ތޫނު އެއްޗަކުން ހަމަލާދީ ގދ. ވާދޫ ނަޝޭމަން އަލީ ޖިއާން އަހުމަދަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި މައްސަލައިގައި ތިނަދޫ ލަވްނެސްޓް ނަޖާބަތު ލަތީފަށް ކުރި ދައުވާ ކުރިއަށްނުގެންދެވޭނެ ކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.
މިއީ 21 މެއި 2023ގައި ހިނގި ކަމެކެވެ. ހަމަ އެ ދުވަހު ފުލުހުން ނަޖާބަތު ހައްޔަރު ކުރިއެވެ. އަދި ތަހުގީގަށް ބަންދުކޮށް ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރު ކުރިއެވެ.
ނަމަވެސް ހަތަރެއް ޖުލައި 2023ގައި ދައުލަތުން އޭނާގެ މައްޗަށް ކުރީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާގެ އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ 15 ދުވަހުގެ މުއްދަތު ފާއިތުވި ފަހުން އެ މާއްދާއާ ހިލާފަށް، ދައުވާކުރުމަށް ބޭނުންވާ އެކަށީގެންވާ ހެކި ހުރެ، އެ މުއްދަތުގައި ދައުވާކޮށްފައި ނުވާތީ މި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޖާބަތުގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ.
އެ ހުށަހަޅުމަށް ބަލައި އެ ދައުވާ ހުށަހެޅީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަމަށް ކަނޑައަޅައި، އެ މައްސަލައަކީ މައުލޫއީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅިއެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، އިބުތިދާއީ މަރުހަލާގައި ނަޖާބަތު ލަތީފްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އެ މައްސަލައަކީ މައުލޫއީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި، ތިނަދޫ ކޯޓުން ނިންމި ނިންމުން ބާތިލުކުރާ ކަމަށެވެ. އަދި އެ ގަޒިއްޔާއަކީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ދައުވާ އުފުލާފައިވާ މައްސަލައެއް ކަމަށް ކަނޑައަޅައި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާ އޭރު އޮތް ހިސާބުން ފަށައިގެން ކުރިއަށް ގެންދިއުމަށް ތިނަދޫ ކޯޓަށް އަންގާ ކަމަށްވެސް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު