ރާއްޖޭގެ އެކްސްލޫސިވް އިކޮނޮމިކް ޒޯން، އީއީޒެޑްގެ ތެރެއަށް ހުއްދަ ނެތި އެއްވެސް ގައުމަކަށް ވަދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ މިއަދު ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވޯޓުލައްވަން ޖަމާލުއްދީން ސުކޫލަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، އެއީ ބައިނަލް އަގުވާމީ ގަވާއިދުތަކާވެސް ހިލާފު ކަމެއް ކަމަށާއި ވީހާވެސް އަވަހަށް އެކަން ތަހުގީގުކޮށް އެކަން ހިނގައިދިޔަ ގޮތް އާންމުކުރުމަށް ގޮވާލައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އެ ވިދަޅުވާ ގޮތަށް އެ ގައުމަކީ އިންޑިއާ ކަަށް ވަންޏާ އެ ފަރާތްތަކާވެސް ޝަކުވާ ހުށަހަޅައި، ކަން ހިނގާދިޔަ ގޮތް ބަލައި، ދެވަނަ ފަހަރަށް މިކަހަލަ ކަމެއް ދިމާވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އޭގެ އިތުރުން، އެކަން އެގޮތަށް ހިނގާފައި އޮތް ނަމަ، އެއީ ވަރަށް ގޯސްކޮށް ހިނގި ކަމެއް ކަމަށާއި އެއްވެސް ގައުމަކުން އެހެން ގައުމެއްގެ ސަރަހައްދުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ސޯލިހު އެހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިބި މަސްދޯނިތަކަކަށް އިންޑިއާގެ ކޯސްޓް ގާޑުން އަރައި ފާސްކުރި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިއާގެ ކޯސްޓް ގާޑުން ހަތިޔާރާ އެކު އަރައި ފާސްކޮށްފައިވާ އިރު، ބުރާސްފަތި ދުވަހުގެ ރޭ ވެސް ރާއްޖޭގެ މަސްދޯންޏަކަށް އަރައި ފާސްކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ބުދަ ދުވަހު އެ ދޯނިތަކަށް ބަލައި ފާސްކުރި ގަޑީގައި ނަގާފައިވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން، ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރައި އިންޑިއާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ދޭން އިންޑިއާ ސަރުކާރަށް، ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު