ދިވެހި މަސްދޯނިތަކަށް އިންޑިޔާގެ ކޯސްޓްގާޑް ސިފައިން އަރަމުންދާ މައްސަލައިގައި ދިވެހި ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިމިވަނީ މިދިޔަ ބުދަ ދުވަހު އަދި ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނިތަކަކަށް އިންޑިއާގެ ކޯސްޓުގާޑުން ހަތިޔާރާއެކު އަރައި ބަލައި ފާސްކޮށްފައިވާތީއެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި "މާހޯރަ3" ދޯންޏާއެކު ދިވެހި މަސްވެރިންގެ ތިން ދޯންޏަކަށް އެމީހުން އަރާފައިވެއެވެ. ޑިފެންސް މިނިސްޓްރީން ވަނީ އެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓުގާޑު ޝިފް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށް ބުނެފައެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ، އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނިތަކަކަށް ބޯޑްކޮށްފައިވުމާ ގުޅިގެން ދިވެހި ސަރުކާރުންނާއި އަދި ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެ ފިޔަވަޅު ތަކުގެ ތެރެއިން، ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލް އަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލް ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީއެފްއިން ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް ކެނޑިނޭޅި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުންގެންދާ މަސައްކަތް ސާބިތުކަމާއެކު ކުރިއަށް ގެންދިއުމަށް ވެސް ކޯސްޓްގާޑުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު