ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ އަތޮޅުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް، ކޮނޑޭއާއި ނިލަންދޫ އަދި ދެއްވަދޫއާއި ކަނޑުހުޅުދޫން ކާމިޔާބު ކޮށްފިއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގއ. އަތޮޅުން ނުވަ ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކުރަމުންދަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އެކެއްގައި ކޮނޑޭއިން ދެވަނަ މޮޅު ހޯދީ އެންމެފަހުގެ ޗެމްޕިއަން މާމެންދޫ ބަލިކޮށްގެނެވެ. ފޯރިގަދަކޮށް ދިޔަ މެޗުގައި ދެ ރަތް ކާޑެއްވެސް ފެނިގެން ގޮސްފައިޥާ އިރު، މާމެންދޫގެ އަޝްފާން އަހުމަދަށް އެ ރަތް ކާޑު ދެއްކީ ރެފްރީއަށް ބޭ އަދަބީ ބަހުން ވާހަކަ ދެއްކުމުންނެވެ.

ރޭގެ މެޗުގައި ކޮނޑޭގެ ހަމައެކަނި ގޯލު ޖަހައިދީ މެޗުން މޮޅު ކޮށްދިނީ އަހުމަދު އަނަސްއެވެ. އޭނާ ގޯލު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ.

ރޭ އެ ގްރޫޕްގައި ނިލަންދޫން ސެމީއާ ފިޔަވަޅެއް ގާތަށް ޖެހިލީ 3-2 އިން ދާންދޫ ބަލިކޮށްގެންނެވެ. މެޗުގައި ދާންދޫގެ ގޯލުތައް ހަސަން ސައީދާއި އަހުމަދު ހަސަން ޖެހި އިރު، ނިލަންދޫގެ ގޯލުތައް ޖެހީ އަބްދުﷲ ޒިހުނީއާއި މުހައްމަދު ޝާވިން ހުސައިން އަދި މުހައްމަދު ޒާހިލްއެވެ.

ގއ އަތޮޅު ގްރޫޕް ދޭއްގައި ދެއްވަދޫން ރޭ ދެވަނަ މޮޅެއް ހޯދީ 3-1 އިން ކޮލަމާފުށި ބަލިކޮށްގެންނެވެ. އެ މެޗުގައި ދެއްވަދޫގެ ގޯލުތައް ޖެހީ އަހުނަފް ރަޝީދާއި އަހުމަދު ރާހިލް ރަޝީދެވެ. ރާހިލް މެޗުގައި ދެ ގޯލު ޖެހި އިރު، އަހްނަފަށް ވަނީ ފަހު ކޮޅުގައި ރަތް ކާޑު ދައްކައިފައެވެ. އަނެއްކޮޅުން ކޮލަމާފުށީގެ ގޯލު، އަލީ ހަނީފް ޖެހި އިރު، އެޓީމުގެ މުހުލިސް ނަޖީބަށްވެސް ރޭ ރަތް ކާޑު ދައްކާފައިވެއެވެ.

ގއ އަތޮޅު ގްރޫޕް ދޭއްގައި ކަނޑުހުޅުދޫން ވަނީ ރޭ ވިލިނގިލި ބަލިކޮށް އުންމީދު އާކޮށްފައެވެ. 4-0 އިން ރޭ ކަނޑުހުޅުދޫ މޮޅުވީ އިސްމާއީލް އަންވާރުގެ ދެ ގޯލާއި އަހުމަދު ޖަވާދުގެ އިތުރުން އަލީ އަޒްވާން އަބްދުލް އަޒީޒް ޖެހި ގޯލުތަކުންނެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރީންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.