އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނެރޭ ކެންޑިޑޭޓުންނަށް ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ވާދަކުރި ގިނަ އަންހެނުން ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ވާދަކުރިއިރު އޭގެ ތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެއެވެ. ނަމަވެސް ޓިކެޓު ކަށަވަރު ކުރެއްވުނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އުޅުއްވި، ކުރީގެ މެންބަރު އަސްމާ ރަޝީދަށް އެކަންޏެވެ. އޭނާ ވަނީ މާފަންނު މެދު ދާއިރާގެ ޓިކެޓު ކަށަވަރުކުރައްވައިފައެވެ.
ނާކާމިޔާބުވި އަންހެން ކެންޑިޑޭޓުންގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ މެންބަރު އަނާރާ ނައީމާއި ނޫރުބާން ފަހުމީ އާއި ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒް އާދަމް ފަދަ ބޭފުޅުންވެސް ހިމެނިވަޑައިގަންވައެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަކާ ނުލައި 13 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު، އޭގެ ތެރޭގައި ވެސް ހިމެނެނީ އެންމެ އަންހެން ކެންޑިޑޭޓެކެވެ. އެއީ ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު