އުރީދޫ މޯލްޑިވްސްއިން ދައުލަތަށް ދައްކާ ފީ ކުޑަކޮށްދޭ ގޮތަށް ތެލެސީމިއާ ހޮސްޕިޓަލް އިމާރާތްކޮށްދިނުމަށް އެ ކުންފުނިން 100 މިލިއަން ރުފިޔާ ދޭން ނިންމައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ކެބިނެޓުން ނިންމި ކަންކަމުގެ މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކެބިނެޓުން، އުރީދޫއަށް ހުއްދަ ދީފައިވަނީ އުރީދޫގެ ޖުމުލަ އާމްދަނީގެ ތެރެއިން ފަސް ފަސްންޓު އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ ރާއްޖޭގައި ކުރިއެރުވުމަށް ޝަރުތުކޮށް އިތުރު އެއް ފަސަންޓާއެކު ޖުމުލަ ހަ ޕަސަންޓު، އެ ކުންފުނިން ދައްކާ ގޮތަށް ކަމަށެވެ.

ނަމަވެސް އުރީދޫގެ ހުށަހެޅުންތަކަށް އިކޮނޮމިކް ކައުންސިލުން މަޝްވަރާކޮށް ނިންމާފައިވަނީ އާމްދަނީގެ ފަސް ޕަސެންޓް ދައްކާ ގޮތަށް ކަމަށާއި އެޑްވާންސް ޓެކްސް ލައިންގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާ 100 މިލިއަން ރުފިޔާގެ ބަދަލުގައި 200 މިލިއަން ރުފިޔާއަށް އިތުރުކޮށް، އެ އަދަދު އެއްފަހަރާ ސަރުކާރަށް ދައްކާގޮތަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެކަމުގެ ބަދަލުގައި ތެލެސީމިއާ ހޮސްޕިޓަލް އިމާރާތްކޮށްދޭން އުރީދޫން ދޭން ޖެހޭނީ 100 މިލިއަން ރުފިޔާއަށް ކަމަށެވެ.

ކެބިނެޓުން ވަނީ ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ހެދުމަށް މީގެ ކުރިން ނިންމައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ހުޅުމާލޭގައި ތެލެސީމިއާ ސެންޓަރެއް ހެދުމަށް ވައުދުވެވަޑައިގެންފައެވެ.