ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް، ހާއްސަ ޖަލްސާއެއް މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކޮށްފިއެވެ.
އެފްއޭއެމްގެ އިންތިހާބީ މަސައްކަތްތައް ހުއްޓާލަން ފީފާއާއި އޭއެފްސީން އެންގި އެންގުމާ އެއްގޮތަށް، މިހާތަނަށް އިންތިހާބަށް ނިންމާފައިވާ ހުރިހާ ނިންމުންތަކެއް ކެންސަލްކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެފްއޭއެމުން ނިންމައިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ފީފާއާއި އޭއެފްސީން މިދިޔަމަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޖެނުއަރީ 31ގައި ބާއްވަން މަސައްކަތް ކުރި އިންތިހާބުގެ ހުރިހާ މަސައްކަތެއް އަލުން ފަށައި، ސައްހަ ގޮތެއްގައި އަސާސީ ގަވާއިދާ އެއްގޮތަށް ގެންދިއުމަށެވެ. އެގޮތުން ކޮންގްރެހެއް ބާއްވައި އިލެކްޓޯރިއަލް ކޮމެޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އަލުން އިންތިހާބު ކުރުމަށް އަންގާފައިވެއެވެ.
އެފަދަ އެންގުމެއް އަންގާފައި ވަނީ ވެލެންސިއާގެ ތާއީދު ސިޓީއާއެކު އިންތިހާބުގައި ވާދަކުރާ އެއް ކެނޑިޑޭޓް، ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ގެއްލި އޭނާ ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލަން އެފްއޭއެމްގެ އެޕީލް ކޮމިޓީއެއް ނެތުމުން، އެ މައްސަލައިގައެވެ.
ތޯރިގުގެ އިތުރުން އިންތިހާބަށް ކުރިމަތިލީ އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމް އެވެ.
އެފްއޭއެމްއިން މެންބަރު 17 ކްލަބަކަށް ހާއްސަ ސާކިއުލާއެއް މިއަދު ފޮނުވާފައިވާ އިރު، އެ ސާކިއުލާގައި ވަނީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މިމަހުގެ 8 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށާއި، އިލެކްޓޯރަލް ކޮމިޓީ، އިލެކްޓޯރަލް އެޕީލްސް ކޮމިޓީ، ޑިސިޕްލިނަރީ ކޮމިޓީ އަދި އެޕީލް ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކަށް މިމަހުގެ ތިންވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލައި ކަމަށެވެ.
އަދި އޮންލައިންކޮށް ޖަލްސާގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންގްރެސްގައި ބައިވެރިވެލައްވާ މަންދޫބުން ނަން ހުށަހަޅައި ފޯމު، މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފުރިހަމަ ކުރަންވެސް އެފްއޭއެމްއިން އެދިފައިވެއެވެ. މިހާލަތުގައި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް އޮންލައިންކޮށް ބާއްވާ ސަބަބެއް އެފްއޭއެމްއިން ހާމަކޮށްފައެއް ނުވެއެވެ.
އެފްއޭއެމްގެ އިންތިހާބީ ކަންކަންވެސް ގޯސްކޮށް ގޮސްފައިވާ އިރު، އެ އިދާރާގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ މިއަދު ވަނީ ކޮށްފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް