ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެ މަނިކުފާނާ ސުވާލު ކުރަން ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް އަންގަވައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެ ހަމަލާ ކުށްވެރިކޮށް ޝަމީމަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިމޮކްރެޓިކް މުޖުތަމައެއްގައި ސިޔާސީ މަގުސަދެއްގައި ހިންގާ އަނިޔާވެރި އަމަލުތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް ވަނީ ގޮވާލައްވައިފައެވެ.

ރައީސް ސޯލިހުގެ އެ ޕޯސްޓަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމީމަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ހާއްސަ އިސްކަމެއް ދީގެން ކަމަށާއި ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް ވިދާޅުވެފައިވުމަކީ އެ މަނިކުފާނަށް އެ ހަމަލާގެ މޯޓިވް އާއި ހަމަލާ ދިނުމުގެ ފަހަތުގައި ތިބި މީހުންގެ މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށް ބެލެވޭނެ ކަމަކަށްވާތީ، އެ މައުލޫމާތުތައް ފުލުހުންނާ ވަގުތުން ހިއްސާ ކުރެއްވުމަށް ކުރީގެ ރައީސްގެ އަރިހުން އެދެން. އަދި ތަހުގީގުކުރާ ފަރާތްތަކުން ކުރީގެ ރައީސްގެ އޮފީހާ ގުޅިގެން އެ މަސައްކަތް ކުރެއްވުމަށް ވާނީ ދަންނަވާފައި،" އިހުސާން ވިދާޅުވެފައިވެއެވެ.