މާލޭ ސިޓީ ކައުންސިލުގެ އިތުރު ތިން މެންބަރަކު ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިއްޖެއެވެ.
އެ މެންބަރުން މިއަދު ވަނީ ޕީއެންސީއަށް ސޮއިކުރައްވައި، ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒާ ފޯމު ހަވާލުކުރައްވައިފައެވެ. މިއަދު ޕީއެންސީއަށް ސޮއިކުރި ކައުންސިލު މެންބަރުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ދެ މެންބަރަކާއި އެމްޑީޕީގެ މެންބަރެކެވެ.
ޕީއެންސީއަށް ސޮއިކުރެއްވި ޕީޕީއެމްގެ މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލު މެންބަރު އާއިޝަތު ނާޒިމާ އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލު މެންބަރު އިބްރާހީމް އަބޫބަކުރެވެ. އަދި ޕީއެންސީއާ ގުޅުނު އެމްޑީޕީގެ މެންބަރަކީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލު މެންބަރު މުހައްމަދު އަރީޝްއެވެ.
މިމަހު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، މެދު ހެންވޭރު ދާއިރާގެ ގޮނޑި ކަށަވަރުކުރި އަހުމަދު ރިޝްވާން ރަޝީދު ވެސް ވަނީ ދާދިފަހުން ޕީއެންސީއަށް ސޮއިކޮށްފައެވެ. އޭނާ ޕީއެންސީއަށް ސޮއިކުރީ މެންބަރުކަމުގެ ހުވާކުރެއްވުމުގެ ކުރިންނެވެ.
އޭގެ ކުރިން މިމަހުގެ ހަވަނަ ދުވަހު، ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވި ކެންޑިޑޭޓް، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މެނިފެސްޓޯގެ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް މާލޭ ސިޓީ ކައުންސިލުގެ ދެ މެންބަރަކު ޕީއެންސީއަށް ސޮއިކުރިއެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވި އަދި ފަހުން ދަ ޑިމޮކްރެޓްސްއާ ގުޅުނު ގަލޮޅު މެދު ދާއިރާގެ ކައުންސިލް މެންބަރު މަރިޔަމް ރީހާން ނާޒިމާއި، އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އައިޝަތު ނިޒްލީ ރަޝީދެވެ.
އެހެންކަމުން މިމަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ހަ މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު