ގަވާއިދާހިލާފަށް އުޅޭ ބިދޭސީއަކު، މަސްތުވާތަކެތި ވިއްކި މައްސަލައެއްގައި ހައްޔަރުކޮށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެއީ އޭނާ ރަހީނު ކުރުމަށްފަހު، ބަޔަކު އޭނާއަށް މަޖުބޫރުކުރުވައިގެން ކުރުވި ކަމެއް އެ ބިދޭސީ މީހާ ބުނެފިއެވެ.
ޑްރަގް ވިއްކުމާއި ގަތުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ބިއްދުތު ހޮސައިން (27އ) އެވެ. ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގައި ވާހަކަދައްކަމުން ބިއްދުތު ހޮސައިން ބުނީ އޭނާ ޑްރަގު ގަނެ ޑްރަގު ވިއްކާފައިވަނީ ގްރޫޕަކުން އޭނާ ރަހީނުކޮށް މަޖުބޫރުކޮށްގެން ކަމަށެވެ. އޭނާ ބުނީ ހާދިސާ ހިނގި ތަނުގައި ބަޔަކު އޭނާ ލައްވައި ކުދި ޕެކެޓުތަކެއް އަދި ސެލޯފިން ކުދިކޮށް ކޮށަން ބަޔަކު މަޖުބޫރުކޮށްފައިވާ ކަމަށެވެ. ހާދިސާ ހިނގިތަނުން މަސްތުވާއެއްޗެއް ނުދެކޭ ކަމަށާއި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށް ބިއްދުތު ހޮސައިން ބުންޏެވެ.
ނަމަވެސް ދައުލަތުން ވިދާޅުވީ ބިއްދުތު ހޮސައިންގެ އަތުން ހާދިސާ ހިނގިތަނުގެ ތަޅުދަނޑިއެއް ފެނުނު ކަމަށާއި އެ ތަޅުދަނޑިން އެތަން ހުޅުވާފައިވާ ކަމަށެވެ. އެހެންކަމުން ބިއްދުތު ހޮސައިންއަށް ބަޔަކު މަޖުބޫރުކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ބިއްދުތު ހޮސައިންއަކީ 2017 ވަނަ އަހަރުން ގަވާއިދާހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ. މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރެސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.
ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރުމަށްފަހު ގާޒީ އިބްރާހީމް ޒިހުނީ ވިދާޅުވީ ބިއްދުތު ހޮސައިންއާ ދެކޮޅަށް އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އޭނާއާ ދެކޮޅަށް ވަނީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައި ކަމަށެވެ. އަދި ބިއްދުތު ހޮސައިން ހައްޔަރުކުރި އިރު، އޭނާގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލުން އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީ އަދި ބެންޒޯއަށް ޕޮޒިޓިވްވެފައިވާކަން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ސީނުން ފެނުނު މަސްތުވާތަކެތީގައި ހުރި ފިންގާ ޕްރިންޓާއި ބިއްދުތު ހޮސައިންގެ ފިންގާ ޕްރިންޓު ދިމާވާކަން އެނގޭ ކަމަށެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބިއްދުތު ހޮސައިން 30 ދުވަހަށް ބަންދުކުރަން އަމުރުކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު