މީގެ ކުރިން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި 12 މެންބަރަކު ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ކޮންގްރެސްއާ ގުޅިވަޑައިގަތުމާ ގުޅިގެން، (ޕީއެންސީ) އަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ލިބިއްޖެއެވެ.
އެކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާން ކުރައްވައިފައެވެ.
އެހެންކަމުން އަސްލަމް ވިދާޅުވީ މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ވަޒީރުންނަށް ރހުން ދިނުމުގެ މައްސަލައާއި، ބައެއް ގާނޫނުތަކަށް އަވަހަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރުމުން މަޖިލިސް މެންބަރުންގެ އެދުމުގެ މަތިން ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި 12 މެންބަރަކު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށާއި، އަދި ޕީއެންސީގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ހިމެނޭ ޕީއެންސީގެ ދަފްތަރުގައި މިހާރު އެ މެންބަރުން ހިމަނާފައިވާކަން އެ ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު
- ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
- މައްޗަން ގޯޅީ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް
- ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް
- މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
- މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝީދު
- ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
- ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒް
މީގެ އިތުރުންވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޕީއެންސީއަށް ސޮއި ކުރައްވައިފައެވެ. ނަމަވެސް އެ މެންބަރުންގެ ނަން މަޖިލިސް ރައީސް އިއުލާނެއް ނުކުރައްވައެވެ. އެއީ އީސީން އެ ބޭފުޅުންގެ ނަންތަކާއި، ކަމާބެހޭ ލިޔުންތައް އަދި މަޖިލީހަށް ނުފޮނުއްވާތީއެވެ.
- އެމްޑީޕީ 44
- ޕީއެންސީ 14
- ޑިކޮމްރެޓްސް 13
- ޕީޕީއެމް 2
- އެމްޑީއޭ 2
- ޖޭޕީ 2
- ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3
ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތިން މެންބަރުންގެ ތެރޭގައި އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ، އެ ޕާޓީގެ ލީޑަރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވައެވެ.
މަޖިލިސް ރައީސް ވިދާޅުވީ މި ބަދަލާއެކު، މަޖިލީހުގައި ދެވަނައަށް އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ހިމެނޭތީ، މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީ ކަމަށެވެ. އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކަމަށެވެ.
މޫސާ ސިރާޖަކީވެސް ކުރީގައި އެމްޑީޕީ މެންބަރެކެވެ. އޭނާ ޕީއެންސީއަށް ބަދަލުވެވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިންނެވެ.
މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށިއިރު، މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ، އޭރުގެ އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އެވެ. އެއީ ފަސް މެންބަރުންނާއެކުގައެވެ. ނަމަވެސް މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ އެމްޑީޕީ ރޫޅި، 13 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމާ ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ޕީޕީއެމަށް ގެއްލި، ޑިމޮކްރެޓްސް އަށް ލިބުނެވެ. އެހިސާބުން ފެށިގެން މަޖިލީގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ އެ ޕާޓީއެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އެ ޕާޓީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
ޚަބަރު
ޚަބަރު
ޚަބަރު