ނާޖާއިޒު ގޮތުގައި ކުރުމަށް ޓަކައި ފައިސާ ޗާޕު ކުރާން ހުއްދަ ދީފައި ވެއެވެ. ޤައުމު އިޤްތިޞާދީ ގޮތުން ނުހަނު ނާޒުކު ފައްތަރެއްގައި އޮއްވައި، ރައްޔިތުންގެ އެދުންތަކާއި ރުހުމާ މުޅީން ޚިލާފަށް، އަމިއްލައަށް ނުހައްޤު ގޮތުގައި މުސާރަ ބޮޑު ކުރީ އިއްޔެ ނޫން އިހަށް ދުވަހުއެވެ. މި ހުރިހައި ކަންތައްތަކަކާ އެކު، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ނިތްކުރީގައި ޖެހިފައިވާ
ކޮލަމް
ކޮލަމް
ކޮލަމް
ކޮލަމް