ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު އަދި މިރޭ ވެސް ތާވަލުކުރި ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، މާދަމާ ހެނދުނު 11:00ގައި އިތުރު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިރޭގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތަށް ވަޑައިގަތްތަނާހެން، ސަރުކާރު މެމްބަރުން ވަނީ، އަސްލަމް ވަށާލައި ދުންމާރި ފުމެ، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެވެ. އެހެންވެ ޖަލްސާ ފެށޭގޮތްވީ މިރޭ 8:26 ހާއިރެވެ. އަސްލަމް ވަށާލައި ދުންމާރި ފުމުނު މެމްބަރުންގެ ތެރޭގައި ޕީއެންސީއާ އަލަށް ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ މެންބަރުން ވެސް ހިމެނެއެވެ. ދުންމާރި ފުމޭތީ އަސްލަމް އިންނެވީ ކަންފަތުގައި އިއާޕޮޑެއް ޖައްސަވައިގެންނެވެ. ޖަލްސާ ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް މެދުކަނޑާލަން ވެސް ޖެހުނެވެ.

ޖަލްސާ މެދުކަނޑާލައި ގިނައިރުތަކެއް ފަހުން، އަނެއްކާވެސް ރިޔާސަތަށް ވަޑައިގެން އަސްލަމް ވިދާޅުވީ މިރޭގެ ޖަލްސާ ނިންމާލާފައިވާ ކަމަށާއި މާދަމާ އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

މަޖިލީހުން މިރޭ އާންމުކުރި މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން އެ ޖަލްސާގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމާއި އެކަމަށް ވޯޓަށް އެހުމެވެ.

މިރޭގެ ޖަލްސާގެ އިތުރުން މަޖިލީހުން މިއަދު ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ޖަލްސާއެއް ބާއްވައިފައެވެ. ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގުމުގެ ސަބަބުން އެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މަޖިލީހުގައި މިއަދު ފުރަތަމަ ބޭއްވި ޖަލްސާގައި މެންބަރުންގެ މެދުގައި މާރާމާރީ ހިންގުމުގެ ސަބަބުން ބައެއް މެންބަރުންނަށް ވަނީ އަނިޔާވެސްވަފައެވެ. ޕީއެންސީ އާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގީ، ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން އޮއްވައެވެ. އެގޮތުން މިއަދު މެންދުރު 1:30ގައި ނަގަން ނިންމި އެ ވޯޓުގެ ކުރިން، އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ.

އެކަމާ ގުޅިގެން ރުހުން ދިނުމުގެ ޖަލްސާ ފަށަން މެންބަރުން މާލަމަށް ވަންނަން ދިޔަ އިރު، ސަރުކާރަށް ނިސްބަތްވާ މެންބަރުން ތިބީ ދޮރުތައް ތަޅުލައިގެންނެވެ. އަދި ބައެއް މެންބަރުން އިދާރީ މޭޒު ކައިރީގައާއި މަޖިލިސް ރައީސް އިންނަވާ މަޖިލީހުގެ ރިޔާސަތުގެ ތެރޭގައި ތިއްބެވިއެވެ.

ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އެމްޑީޕީން މިފަހުން ޕީއެންސީއަށް ސޮއިކުރެއްވި ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އިންނެވީ މަޖިލިސް ރައީސް އިންނަވާ ގޮނޑީގައެވެ. އޭގެ އިތުރުން މެންބަރުން ވޯޓުލާން ބޭނުންވާ ކާޑުކޮޅުތަކާއި ބައެއް މޭޒުތަކުގައި ހުރި މައިކުތައްވެސް ސަރުކާރު މެންބަރުން ނެންގެވިއެވެ. އެކަމާ ގުޅިގެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އޭގެފަހުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލިސް ތަޅުމަށް ވެންނެވިއެވެ. އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވެސް ތަޅުމަށް ވަންނަވައި ރިޔާސަތަށް ވަޑައިގެންނެވިއެވެ. އެ ހިސާބުން މެންބަރުންގެ މެދުގައި އަރައިރުން ބޮޑުވެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށިއެވެ.

މާރާމާރީ ހިންގީ މެމްބަރު ޝަހީމާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، އަސްލަމް އިންނެވި ގޮނޑި ކައިރިއަށް ވަޑައިގެން އެ ގޮނޑިން އަސްލަމް ނަގަން އުޅުމުން އެމްޑީޕީގެ މެންބަރުން އެތަނަށް ވަޑައިގެން އެކަމަށް ހުރަސް އަޅައި އެ މެންބަރުން އެތަނުން ދުރަށްލާން އުޅުމުގެ ތެރޭގައެވެ.

ސަރުކާރުގެ މެންބަރުންނަށް ހުރަސް އަޅަން އުޅުއްވި މެންބަރުންގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތިނަދޫ އުުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހިމެނިވަޑައިގަންނަަވައެވެ.

އެ މައްސަލަގަނޑުގެ ތެރެއިން ދެ ޕާޓީގެ އިތުރު މެންބަރުން އެތަނަށް ވަޑައިގެން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގިއެވެ. އެ ހާދިސާގެ ތެރޭގައި އަހުމަދު އީސަ އާއި އަބްދުﷲ ޝަހީމްއާ ދެމެދު ހިނގި ކުރިމަތިލުމުގައި ޝަހީމުގެ ކަންފަތާ ދިމާލުން ފަޅައިގެންގޮސް ވަނީ ޒަހަމްވެފައެވެ. އެ އަނިޔާއާ ގުޅިގެން ފަރުވާ ދިނުމަށް ޝަހީމް ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.