އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން ވުލްވްސް އަތްދަށުވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ވެސްޓް ހަމް ކައިރިން ފުރިހަމަ މޮޅެއް ހޯދައިފިއެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ވުލްވްސް ކައިރިން ބަލިވީ 4-2ގެ ނަތީޖާއަކުންނެވެ. ޗެލްސީއަށް އެންމެފަހުން ލީގުގައި މޮޅެއް ހޯދުނީ ޖެނުއަރީ 13 ވަނަ ދުވަހު ފުލްހަމް ކައިރިންނެވެ. އޭގެ ފަހުން ރޭ މެޗުގެ ކުރިން ލިވަޕޫލް ކައިރިންވެސް ބޮޑު ބައްޔެއް ވެފައި އޮތްއިރު، ރޭގެ ބައްޔާއެކު އެ ޓީމު ވަނީ ތާވަލުގެ 11 ވަނައަށް ސޮއްސާލައިފައެވެ.

އެއީ ވުލްވްސް 10 ވަނައަށް ޖެހިލުމުންނެވެ. ވުލްވްސްއަށް 23 މެޗުން 32 ޕޮއިންޓް ލިބިފައިވާ އިރު، އެ އަދަދަށް މެޗު ކުޅެގެން ޗެލްސީއަށް ލިބިފައި ވަނީ 31 ޕޮއިންޓެވެ.

މިރޭގެ މެޗު ޗެލްސީން ރަނގަޅަށް ފަށައި، ކޯލް ޕާމާގެ ގޯލުން ލީޑު ނެގި ނަމަވެސް، މާ ގިނައިރެއް ނުވެ، ވުލްވްސް ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖެހީ މެޗުގައި ހެޓްރިކް ހެދި މަތެއަސް ކޫނިއާއެވެ.

ހާފު ނިމުމުގެ ކުރިން އެލެކް ޑިސާސީ އަތުން ބައިކޮޅަށް ވަން ގޯލާއެކު ވުލްވްސް ފަހަތުން އަރައި ލީޑު ނަގައި، ދެވަނަ ހާފަށް ނުކުމެ، ކޫނިއާ ދެވަނަ ގޯލުން ލީޑު ފުޅާވެސް ކުރިއެވެ. އޭގެ ފަހުން 82 ވަނަ މިނެޓުގައި އޭނާ ހެޓްރިކް ފުރިހަމަ ކުރީ ޕެނަލްޓީ އެއްގައެވެ.

ޗެލްސީން ފަހަތުން އަރައި ނަތީޖާ އެއްވަރުކުރަން ކުރި މަސައްކަތުގައި ތިއާގޯ ސިލްވާގެ ގޯލެއް ފެނުނު ނަމަވެސް އެ ޓީމަށް މެޗުން ޕޮއިންޓެއް ނުހޯދުނެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހަމް ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑުން މޮޅެއް ކުޅެ، ރަނގަޅު ޓެމްޕޯއެއް ހިފަހައްޓާފައިވާ އިރު، އެ ޓީމަށް ލީޑު ނަގައި ދިނީ ރަސްމުސް ހޮއިލުންޑެވެ.

އެ ގޯލާއެކު ފުރަތަމަ ހާފު ނިންމާލި ޔުނައިޓެޑުން ދެވަނަ ހާފަށް ނުކުމެ، ތިން މިނެޓް ހިނގިތަނުން ލީޑު ފުޅާކުރިއެވެ. އެ ގޯލު ޖެހީ މިހާތަނަށް ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަލެހާންޑްރޯ ގާނާޗޯއެވެ. ގާނާޗޯގެ އެ ގޯލާއެކު ހަމަޖެހުމެއް ހޯދައި، ޔުނައިޓެޑުން ތިންވަނަ ގޯލަކާއެކު ތިން ޕޮއިންޓް ޔަގީންކުރީ 84 ވަނަ މިނެޓުގައެވެ.

އެ ގޯލުވެސް ޖެހީ ގާނާޗޯއެވެ. ޔުނައިޓެޑް މިވަގުތު ހަވަނައިގައި އޮތީ 23 މެޗުން 38 ޕޮއިންޓާއެކިގައެވެ.