ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިސްބަތްވާ ޕާޓީގެ މެމްބަރުން ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި އިރު، މަޖިލީހުގެ ރައީސް އެކަމަށް ހިތްވަރު ދެއްވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މި ޖަލްސާގައި މި ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ ގަޔަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީގެ މެންބަރުން އަތްލައި މާރާމާރީ ހިންގައި އަދި އެ މެންބަރުންގެ ބޯ ވަނީ ފަޅާލައިފައެވެ. މިކަން ހިނގަމުން ދިޔަ އިރު، މިކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާއިރު މިކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" ޕީޕީއެމުން ބުންޏެވެ.

މަޖިލީހުގެ ޖަލްސާތައް އިންތިޒާމު ކުރާ އިރު، މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދޭން ޖެހޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ. މަޖިލީހުގެ ތެރޭގައި ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް ހަރުކަށި އިބާރާތުން ގޮވާލާ ކަމަށް ޕީޕީއެމުން ބުންޏެވެ.

"އަދި މަޖިލީހުގައި ހިނގައިދިޔަ ކަންކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން މި ކޯލިޝަނުން ކުރަމުންގެންދާ ވާހަކަވެސް ދެންނެވީމެވެ..،" ޕީޕީއެމުން ބުންޏެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ޕީއެންސީ އާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގާފައިވާ އިރު، މިއަދު މެންދުރު 1:30 ގައި ނަގަން ނިންމި ވޯޓުގެ ކުރިން، އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ.

އެކަމާ ގުޅިގެން ރުހުން ދިނުމުގެ ޖަލްސާ ފަށަން މެންބަރުން މާލަމަށް ވަންނަން ދިޔަ އިރު، ސަރުކާރަށް ނިސްބަތްވާ މެންބަރުން ތިބީ ދޮރުތައް ތަޅުލައިގެންނެވެ. އަދި ބައެއް މެންބަރުން އިދާރީ މޭޒު ކައިރީގައާއި މަޖިލިސް ރައީސް އިންނަވާ މަޖިލީހުގެ ރިޔާސަތުގެ ތެރޭގައި ތިއްބެވިއެވެ.

ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އެމްޑީޕީން މިފަހުން ޕީއެންސީއަށް ސޮއިކުރެއްވި ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އިންނެވީ މަޖިލިސް ރައީސް އިންނަވާ ގޮނޑީގައެވެ. އޭގެ އިތުރުން މެންބަރުން ވޯޓުލާން ބޭނުންވާ ކާޑުކޮޅުތަކާއި ބައެއް މޭޒުތަކުގައި ހުރި މައިކުތައްވެސް ސަރުކާރު މެންބަރުން ނެންގެވިއެވެ. އެކަމާ ގުޅިގެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އޭގެފަހުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލިސް ތަޅުމަށް ވެންނެވިއެވެ. އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވެސް ތަޅުމަށް ވަންނަވައި ރިޔާސަތަށް ވަޑައިގެންނެވިއެވެ. އެ ހިސާބުން މެންބަރުންގެ މެދުގައި އަރައިރުން ބޮޑުވެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށިއެވެ.

މާރާމާރީ ހިންގީ މެމްބަރު ޝަހީމާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، އަސްލަމް އިންނެވި ގޮނޑި ކައިރިއަށް ވަޑައިގެން އެ ގޮނޑިން އަސްލަމް ނަގަން އުޅުމުން އެމްޑީޕީގެ މެންބަރުން އެތަނަށް ވަޑައިގެން އެކަމަށް ހުރަސް އަޅައި އެ މެންބަރުން އެތަނުން ދުރަށްލާން އުޅުމުގެ ތެރޭގައެވެ.

ސަރުކާރުގެ މެންބަރުންނަށް ހުރަސް އަޅަން އުޅުއްވި މެންބަރުންގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތިނަދޫ އުުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހިމެނިވަޑައިގަންނަަވައެވެ.

އެ މައްސަލަގަނޑުގެ ތެރެއިން ދެ ޕާޓީގެ އިތުރު މެންބަރުން އެތަނަށް ވަޑައިގެން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގިއެވެ. އެ ހާދިސާގެ ތެރޭގައި އަހުމަދު އީސަ އާއި އަބްދުﷲ ޝަހީމްއާ ދެމެދު ހިނގި ކުރިމަތިލުމުގައި ޝަހީމުގެ ކަންފަތާ ދިމާލުން ފަޅައިގެންގޮސް ވަނީ ޒަހަމްވެފައެވެ. އެ އަނިޔާއާ ގުޅިގެން ފަރުވާ ދިނުމަށް ޝަހީމް ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މިރޭ ވެސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދިޔައެވެ. މިރޭގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތަށް ވަޑައިގަތްތަނާހެން، ސަރުކާރު މެންބަރުން ވަނީ، އަސްލަމް ވަށާލައި ދުންމާރި ފުމެ، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެވެ. އެހެންވެ ޖަލްސާ ފެށޭގޮތްވީ މިރޭ 8:26 ހާއިރެވެ. އަސްލަމް ވަށާލައި ދުންމާރި ފުމުނު މެންބަރުންގެ ތެރޭގައި ޕީއެންސީއަށް އަލަށް ގުޅިވަޑައިގަތް ކުރީގެ އެމްޑީޕީ މެމްބަރުން ވެސް ހިމެނެއެވެ. ދުންމާރި ފުމޭތީ އަސްލަމް އިންނެވީ ކަންފަތުގައި އިއާޕޮޑެއް ޖައްސަވައިގެންނެވެ.