ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ތ. އަތޮޅުގެ ސެމީ ފައިނަލަށް، އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ކިނބިދުއާއި ތިމަރަފުށި ދަތުރު ކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ކުޅެމުން އަންނަ އިރު، ރޭވެސް ވަނީ އަށް މެޗެއް ކުޅެފައެވެ. އެއީ ތ. އަތޮޅުގެ ހަތަރު މެޗާއި އއ. އަތޮޅުގެ އަތޮޅު ބުރު ދެމެޗު އަދި ނ. އަތޮޅުގެ ދެމެޗެވެ.
ތ. އަތޮޅު ގްރޫޕް އެކެއްގައި އެންމެ ފޯމު ރަނގަޅުކޮށް އޮތް ކިނބިދޫން ރޭ 7-2 އިން ބުރުނި ބަލިކޮށް، އަތޮޅު ސެމީ ޔަގީންކުރި އިރު، އެ މެޗުގައި ކިނބިދޫގެ މުހައްމަދު ސަހާއު (ބޭލް) ހެޓްރިކް ހެދިއެވެ. އަދި އެޓީމުގެ މުހައްމަދު ޝާފިއު ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ އަބްދުﷲ ސަމީހާއި އަބްދުﷲ ޔަމީނެވެ. ބުރުނީގެ ދެ ގޯލުވެސް މެޗުގައި ޖެހީ މުހައްމަދު ނާހިލް ނޫހެވެ.
އެ ގްރޫޕްގައި ރޭ ވިލުފުއްޓާއި އޮމަދޫ ވާދަކުރި މެޗުގެ ތެރެއިން ސަޕޯޓަރުން މެދުގައި ހަމަނުޖެހިމެއް ހިނގުމުން، މެޗު ވަނީ ވަކި ހިސާބަކުން ހުއްޓާލަން ޖެހިފައެވެ. އެހެންކަމުން މެޗުގެ ނަތީޖާއާ މެދު ދެން ގޮތެއް ނިންމާނީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ހާއްސަ ކޮމިޓީއަކުންނެވެ.
ތ. އަތޮޅު ގްރޫޕް ދޭއްގައި، ތިމަރަފުށިން ރޭ މަޑިފުށި ބަލިކުރީ 9-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) އާއި އިބްރާހީމް ހަމްދާން (ހަމްދެ) ހެޓްރިކް ފުރިހަމަ ކުރި އިރު، ދެން އެޓީމުގެ ގޯލުތައް ޖެހީ އިބްރާހީމް އަސްވަދު (ގަބޭ) އާއި އާދަމް ނާސިހް (އާދަންނާ) އަދި އިސްމާއީލް މުނީޒެވެ.
މަޑިފުށީގެ ގޯލު ޖެހީ އަފްޒަލް މުހައްމަދެވެ.
އެ ގްރޫޕްގައި ރޭ ހިރިލަންދުއާއި ވޭމަންޑޫ ވާދަކުރި މެޗު، ހިރިލަންދޫން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ހިރިލަންދޫގެ ގޯލުތައް ޖެހީ މުހައްމަދު ޝާނާއި މުހައްމަދު މިންވާލް އަދި އިސްމާއީލް އަޒުހާނެވެ.
އއ. އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ބޮޑުފޮޅުދޫން 7-1 އިން ރޭ ތޮއްޑޫ ބަލިކުރި އިރު، ބޮޑުފޮޅުދޫގެ މުހައްމަދު ސިރުހާން ވަނީ މެޗުގައި ހަތަރު ގޯލު ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލުތައް ޖެހީ އަލީ ޝަނީޒާއި ރުހުޝާން ޖަމީލް އަދި އަހުމަދު ރިޔުޝާނެވެ. ތޮއްޑޫގެ ގޯލު ޖެހީ އަހުމަދު ޝަމީމެވެ.
މަތިވެރިންވެސް އއ އަތޮޅު ލީގު ބުރުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، އުންމީދު އާކުރި އިރު، އެ މެޗުގައި ފެރިދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަލީ އަލްސަން ދެ ގޯލު ރޭ ޖެހި އިރު، މަތިވެރީގެ އަނެއް ގޯލު ޖެހީ އަހުމަދު ފިރާޝްއެވެ. ފެރިދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޝަފްރާޒެވެ.
ނ. އަތޮޅުގެ އަތޮޅު ބުރުގެ މެޗުތައްވެސް ކުރިއަށްދާ އިރު، ލީގު ބުރުގެ ދެމެޗު ރޭވެސް ކުޅުނެވެ. ހޮޅުދޫއާއި މިލަދޫ ވާދަކުރި މެޗު 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ހޮޅުދޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ރަޝީދު އަބޫބަކުރެވެ. އަދި މިލަދޫގެ ގޯލު ޖެހީ ހަސަން އަބްދުއް ސަމަދެވެ.
ރަނގަޅު ފޯމެއްގައި އޮތް ކެނދިކުޅުދޫން ރޭ ކުޅުނު މެޗުގައި 4-1 ވެލިދޫވެސް ބަލިކުރި އިރު، އެ މެޗުގައި ކެނދިކުޅުދޫގެ އިބްރާހީމް އަލީމް ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު އަރީހެވެ. ވެލިދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އަލީ އާލިމެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް