ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްސަލަތަކުގެ ވާހަކަ ވަރަށް ގިނަ ފަހަރަށް މިހާރު ތަކުރާރު ކުރެވިއްޖެއެވެ. އަސާސީ ގަވާއިދުން ބޭރުގައި އެތައް ކަމެއްވެސް ހިންގައިފިއެވެ. މުޅި އެސޯސިއޭޝަން ހިނގަމުން ދިޔައީ މިސްރާބު ގެއްލި، ފުޓުބޯޅައިގެ އަސާސްތަކާ ދުރު ވިސްނުމެއްގައެވެ. އެކަމުގެ ހިތި ނަތީޖާ މިއަދު ފުޓުބޯޅައިގެ މަންޒަރުން ސާފުވެއެވެ. ދަނޑުމަތީގައި ކުޅިވަރުގެ އަހުލާގު ގެއްލުމާއި، ކްލަބުތައް، ކްލަބުތަކުގެ ގޮތުގައި ނުހިނގުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މަންޒަރު ކިލަނބުވެ، ފުޓުބޯޅަ ހަލާކުވެއްޖެއެވެ.

އެފްއޭއެމްއިން އާންމު ޖަލްސާތައް ބާއްވައި، މީޑިއާއަށް ސިއްރުން އަބަދުވެސް ކަންކޮށް ނިންމާލައެވެ. އެއީ ފީފާއާއި އޭއެފްސީގެ ފަންޑު ހޯދުމަށެވެ. އިހުލާސްތެރިކޮށް އެކަން ކޮށްފައި ނެތްކަން ދޭހަވާ ސަބަބުތައް ބައިވަރެވެ. އިންތިހާބެއް އިއުލާނުކޮށް، އިންތިހާބަކަށް މަސައްކަތް ކުރި އިރު، އެޕީލް ކޮމިޓީއެއް، އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް، އަދި އެހެން އެއްވެސް ކޮމިޓީއެއްވެސް 2022 ވަނަ އަހަރު ބޭއްވި ކޮންގުރެހަކުން ފާސްކޮށްފައެއް ނެތެވެ.

މަދު ކްލަބުތަކަކަށް ދޭ ފުރުސަތުގައި ބާއްވާ ކޮންގްރެސްގެ ނަތީޖާ ގޯސްކަން އެހިސާބުން ސާފުވެއެވެ. ކޮމިޓީތައް ނަގަން އެފްއޭއެމްއަށް ޖެހުނީ އެކްސްޓްރާ އޯޑިނަރީ ކޮންގުރެހެއް ބާއްވާށެވެ. އެއީ އަދި ކުޑަ މިންވަރެކެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ކުރި އިރު، އެތިކަލީ އެކަން ގޯސްވެގެން ބަލައި، އެފްއޭއިން އޭނާ ދުރަށް ޖެއްސުމަށްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެއީވެސް ކޮމިޓީތަކުގެ އިހުމާލެވެ.

އާންމު ފުޓުބޯޅައިގެ މިންގަނޑުން ބަލާއިރު، އަތޮޅު ތެރޭގައި، ރަށްރަށުން ބާއްވާ މުބާރާތްތަކުގައިވެސް ޑިސިޕްލިނަރީ ކޮމިޓީއެއް އޮވެއެވެ. އެހެން ނަމަވެސް، އެފްއޭއެމްގައި ފާސްކޮށްފައި އޮތް ޑިސިޕްލިނަރީ ކޮމިޓީއެއް ނެތި އެތައް މުބާރާތެއް ބާއްވައިފިއެވެ. މައްސަލަ ދިމާވުމުން، މައްސަލަ ބަލަން އޮތީ މުބާރާތުގެ ކޮމިޓީއެވެ. ގައުމީ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި އެ ހާލަތު އޮތުމުން އެއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެންމެފަހުން ޑިސިޕްލިނަރީ ކޮމިޓީއަކުން ބަލަން ޖެހޭ މައްސަލައެއް ހިނގީ އިއްޔެއެވެ. އެއީ ދެވަނަ ޑިވިޝަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ސްޕޯޓްސް ކްލަބު ވާދަކުރި މެޗުގައެވެ.

އެ މެޗަށް ގޮތެއް ނިންމަން އެފްއޭއެމްއިން ބާއްވަނީ އިމަޖެންސީ ކޮމިޓީގެ މީޓީންއެކެވެ. މުބާރާތުގެ އިމަޖެންސީ ކޮމިޓީގެ މީޓީންއެކެވެ.

"ޑިސިޕްލިނަރީ ކޮމިޓީ މީގެ ކުރިން ކޮންގުރެހަކުން ފާސްކުރި ކަމެއް ޔަގީންކޮށް ބުނާކަށް ނޭނގެ. އެކްސްޓްރާ އޯޑިނަރީ ކޮންގްރެހުގައި އެޕީލް ކޮމިޓީއާއެކު ޑިސިޕްލިނަރީ ކޮމިޓީވެސް އިންތިހާބު ކުރެވޭނެ،" ކުރީގެ ޔައުމިއްޔާތަކުގެ މައުލޫމާތު ފުރިހަމައަށް ލިބިފައި ނުވާކަން ފާހަގަކޮށް، މިހާރުގެ ސެކެރެޓަރީ ޖެނެރަލް، މުހައްމަދު ޖައުޝަން ޝަރީފް "ވަން ސްޕޯޓްސް" އަށް ވިދާޅުވިއެވެ.

ފުޓުބޯޅައިގެ މައި އިދާރާގައި، ފުޓުބޯޅައިގެ ޑިސިޕްލިނަރީ ކަންކަން ބެލުމަށް ހާއްސަ ޑިސިޕްލިނަރީ ކޮމިޓީއެއް އޮތުމަކީ އަސާސީ ގަވާއިދު ލާޒިމުކުރާ ކަމެކެވެ. އަދި އާންމު އުސޫލަކުން ވިސްނާއިރު، ޑިސިޕްލިނަރީ ކޮމިޓީއެއް ނެތި މުޅި ރާއްޖޭގައި މުބާރާތްތައް ބާއްވަން އެފްއޭއެމްއިން ނިންމާފައި އޮތުމަކީ ގަބޫލުވެސް ކުރަން ދަތިކަމެކެވެ.