ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް އަލުން ނުކުންނަވަން ވިސްނަވާފާނެ ކަމަށް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައި ނުވާ ބައެއް ކޮމިޓީތައް ފާސްކުރަން މަޖުބޫރުވެ، އެކަމަށް އޭއެފްސީ އާއި ފީފާއިން އެންގުމުން މިއަދު ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިފައެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ކޮންގްރެސްގެ ކޯރަމް ފުރަތަމަ ހަމަވެފައެއް ނުވެއެވެ. ކޮންގްރެސްގެ ކޯރަމަކީ 13 ނަމަވެސް ހާޒިރުވީ ނުވަ ކްލަބަކުންނެވެ.
އެ ކޮންގްރެސް ކޯރަމް ހަމަނުވެ، 15 މިނެޓް ފަހުން ނިންމާލުމަށްފަހު އަލުން ދެވަނަ ޖަލްސާއެއް ބޭއްވީ ކޯރަމް ހަމަނުކޮށެވެ. އެއީ 24 ގަޑިއިރުނުވާތީ އަލުން އެ ކޮންގްރެސް ބާއްވަން އެފްއޭއެމްއަށް ބާރު ލިބޭތީ އަމަލުކުރި ގޮތެއް ކަމަށް އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވިއެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 24 ވަނަ މާއްދާގެ ދޭއްގައި ބުނެފައިވަނީ ކޮންގްރެސްގެ ކޯރަމް ހަމަނުވާ ނަމަ ހަމަ އެ އެޖެންޑާ އާއެކު 24 ގަޑިއިރު ތެރޭގައި ދެވަނަ ކޮންގްރެސްއެއް ބޭއްވޭނެ ކަމަށެވެ. ހަމަ އެ މާއްދާގެ ތިނެއްގައި ބުނެފައި ވަނީ، އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރުމަށާއި މެންބަރުން ވަކިކުރުން އަދި އެފްއޭއެމް އުވާލުމުގެ މައްސަލަ ކޮންގްރެސްގެ އެޖެންޑާގައި ނުހިމެނޭނެ ނަމަ، ދެވަނަ ޖަލްސާއެއްގައި ކޯރަމް ކަނޑައެޅިފައިނުވާ ކަމަށެވެ.
މިއަދުގެ ކޮންގްރެސްއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ހާލަތު ބަދަލުކުރަން ބޭނުންވާ ކަމަށާއި މަސައްކަތް މި ކުރަނީ އެކަމަށް ކަމަށެވެ.
"ހާލަތު ބަދަލުކުރަން މި މަސައްކަތް ކުރަނީ. ހާލަތު ބަދަލުކުރަން މި ކޮންގްރެސް ބޭއްވީވެސް. އަޅުގަނޑުމެން ސަރުކާރާއި ކްލަބުތަކާއި ގުޅިގެން ހާލަތު ރަނގަޅުކުރަން މި މަސައްކަތް ކުރަނީ. އަޅުގަނޑުގެ އުންމީދަކީވެސް މިހާރަށްވުރެ ހާލަތު ރަނގަޅު ކުރަން،" ބައްސާމް ވިދާޅުވިއެވެ.
އަލުން އެފްއޭގެ ރައީސް ކަމަށް އައިސްދާނެތޯ ސުވާލުކުރުމުން ބައްސާމް ވިދާޅުވީ އަދި ސްޓޭންޑަކީ ކުރިން ނެރުނު ބަޔާނުގައިވާ "ކުރިމަތި ނުލައްވާ" ސްޓޭންޑް ނަމަވެސް، އެ ވިސްނުން ބަދަލުވެދާނެ ކަމަށެވެ.
"ފުޓުބޯޅައިގެ ފަހުން ކުރަން ވަކިކަމެއް އަދި ނުވިސްނަން. އަދި ފުޓުބޯޅައިން އަޅުގަނޑު ދުރަކަށް ނުވެސްދާނެ. އަޅުގަނޑަކީ އުފަންވީއްސުރެ ފުޓުބޯޅައިގެ ތެރޭގައި އުޅެމުންދާ ފަރާތެއް. އެހެންވީމަ އަޅުގަނޑު މި ވަގުތު މި ވިސްނަނީ އެފްއޭއެމްގެ އިންތިހާބާ ހަމައަށް ކަންކަން ރަނގަޅު ކޮށްގެން ދެވޭތޯ. މި ވަގުތު މި ވިސްނަނީ އެފްއޭއެމްގެ ކަންކަމަށް. އަޅުގަނޑު ކަންކަން ކުރާނެ ގޮތެއް އަދި ނުވެސް ވިސްނަން،" ބައްސާމް މިއަދު ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ކުރިން ކުރިމަތި ނުލައްވަން ވިސްނެވީ އެއީ 31 ޖެނުއަރީގައި ބާއްވަން އޮތް އިންތިހާބަށް ކަމަށާއި މިހާރު ހާލަތު ބަދަލުވުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ވަކި ގޮތެއް ނުނިންމަވަމާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައްސާމް އެފްއޭއެމްގައި ދެވަނަ ދައުރެއް ފުރުއްވަމުންދާ އިރު، އޭނާގެ މައްޗަށް ޕީޖީން ވަނީ ދައުވާ ކުރަންވެސް ފޮނުވާފައެވެ. އެއީ ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތުގައެވެ. ބައްސާމްގެ ފަރާތުން ޕީޖީން ބައެއް ހެކިތައް ހޯދައި، އޭނާއަށް ދައުވާ ކޮށްފައިވާ އިރު، ފުލުހުން އަދިވެސް ދަނީ އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް