އާޖެންޓީނާގެ ތަރި، ބާސެލޯނާގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ލިއޮނަލް މެސީ ގެންދަން ފުރަތަމަ ވެފައިވާ އެއްބަސްވުން ލިޔެ، ސޮއިކޮށްފައިވާ ޓިޝޫކޮޅު، ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.
އޭރު އުމުރުން 13 އަހަރުގެ މެސީ ބާސާއަށް ގެންދަން ޓިޝޫ ކޮޅެއްގައި، ބާސާގެ ޑިރެކްޓަރު ކާލްސް ރެޒަޗާއި ދެ އެޖެންޓެއް ސޮއިކޮށްފައި ވަނީ 2000 ވަނަ އަހަރުއެވެ. އެ ޓިޝޫ ކޮޅުގައި މެސީގެ ފަރާތުން ސޮއިކޮށްފައި ވަނީ ބާސާގެ ޓްރާންސްފާ އެޑްވައިޒަރެއް ކަމަށްވާ ޖޯސެފް މިނުއޭލާއާއި އެޖެންޓް ހޮރާސިއޯ ގަގިއޯލީއެވެ. ގަގިއޯލީއަކީ ބާސާއަށް މެސީ ގެންދަން ލަފާދިން އެޖެންޓެވެ.
ޓިޝޫގައި ސޮއިކުރެވުނު އެއްބަސްވުމަށްފަހު މެސީ ބާސާއަށް ދިޔައީ އޭގެ މަހެއް ފަހުންނެވެ. އުމުރުން 16 އަހަރުގައި މެސީ ބާސާ ސީނިއާ ޓީމަށް ކުޅެން ފަށާފައިވާ އިރު، އޭނާ އެ ކްލަބު ދޫކޮށް ދިޔައީ 778 މެޗުގައި ރެކޯޑު 672 ގޯލު ޖަހައިދީފައެވެ.
މިހާރު އުމުރުން 36 އަހަރުގެ މެސީ ވަނީ ބާސާއާއެކު 10 ލީގު ތަށި، ހަތަރު ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. އޭނާ 2021 ވަނަ އަހަރު ބާސާ ދޫކޮށްލީ ޕީއެސްޖީއަށެވެ. އޭގެފަހުން މެސީ މިހާރު ވޯލްޑް ކަޕަކކާއެކު އަށްވަނަ ބެލޮންޑިއޯއެއް ހޯދައި، ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ކެރިއަރު ނިންމާލަން މިސްރާބު ޖަހައިފައެވެ.
މެސީގެ ބައްޕަ ޖޯޖު މެސީގެ ހާޒިރުގައި ސޮއިކުރި އެ ޓިޝޫއަކީ، މެސީ ބާސާއަށް ގެންދަން ހުށަހެޅި ހުށަހެޅުމަށް ބާސާއިން ޖަވާބެއް ނުދީ ލަސްވުމާއެކު ދެ ފަރާތުން ބައްދަލުކޮށް، ބާސާއިން ދިން ޔަގީން ކަމަކަށް ސޮއިކުރި ޓިޝޫއެކެވެ.
ނޫ ކުލައިގެ ގަލަމަކުން ލިޔެފައިވާ ޓިޝޫ ކޮޅުގައި ވަނީ އެއްބަސްވެފައިވާ އަގަކަށް މެސީ ބާސާއަށް ގެންދަން، އެޖެންޓާއެކު އެއްބަސްވާ ކަމަށް ލިޔެފައެވެ. އެ ޓިޝޫ ނީލަން ކިޔަން ނިންމާފައި ވަނީ ބްރިޓިޝް އޮކްޝަން ހައުސްއެއް ކަމަށްވާ ބޮންހޭމްސްގައެވެ. އެއީ މާޗު މަހު އޮންނަ ނީލަމެއްގައެވެ.
ނީލަން ކިޔާ ފަރާތުން ބުނީ ޓިޝޫ ކޮޅަކީ މިހާތަނަށް އެ އޮކްޝަން ހައުސްއިން ނީލަން ކިޔާނެ އެންމެ ތަފާތު އައިޓަމް ކަމަށާއި، ނީލަން ފެށޭ އަގަކީ ތިން ލައްކަ ޕައުންޑް ކަމަށެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ