ގަތަރުގައި ކުރިއަށްދާ އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭއެފްސީ އޭޝިއަން ކަޕްގެ ގަދަ 16 ގެ ފަހު ދެމެޗު ކާމިޔާބުކޮށް، އިރާނާއި ޖަޕާނުން ކުއާޓާ ފައިނަލް ޔަގީންކޮށްފިއެވެ.

މިހާތަނަށް ފޯރިގަދަ ކުޅުމެއް އޭޝިއަން ކަޕްގެ ގަދަ 16 ގައި ފެނިގެން ގޮސްފައިވާ އިރު، ޖަޕާނުން ކުއާޓާ ޔަގީންކުރީ އިއްޔެ ބަހްރެއިން ކައިރިން 3-1 އިން މޮޅުވެގެންނެވެ.

އަލް ތުމާމާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗު ޖަޕާނުން ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، ފުރަތަމަ ހާފުގައި އެޓީމުން ލީޑުވެސް ނެގިއެވެ. ރިޓްސޫ ޑޯން ޖެހި ގޯލުން ލީޑާއެކު އެޓީމުން ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ، މެޗުގެ 49 ވަނަ މިނެޓުގައި ޖަޕާނުން ލީޑު ފުޅާކުރިއެވެ. އެ ގޯލު ޖެހީ ލަލީގާގެ ރެއާލް ސޮސިއެދާދަށް ކުޅޭ ތަކެފޫސޯ ކޫބޯއެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޒިއޯން ސުޒުކީ އަތުން ބައިކޮޅަށް ވަން ގޯލަކުން ބަހްރައިނަށް ހިތްވަރު ލިބުނު ނަމަވެސް، މެޗު ނިމެންދަނިކޮށް އަޔާސޭ އުއޭޑާ ޖެހި ގޯލުން ޖަޕާން މޮޅު ޔަގީންކުރިއެވެ.

އިރާނުން ރޭ ސީރިއާ ޕެނަލްޓީގައި ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ. އަބްދުﷲ ބިން ހަލީފާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނު އިރުވެސް 1-1 އިން އެއްވަރުވެފައި އޮތް އިރު، އިރާނުން މެޗުގެ ފަހު ބައިގައި ހިފަހައްޓާލީ ކުޅުންތެރިޔަކު މަދުކޮށެވެ.

އެއީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ޕޯޓޯގެ ފޯވަޑް، މެހްދީ ތެރާމީއަށް 90 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ. މެޗުގައި އިރާނުން ޖެހި ފުރަތަމަ ގޯލު، 34 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ތެރާމީ ޖެހި އިރު، ދެވަނަ ހާފުގެ ފަހު ކޮޅާ ޖެހެންދެން އިރާނުން މެޗު ކޮންޓްރޯލް ކުރިއެވެ.

ސަރުދާރު އަޒުމޫނާއި ތެރާމީގެ ނުރައްކާ ފެނިގެން ދިޔަ ނަމަވެސް، އެޓީމަށް ދެވަނަ ގޯލެއް ޖަހަން އުނދަގޫވިއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސީރިއާއިން މެޗު އެއްވަރުކުރީވެސް ޕެނަލްޓީއަކުންނެވެ. އެއީ އޮމަރު ހްރިބިންއަށް އިރާން ގޯލްކީޕަރު އަލީރެޒާ ބެއިރަންވާންދު ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް، ހްރިބިން ކާމިޔާބުކޮށް ޖެހި ގޯލެކެވެ.

ޕެނަލްޓީގައި އިރާން ސަލާމަތްކޮށްދިނީ ކީޕަރު ބެއިރަންވާންދެވެ. އޭނާ ވަނީ ސީރިއާ ކެޕްޓަން ފަހަދު ޔޫސުފް ޖެހި ޕެނަލްޓީ މަތަކޮށްފައެވެ.