ގައުމީ ޓީމުގެ ކުޅުންތެރިންނަށް ސަޕޯޓަރުންގެ އެހީ ބޭނުންވާ ކަމަށާއި، ޓީމަށް އަލުން ހިތްވަރު ހޯދައިދީ، ފުޓުބޯޅައިގެ ހާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ސަޕޯޓަރުން އަބަދުވެސް ޓީމަށް ހިތްވަރު ދޭން ވާނެ ކަމަށް ރާއްޖޭގެ ކޯޗު، އިސްތަވަން އުރުބާނީ ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި މިއަދު ހަވީރު ޓިމޯ ލެސްޓޭ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ.

މިއަދުގެ މޮޅަކީ އެތައް ދުވަހެއް ފަހުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ހޯދި މޮޅެކެވެ. އެގޮތުން މިއަދުގެ ކުރިން ރާއްޖޭން އެންމެފަހުން އަމިއްލަ ގައުމުގައި މޮޅުވީ 2023 ވަނަ އަހަރު މާޗް 21 ވަނަ ދުވަހުއެވެ. އެއީ ލ. ގަމު ޒޯން ސްޓޭޑިއަމްގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެއީ ތިން އަހަރާއި 10 ވަރަކަށް ދުވަސް ކުރިންނެވެ.

އޭގެ ފަހުން ގައުމީ ދަނޑުގައި މެޗުތައް މަދުވެގެން ގޮސްފައިވާ އިރު، އެންމެފަހުން ކުޅެފައި ވަނީވެސް އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކެވެ. އޭގެ ތެރެއިން ތިން މެޗު ދާދިފަހުން ކުޅެފައިވާ އިރު، މިއަދުގެ މެޗަކީ ސަޕޯޓަރުންގެ އަދަދު ނިސްބަތުން މަދު މެޗެވެ.

އުރުބާނީ، 13 ވަރަކަށް އަހަރަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ އިރު، މިއަދުގެ މެޗުގައި އޮތް މާހައުލަކީ އޭނާއަށް އެހާ ފަސޭހަ މާހައުލަކަށް ނުވިއެވެ. ސަބަބަކީ ކުރިން ގައުމީ ޓީމު މެޗުތަކަށް ދަނޑު ފުރާލާފައި އޮތުމެވެ.

އުރުބާނީ ބުނީ މެޗުގެ ބޮޑުބައެއްގައި ރާއްޖެއަށް ކޮންޓްރޯލް ކޮށްގެން ކުޅެވުނު ނަމަވެސް، ދެވަނަ ހާފު ތެރެއިން ކޮންޓްރޯލް ގެއްލިގެން ދިޔަ ކަމަށެވެ. އެވަގުތު އިދިކޮޅު ޓީމުން ރާއްޖެއަށް އުނދަގޫތަކާ ކުރިމަތިކުރުވި ކަމަށާއި، އެ ހާލަތުން އަރައިގަނެ މޮޅެއް ހޯދުމަކީ މުހިއްމު ކަމެއް ކަމަށް އުރުބާނީ ބުންޏެވެ.

އެއަށްފަހު ދެން ފާހަގަކުރީ ސަޕޯޓަރުން ބޭނުންވާ ވާހަކައެވެ.

"އަހަންނަކީ ކުރިން ކުޅުންތެރިއެއް. އެ ތަޖުރިބާއާއެކު މި ބުނަނީ ކުޅުންތެރިންނަށް އެބަދުވެސް ޖެހޭނެ ހިތްވަރު ދޭން. އަބަދުވެސް އެ ކުޅުންތެރިން ބޭނުންވާނެ ސަޕޯޓް. އަހަންނަށްވެސް އެނގޭ މިދިޔަ ދެތިން އަހަރު ކަންތައްވެގެން ދިޔަ ގޮތް، އަދި ކުރިމަތިވި އުނދަގޫ ހާލަތުވެސް. އެއީ އޭރުގެ ހާލަތު، އެކަމަކު ނަތީޖާއަށް އަސަރުކުރާނެ ކަމެއް އެއީ ސަޕޯޓަރުންގެ ހިތްވަރު. މިސާލަކަށް މިއަދުގެ މެޗަށް މުޅި ދަނޑު، ރަތް ޖާޒީގައި ފުރިފައި އޮތްނަމަ، ކުޅުންތެރިންނަށް އަންނަ ވަރުބަލިކަމެއް އިހުސާސެއް ނުވާނެ. ހަނދާނެ ގޮތް ހުސްވެ، ހުއްޓިގެން ހުރެވޭ ވަގުތު ކުޅުންތެރިންނަށް ހިތްވަރު ހޯދޭނީ ސަޕޯޓަރުންގެ ފަރާތުން. އެއީ ސަޕޯޓަރުން ކުރަން ޖެހޭ ކަމެއް،" އުރުބާނީ ބުންޏެވެ.

ކުރިން ރާއްޖޭގައި ދެފަހަރު މަސައްކަތް ކޮށްފައިވާ ކޯޗު އުރުބާނީ ބުނީ ރާއްޖޭގެ ސަޕޯޓަރުންނަކީ ފުޓުބޯޅަ ރަނގަޅަށް ދަންނަ ބައެއް ކަމަށާއި، އެ ސަޕޯޓަރުންނަށް ނަތީޖާ އެކަނި ނުފުދޭނެކަން އެނގޭ ކަމަށެވެ. އަދި ސަޕޯޓަރުންނަށް ރަނގަޅު މެޗުތަކެއް ފެނި، އަނބުރާ ޓީމު ފަހަތަށް އަރާނެ މަގެއް ހޯދޭނެ ކަމަށްވެސް އުރުބާނީ ބުންޏެވެ.