ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެގައި އެހެން ބުނެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި މިއަދު މެންބަރުންގެ މެދުގައި މާރާމާރީ ހިންގުމުގެ ސަބަބުން ބައެއް މެންބަރުންނަށް އަނިޔާވުމާ ގުޅިގެންނެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގީ، ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން އޮއްވައެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާ އިރު، އެ ވޯޓު ނެގުމަށް ސަރުކާރު މެންބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމުގައި ދެކޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެކެވެ. ނަމަވެސް, މެންބަރުންނަށް އިންޒާރުދީ، ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާ އިރުވެސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަން މި ޕާޓީން ކުށްވެރި ކުރަމެވެ..،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށާއި

ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާ އިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ހިދަމަތްތަކަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ޕީއެންސީ އާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގާފައިވާ އިރު، މިއަދު މެންދުރު 1:30 ގައި ނަގަން ނިންމި ވޯޓުގެ ކުރިން، އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ.

އެކަމާ ގުޅިގެން ރުހުން ދިނުމުގެ ޖަލްސާ ފަށަން މެންބަރުން މާލަމަށް ވަންނަން ދިޔަ އިރު، ސަރުކާރަށް ނިސްބަތްވާ މެންބަރުން ތިބީ ދޮރުތައް ތަޅުލައިގެންނެވެ. އަދި ބައެއް މެންބަރުން އިދާރީ މޭޒު ކައިރީގައާއި މަޖިލިސް ރައީސް އިންނަވާ މަޖިލީހުގެ ރިޔާސަތުގެ ތެރޭގައި ތިއްބެވިއެވެ.

ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އެމްޑީޕީން މިފަހުން ޕީއެންސީއަށް ސޮއިކުރެއްވި ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އިންނެވީ މަޖިލިސް ރައީސް އިންނަވާ ގޮނޑީގައެވެ. އޭގެ އިތުރުން މެންބަރުން ވޯޓުލާން ބޭނުންވާ ކާޑުކޮޅުތަކާއި ބައެއް މޭޒުތަކުގައި ހުރި މައިކުތައްވެސް ސަރުކާރު މެންބަރުން ނެންގެވިއެވެ. އެކަމާ ގުޅިގެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އޭގެފަހުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލިސް ތަޅުމަށް ވެންނެވިއެވެ. އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވެސް ތަޅުމަށް ވަންނަވައި ރިޔާސަތަށް ވަޑައިގެންނެވިއެވެ. އެ ހިސާބުން މެންބަރުންގެ މެދުގައި އަރައިރުން ބޮޑުވެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށިއެވެ.

މާރާމާރީ ހިންގީ މެމްބަރު ޝަހީމް އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، އަސްލަމް އިންނެވި ގޮނޑި ކައިރިއަށް ވަޑައިގެން އެ ގޮނޑިން އަސްލަމް ނަގަން އުޅުމުން އެމްޑީޕީގެ މެންބަރުން އެތަނަށް ވަޑައިގެން އެކަމަށް ހުރަސް އަޅައި އެ މެންބަރުން އެތަނުން ދުރަށްލާން އުޅުމުގެ ތެރޭގައެވެ.

ސަރުކާރުގެ މެންބަރުންނަށް ހުރަސް އަޅަން އުޅުއްވި މެންބަރުންގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތިނަދޫ އުުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހިމެނިވަޑައިގަންނަަވައެވެ.

އެ މައްސަލަގަނޑުގެ ތެރެއިން ދެ ޕާޓީގެ އިތުރު މެންބަރުން އެތަނަށް ވަޑައިގެން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގިއެވެ. އެ ހާދިސާގެ ތެރޭގައި އަހުމަދު އީސަ އާއި އަބްދުﷲ ޝަހީމްއާ ދެމެދު ހިނގި ކުރިމަތިލުމުގައި ޝަހީމުގެ ކަންފަތާ ދިމާލުން ފަޅައިގެންގޮސް ވަނީ ޒަހަމްވެފައެވެ. އެ އަނިޔާއާ ގުޅިގެން ފަރުވާ ދިނުމަށް ޝަހީމް ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މިރޭ ވެސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދެއެވެ. މިރޭގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތަށް ވަޑައިގަތްތަނާހެން، ސަރުކާރު މެންބަރުން ވަނީ، އަސްލަމް ވަށާލައި ދުންމާރި ފުމެ، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެވެ. އެހެންވެ ޖަލްސާ ފެށޭގޮތްވީ މިރޭ 8:26 ހާއިރެވެ. އަސްލަމް ވަށާލައި ދުންމާރި ފުމުނު މެންބަރުންގެ ތެރޭގައި ޕީއެންސީއަށް އަލަށް ގުޅިވަޑައިގަތް ކުރީގެ އެމްޑީޕީ މެމްބަރުން ވެސް ހިމެނެއެވެ. ދުންމާރި ފުމޭތީ އަސްލަމް އިންނެވީ ކަންފަތުގައި އިއާޕޮޑެއް ޖައްސަވައިގެންނެވެ.